އަންނަ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް އެހެން ޕާޓީއަކާއެކު ކޯލިޝަން ހަދަން ބޭނުން ނޫން ކަމަށާއި މޯލްޑިވްސް ޑިމޮކްރެޓިކް އެލަޔަންސް (އެމްޑީއޭ) އަށް އެކަނިވެސް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމަށް އެޕާޓީގެ ރައީސް އަދި ސަންޓްރެވަލްގެ ވެރިޔާ، މީދޫ ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު ސިޔާމު (ސަން ސިޔާމު) ވިދާޅުވެއްޖެއެވެ.

ސިޔާމު މިހެން ވިދާޅުވީ، މިއަދު ހަވީރު ބޭއްވި އެމްޑީއޭގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ސިޔާމް ވިދާޅުވީ، ރައްޔިތުން ބޭނުންވަނީ ރަނގަޅު ސިއްހީ ނިޒާމަކާއި ފުދުންތެރި ދިރިއުޅުމެއް ކަމަށެވެ. އަދި ރައްޔިތުންގެ އެ ހުވަފެންތައް ހަގީގަތަކަށް ހަދައިދެވޭނީ އެމްޑީއޭއަށް ކަމަށްވެސް ވިދާޅުވިއެވެ. އެކި ރަށްރަށުގައި ރައްޔިތުން އުޅެނީ ވަރަށް ހާލުގައި ކަމަށާއި އެ ރައްޔިތުންނަށް ރަނގަޅު ގޮތްތަކެއް ހޯދައި ދެވޭނީ އެމްޑީއޭއަށް ކަމަށްވެސް ވިދާޅުވިއެވެ.

ރާއްޖޭގައި ކޮރަޕްޝަން ކަންބުޑުވާވަރަށް އޮތްކަން ފާހަގަ ކުރައްވައި ސިޔާމް ވިދާޅުވީ، އޭނާއަކީ ފަސްބައި ސާފުތާހިރު ބޭފުޅެއް ކަމަށާއި އެ ޕާޓީއަކީވެސް އެފަދަ ތާހިރު ޕާޓީއެއް ކަމަށެވެ. ރައްޔިތުން މިހާރު ބޭނުންވަނީ އެފަދަ ބައެއް ކަމަށްވެސް ވިދާޅުވިއެވެ. އަދި ރައްޔިތުންނަށް ސިޔާމު ކޮށްދެއްވި ކަންތައްތައް ވަރަށް ސާފުވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ސިޔާމު ވިދާޅުވީ ޓެކްސްގެ ގޮތުގައި ދައުލަތަށް އެންމެ ގިނަ ފައިސާއެއް ދެއްވަނީ އޭނާ ކަމަށެވެ. އެހެންކަމުން ދިވެހި ދައުލަތަށް އާސަންދަ އާއި އެހެނިހެން ކަންތައްތައް ކުރުމަށް އެންމެ ގިނަ ފައިސާ ދެއްވަނީ އޭނާ ކަމަށާއި އެމްޑީއޭއަށް ރައްޔިތުންގެ ކަންތައްތައް ކޮށްދެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.

ސިޔާމު ވަނީ ކުރިއަ ށްއޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އެހެންކަމުން އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން ކުރައްވާ ކަންތައްތަކުގެ ތެރެއިން އެންމެ ބޮޑު އަމާޒަކީ މިއަހަރު ނިމޭއިރު ޕާޓީއަށް 50،000 މެންބަރުން އިތުރު ކުރުން ކަމަށްވެސް ވިދާޅުވިއެވެ.

ކޯލިޝަން ހަދައިގެން ނޫން ގޮތަކަށް އެއްވެސް ޕާޓީއަކަށް ރިޔާސީ އިންތިހާބު ކާމިޔާބު ނުކުރެވޭނެ ކަމަށާއި ރާއްޖޭގައި މިހާރު މިއޮތް ވެރިކަމުގެ ނިޒާމަކީ ކަމުދާ ނިޒާމެއް ނޫން ކަމަށް ވިދާޅުވެ، ރާއްޖޭގެ ވެރިކަން ބަރުލަމާނީ ނިޒާމަށް ބަދަލު ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެމްޑީޕީގެ ކޮންގްރެސްއަށް މިއަދު ހުށަހަޅުއްވައިފައެވެ. އެކަމާ ގުޅިގެން ސިޔާމު ވިދާޅުވީ ރާއްޖޭގައި މިއޮތް ނިޒާމަކީ އެންމެ ރަނގަޅު ނިޒާމު ކަމަށެވެ. ކޮރަޕްޝަން ގިނަ ގައުމުތަކުގައި ގިނައިން އޮންނަނީ ބަރުލަމާނީ ނިޒާމު ކަމަށްވެސް ސިޔާމު ވިދާޅުވިއެވެ.

ރައްޔިތުންނަށް ރަނގަޅު ގޮތްތަކެއް ހޯދުމަށް ބޭނުންވަނީ ވެރިކަމުގެ ވަކި ނިޒާމެއް އޮތުން ނޫން ކަމަށާއި ބޭނުންވަނީ ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅެއްގެ އިހުލާސްތެރިކަން ކަމަށްވެސް ވިދާޅުވިއެވެ.

ސިޔާމު ވިދާޅުވީ، ޕާޓީގެ ފަރާތުން ސިޔާސީ ޓިކެޓް ހަވާލުކުރުން އަދި އޮންނާނެ ކަމަށާއި ރަނިންމޭޓެއް އައްޔަން ކުރުމުގެ މަސައްކަތްވެސް ކުރިއަށް އެބައޮތް ކަމަށެވެ.

އެމްޑީއޭ އުފެދުނީއްސުރެ މިހާތަނަށް އެ ޕާޓީގެ ލީޑަރުގެ ގޮތުގައި ސިޔާމު ހުންނެވި ނަމަވެސް މިއަދު ބޭއްވި ކޮންގްރެއްގައި ޕާޓީގެ ލީޑަރުގެ މަގާމު ވަނީ ޕާޓީގެ ރައީސްގެ މަގާމަށް ބަދަލުކޮށްފައެވެ.