އެފްއޭއެމް ދެވަނަ ޑިވިޝަން މުބާރާތުގައި ރޭ ކުޅުނު މެޗުގައި ލިޓްލް ޓައުން (އެލްޓީ) ސްޕޯޓްސް ކްލަބު ބަލިކޮށް، ކްލަބު ޓީނޭޖުން ސެމީ ފައިނަލްގެ އުންމީދު ބޮޑު ކޮށްފިއެވެ.
ގްރޫޕް ދޭއްގައި ރޭ، ގައުމި ދަނޑުގައި ކުޅުނު މެޗުގައި އެލްޓީ ސްޕޯޓްސް އަތުން ކްލަބު ޓީނޭޖް މޮޅުވީ 2-1 ގެ ނަތީޖާއަކުންނެވެ.
ގުރޫޕް ދޭއްގައި ރޭ ކުޅުނު މެޗަށް ނުކުތް އިރު، ސެމީގެ ފުރުސަތު އެންމެ ބޮޑުކޮށް އޮތީ އެލްޓީއަށެވެ. އެޓީމަށް ޕޮއިންޓަކާއެކުވެސް ސެމީ ޔަގީން ކުރެވެން އޮތެވެ. އަނެއްކޮޅުން ކްލަބު ޓީނޭޖަށް ރޭގެ މެޗަކީ މަޖުބޫރު މެޗެކެވެ. ރޭގެ މެޗުން މޮޅުވެ، ގްރޫޕް ސްޓޭޖުގައި ކުޅުނު ހަތް މެޗުން 13 ޕޮއިންޓް ހޯދައި، ޓީނޭޖް މިހާރު އޮތީ ގްރޫޕް އެއްވަނައިގައެވެ. ދެ ވަނައިގައި އޮތް އެލްޓީއަށްވެސް ހަތް މެޗުން 13 ޕޮއިންޓް ލިބިފައިވާ އިރު، ޓީނޭޖް އެއްވަނައިގައި އޮތީ ގޯލުގެ ތަފާތުންނެވެ. އެ ތަފާތަށް ބަދަލު ގެނެވެން އެލްޓީއަށްވެސް ނެތީ، އެލްޓީއާއި ޓީނޭޖަށްވެސް ގުރޫޕްގައި ބާކީ ދެން މެޗެއް ނެތުމުންނެވެ.
އެލްޓީއަށް ދެވެން އޮތް ހަމައެކަނި ގޮތަކީ ބުރާސްފަތި ދުވަހު ނިއު ރޭޑިއަންޓާއި މަހިބަދޫ ކުޅޭ މެޗުން، މަހިބަދޫ މޮޅުވުމެވެ. އެ މެޗުން ނިއު ޕޮއިންޓެއް ހޯދައިގެންވެސް ސެމީއަށް ދާނީ ނިއު އާއި ޓީނޭޖެވެ.
ރޭގެ މެޗުގެ 10 މިނިޓުގެ ތެރޭގައި އެލްޓީން ލީޑު ނެގިއެވެ. އެ ގޯލު ޖެހީ އެލްޓީއަށް ކުޅޭ ސްރީ ލަންކާގެ ގައުމީ ޓީމުގެ މިޑްފީލްޑަރު މިގަލަހަންދިގެ ޗަންގްލަން ޗަމީރާ އެވެ.
ޓީނޭޖުން މެޗުގެ ނަތީޖާ އެއްވަރުކުރީ 29 ވަނަ މިނިޓުގައި އެ ޓީމުގެ ބިދޭސީ ޑިފެންޑަރު ސާދިރުއްދީން އުގްލީ ކާމިޔާބުކުރި ގޯލުންނެވެ. ޓީނޭޖުން އެ ޓީމު ކޮޅަށް މެޗު އަނބުރާލީ މެޗުގެ 82 ވަނަ މިނިޓުގައި މިސްރު ފޯވަޑް އަލީ އަހްމަދު އަލީ އަފީފީ ޖެހި ލަނޑުންނެވެ.
ދެވަނަ ޑިވިޝަނުގައި މިއަދު ހަވީރު އޮންނަ މެޗުގައި ކްލަބު ޕީކޭއިން ދިވެހި ސިފައިންގެ ކްލަބާ ދެކޮޅަށް ނުކުންނަ އިރު، މިރޭ ކުޅޭ ގްރޫޕް އޭގެ ފަހު މެޗުގައި ޓެންޓް ސްޕޯޓްސް ނުކުންނާނީ ޖޭޖޭ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.