ތުރުކީގެ ކޮންޏާގައި ކުރިއަށްދާ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި އިއްޔެ ކުރިއަށްދިޔަ އެތުލިޓްކްސް އިވެންޓުތަކުން އައިޝަތު ހިމްނާ ހަސަން، އަންހެނުންގެ 200 މީޓަރުގެ ދުވުމުގެ ރެކޯޑް މުގުރާލި އިރު، ގޭމްސްގެ 200 މީޓަރު ފިރިހެން ދުވުމުގެ ސެމީ ފައިނަލުން އިބާދުﷲ އާދަމް ޖާގަ ހޯދައިފިއެވެ.
އުމުރުން 20 އަހަރުގެ ހިމްނާ ސޮލިޑާރިޓީ ގޭމްސްގައި 200 މީޓަރު ރެކޯޑް މުގުރާލީ ހީޓް ދޭއްގައި ދުވެގެން، 24.66 ސިކުންތުން ރޭސް ނިންމައިގެންނެވެ. ހިމްނާ އިއްޔެ މުގުރާލީ އަފާ އިސްމާއިލް އަތުގައި އޮތް ރެކޯޑެކެވެ. އަފާ ރެކޯޑް ހެދީ 2016 ވަނަ އަހަރުގެ އޮލިމްޕިކް ގޭމްސްގައެވެ. އެފަހަރު އަފާގެ ރެކޯޑް ޓައިިމިން އަކީ 24.96 ސިކުންތެވެ.
ރާއްޖޭގައި މިހާރު އެންމެ ބޮޑު ކުރިއެރުންތައް ހޯދަމުން އަންނަ ދުވުންތެރިޔާ، ހިމްނާ ދިޔައީ މިއަދުގެ 200 މީޓަރު ދުވުމުގެ ހީޓްގެ ފަސް ވަނައަށެވެ. ހިމްނާ މިފަހަރުގެ ސޮލިޑާރިޓީ ގޭމްސްއަށް ދިޔުމުގެ ކުރިން ބާމިންހަމްގައި އޮތް ކޮމަންވެލްތު ގޭމްސްގައި 20 އަހަރުވީ ގައުމީ 100 މީޓަރު އަންހެން ދުވުމުގެ ރެކޯޑުވެސް މުގުރާލިއެވެ.
އިބާދުﷲ ވާދަކުރި ފިރިހެނުންގެ 200 މީޓަރު ދުވުމުގެ ފުރަތަަމަ ހީޓުގައި އަށް ދުވުންތެރިން ދުވަން އޮތް ނަމަވެސް ތިން ދުވުންތެރިން ވަނީ ޑިސްކޮލިފައިވެފައެވެ. އެއީ އައިވަރީ ކޯސްޓުގެ ޑިޖޭރޯ އާއި މެލޭޝިއާގެ އަރްސިއާދު އަދި އީރާންގެ ތަފްތިއާންއެވެ.
އިބާދުﷲ ވާދަކުރި ރޭހުގައި ދުވި ފަސް ދުވުންތެރިންގެ ތެރެއިން އޭނާ ނިންމީ ތިން ވަނައިގައެވެ. ޓައިމިން އަކީ 21.75 ސިކުންތެވެ. ރޭހުގެ ކޮންމެ ހީޓެއްގެ ގަދަ ހަތަރެއް ސެމީ ފައިނަލަށް ހޮވޭއިރު، އިބާދުﷲ ސެމީ ޔަގީންކުރިއެވެ.
ރާއްޖޭގެ ދެ ދުވުންތެރިން ވަނީ އެންމެ ފަހުން 2017 ވަނަ އަހަރު އަޒަރުބައިޖާނުގެ ބަކޫގައި ބޭއްވި ސޮލިޑާރިޓީ ގޭމްސްގެ 200 މީޓަރު ސެމީގައި ދުވެފައެވެ. އެ ފަހަރު ސެމީއަށް ދިޔައީ ހަސަން ސާއިދާއި ސަރީސް އަހުމަދެވެ. ސާއިދު ވަނީ އެފަހަރު 100 މީޓަރާއި 200 މީޓަރު އިވެންޓުގައި ވެސް ފައިނަލުގައި ދުވެފައެވެ.
މި ފަހަރުގެ ސޮލިޑާރިޓީ ގޭމްސްގެ 200 މީޓަރު ރޭހުގައި ސާއިދު އިއްޔެ ދުވި ހީޓުން އޭނާއަށް ލިބުނީ ފަސް ވަނައެވެ. ސާއިދުގެ ޓައިމިން އަކީ 21.69 ސިކުންތެވެ.
ސޮލިޑާރިޓީ ގޭމްސްގެ 400 މީޓަރު ދުވުމުގެ ފައިނަލުގައި ރާއްޖޭގެ ހިމްނާ އާއި އާމިނަތު ލަޔާނާ މުހައްމަދު އިއްޔެ ވާދަކޮށްފައިވާ އިރު، ރޭހުގައި ހިމްނާ ނިންމީ ހަތްވަނައަށެވެ. ލަޔާނާ ނިންމީ އަށްވަނައަށެވެ.
އެތުލެޓިކްސް
އެތުލެޓިކްސް
އެތުލެޓިކްސް