ދެމެހެއްޓެނެވި ގޮތެއްގައި ރަށްރަށުގައި ހިންގުމަށް ބޭނުންވާ ޕްރޮޖެކްޓުތަކަށް އެހީތެރިވުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހިންގާ 'ބީއެމްއެލް ކޮމިއުނިޓީ ފަންޑު' ގެ ދަށުން ށ. މާއުނގޫދޫގެ ބައެއް މަގުތަކުގައި ސޯލާ މަގުބައްތި ހަރުކޮށްފިއެވެ.
ބީއެމްއެލުން މައުލޫމާތުދޭ ގޮތުގައި މި ޕްރޮޖެކްޓް ހިންގާފައިވާ ސޮސައިޓީ ފޯ މާއުނގޫދޫ ޔޫތު ލިންކޭޖުގެ ފަރާތުންނެވެ. އެ ޖަމިއްޔާއިން ވަނީ މާއުނގޫދޫގެ މީހުން އާބާދުވަމުންދާ ސަރަހައްދުގެ އިތުރުން އެހެން މަގުތަކުގައި ހުރި 25 މަގުބައްތި، އިޔާދަކުރަނިވި ހަކަތައިން ދިއްލޭ ބައްތިއަށް ބަދަލުކޮށްފައެވެ.
މި ޕްރޮޖެކްޓާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޖަމިއްޔާގެ ފަރާތުން މުހައްމަދު ޒާހިރު ވިދާޅުވީ ސޯލާ މަގުބައްތި ހަރުކުރުމުގެ ސަބަބުން އިޔާދަ ނުކުރެވޭ ހަކަތައަށް ކުރާ ހޭދަ ކުޑަވެ، ތިމާވެއްޓާ ރަށްޓެހި މުޖުތަމައަކަށް ބަދަލުވުމަށް ކުރަމުން އަންނަ މަސައްކަތަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމަށެވެ.
"މީގެ ކުރިން މި މަގުތަކުގައި އަލިކަމެއް ނެތުމުގެ ސަބަބުން ރައްޔިތުންނަށް ގިނަ ދަތިތަކާ ކުރިމަތިވޭ. އަޅުގަނޑުމެންގެ އުންމީދަކީ މި ޕްރޮޖެކްޓާއެކު ރައްޔިތުންނަށް މިރަށުގެ މަގުތަކަކީ އަމާން ތަނަކަށްވުން،" އޭނާ ވިދާޅުވިއެވެ.
ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑަކީ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލެވިފައިވާ ފަންޑެކެވެ.
އެގޮތުން ތައުލީމާއި ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހަޅާ ޕްރޮޖެކްޓުތަކުގެ ތެރެއިން ހޮވޭ ކޮންމެ ޕްރޮޕޯސަލެއްގައި ހިމެނޭ ހަރަކާތް ހިންގުމަށްޓަކައި 50،000 ރުފިޔާ ދެއެވެ.
މިހާތަނަށް ކޮމިއުނިޓީ ފަންޑުގެ ދަށުން 70 ޕްރޮޖެކްޓް ހިންގުމަށް ފައިސާގެ އެހީ ފޯރުކޮށްދީފައިވާ އިރު، ކޮމިއުނިޓީ ފަންޑުގެ ދަށުން މިއަހަރު އިތުރު 10 ޕްރޮޖެކްޓަށް އެހީތެރިކަން ފޯރިކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.