މޫދަށް ކުނި އެޅުމުގެ ސަބަބުން ކުރި ޖޫރިމާނާ ދައްކަން ނުޖެހޭނެ ކަމަށް ބުނެ ކ. ތުލުސްދޫ ކައުންސިލުން އެންވަޔަރުމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އަށް ރައްދު ދީފިއެވެ.
އީޕީއޭއިން ބުދަ ދުވަހު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، ތުލުސްދޫ ކައުންސިލުން ކާބޯތަކެތީގެ ކުނި އަޅާ ޑަސްބިންތަކުގައިވާ ކުނިތައް މޫދަށް އަޅަމުންދަނީ "ކުނި މެނޭޖްކުރުމާބެހޭ ގަވާއިދު" އާ ކަނޑައެޅިގެން ހިލާފަށް ކަމަށެވެ. ތުލުސްދޫ ކުނި އަޅާ ޑަސްބިންތަކުގައިވާ ކުނިތައް މޫދަށް އެޅުން ވަގުތުން ހުއްޓުވުމުގެ ގޮތުންނާއި އިދާރީ ފިޔަވަޅެއްގެ ގޮތުންނާއި "ކުނި މެނޭޖުކުރުމާބެހޭ ގަވާއިދު" އާ ތުލުސްދޫ ކައުންސިލުން ހިލާފުވެފައިވާތީ އެ ކައުންސިލް 45،000 ރުފިޔާއިން ޖޫރިމާނާ ކޮށްފައިވާ ކަމަށް އީޕީއޭއިން ބުނެފައިވެއެވެ.
ޖޫރިމާނާގެ އެ ފައިސާ 30 ދުވަހުގެ ތެރޭގައި ދެއްކުމަށް އަންގާފައިވާ ކަމަށްވެސް އީޕީއޭއިން ބުންޏެވެ.
އެކަމާ ގުޅިގެން ތުލުސްދޫ ކައުންސިލުން އިއްޔެ ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، އީޕީއޭއިން ހަވާލާދީފައިވާ "ކުނި މެނޭޖްކުރުމާބެހޭ ގަވާއިދު" އަކީ އެ ކައުންސިލުން ހަދާފައިވާ އަދި އެއްވެސް އިރެއްގައި އަމަލުކުރަމުން އަންނަ ގަވާއިދެއް ނޫން ކަމަށާއި އަދި ޖޫރިމަނާގެ ފައިސާ ދައްކަން ޖެހޭ ކަމަށް ގަބޫލުނުކުރާ ކަމަށެވެ.
ތުލުސްދޫ ކައުންސިލުން ބުނީ، އެންވަޔަރުމެންޓް މިނިސްޓްރީން 2013 ވަނަ އަހަރުގެ އޮގަސްޓު މަހުގެ ފަސް ވަނަ ދުވަހު ގެޒެޓްކުރި ކުނި މެނޭޖުކުރުމުގެ ގަވާއިދުގެ ދަށުން ކުނިމެނޭޖުކުރުމުގެ ގަވާއިދާ ހިލާފުކަމެއް ހިނގާނަމަ ތަންފީޒީ އިދާރާއިން ބަލައި ފާސްކުރަންވާނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ. އަދި ކުނި މެނޭޖުކުރާ ފަރާތްތަކަށް ރިޕޯޓެއް ހަދައި ހުށަހަޅަންވާނެ ކަމަށެވެ. ނަމަވެސް އީޕީއޭއިން ތުލުސްދޫ ކައުންސިލް އިދާރާ ޖޫރިމަނާކުރި އިރު، އެ ރިޕޯޓު ލިބިފައިނުވާ ކަމަށް ތުލުސްދޫ ކައުންސިލުން ބުންޏެވެ.
ތުލުސްދޫ ކައުންސިލުން ބުނީ 2020 ވަނަ އަހަރުވެސް އެފަދަ މައްސަލައެއް ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) މެދުވެރިކޮށް އީޕީއޭއިން ކައުންސިލަށް އެންގި ކަމަށެވެ.
އެލްޖީއޭއިން 2020 ވަނަ އަހަރު ރަށު ފެންވަރުގައި ކުނި މެނޭޖުކުރުމުގެ ހިދުމަތް ދިނުމަށް އަންގާފައިވާ ކަމަށާއި މިހާރު ވެސް ކުނި މެނޭޖުކުރުމުގެ މަސައްކަތް ކުރަމުންދަނީ ކައުންސިލްތަކުގެ ބެލެނިވެރި ފަރާތް، އެލްޖީއޭއިން ދީފައިވާ ގައިޑްލައިނާ އެއްގޮތަށް ކަމަށް ތުލުސްދޫ ކައުންސިލުން ބުންޏެވެ.
ތުލުސްދޫ ކައުންސިލާއި އެންވަޔަރުމެންޓް މިނިސްޓްރީއާ ދެމެދު މިދިޔަ އަހަރު ވޭސްޓު މެނޭޖުމެންޓް ސެންޓަރެއް ގާއިމްކުރުމަށް އެމްއޯޔޫއެއްގައި ސޮއިކޮށްފައިވާ ކަމަށާއި ނަމަވެސް އެ މަސައްކަތް އަދިވެސް ނުފަށާ ކަމަށެވެ.
އެންވަޔަރުމެންޓް މިނިސްޓްރީން ކުރަންޖެހޭ ކަންކަން ލަސްވުމުގެ ސަބަބުން އެކަންކަން ކައުންސިލުގެ ބަޖެޓުން ކުރުމަށް ފާސްކޮށްފައިވާ ކަމަށް ތުލުސްދޫ ކައުންސިލުން ބުންޏެވެ. އަދި މިހާރު ތަޖުރިބާކާރުންގެ އެހީގައި ކުނިމެނޭޖުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ބުންޏެވެ.
އީޕީއޭއިން ކައުންސިލް އިދާރާ ޖޫރިމަނާކުރި އިރު، އެކަންކަމަށް ރިއާޔަތްކުރަންވާނެ ކަމަށާއި އެކަންކަމަށް ރިއާޔަތްނުކޮށް ޖޫރިމާނާ ކުރުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށް ތުލުސްދޫ ކަައުންސިލުން ބުންޏެވެ.