މޯލްޑިވްސް މެރިން އެކްސްޕޯގެ ހަތްވަނަަ އެޑިޝަން އިއްޔެ ހުޅުމާލެ ސެންޓްރަލް ޕާކުގައި ފަށައިފިއެވެ.
މިއަހަރުގެ މެރިން އެކްސްޕޯ ހުޅުވައިދެއްވީ ޓޫރިޒަމް މިނިސްޓަރު ޑރ. މައުސޫމްއެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުވެސް ވަނީ އިއްޔެ މެރިން އެކްސްޕޯއަށް ޒިޔާރަތް ކުރައްވައި އެކްސްޕޯގެ ސްޓޯލްތައް ބައްލަވާލައްވައިފައެވެ.
މިއީ ރާއްޖޭގެ މެރިން ދާއިރާއަށް ހާއްސަކޮށްގެން ކުރިއަށްގެންދާ ހަމައެކަނި އެކްސްޕޯއެވެ. ނެޝަނަލް ބޯޓިން އެސޯސިއޭޝަނުން (އެންބީއޭއެމް) ބާއްވާ މި އެކްސްޕޯގައި މި އަހަރުވެސް 50 ފަރާތަކުން ބައިވެރިވެއެވެ. އޭގެ ތެރޭގައި ޔޮޓުތަކާއި ސަފާރީތަކާއި މަސްވެރިކަމުގެ ވިޔަފާރިތަކާއި މޫދު ކުޅިވަރުގެ ހަރަކާތްތައް ކުރިއަށްގެންދާ ވިޔަފާރިތަކާއި ލޮޖިސްޓިކްސް ވިޔަފާރިތަކާއި ކަނޑުއުޅަނދުފަހަރަށް ބޭނުންވާ ސާމާނު ވިއްކާ ވިޔަފާރިތަކުގެ އިތުރުން މެރިން ފުޑްސް އުފައްދާ ފަރާތްތަށް ހިމެނެއެވެ.
މިއަހަރުގެ މެރިން އެކްސްޕޯގެ މެއިން ސްޕޮންސަރަކީ އެމްޓީސީސީއެވެ. ކޯ ސްޕޮންސަރުންނަކީ ގަލްފް ކްރާފްޓާއި ޖަލްބޫތުއެވެ.
އާއްމުކޮށް ހުޅުވާއިގެން ބާއްވާ މި އެކްސްޕޯ ކުރިއަށް ދާނީ މާދަމާގެ ނިޔަލަށް ކޮންމެ ދުވަހަކު ހަވީރު 4:00 އިން ރޭގަނޑު 10:00 އަށެވެ.
މޯލްޑިވްސް މެރިން އެކްސްޕޯއަކީ 2014 ވަނަ އަހަރުން ފެށިގެން އެންބީއޭއެމްއިން މެރިން ދާއިރާގެ ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތަކަށް ހާއްސަކޮށްގެން ބާއްވަމުން ގެންދާ އެކްސްޕޯއެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު