ސައުތު އޭޝިއަން ގޭމްސް 2016 ވަނަ އަހަރު ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދާ ވާދަކޮށް، 100 މީޓަރު ފިރިހެން ދުވުމުގެ ރަން މެޑަލް ހޯދި ސްރީލަންކާގެ ދުވުންތެރިޔާ ހިމާޝާ އެޝާން، މަނާ ބޭހަކަށް ޕޮޒިޓިވްވެ، ސަސްޕެންޑް ކޮށްފިއެވެ.
ސްރީލަންކާގެ އެންޓި ޑޯޕިން އޭޖެންސީން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ހިމާޝާ މަނާ ބޭހަށް ޕޮޒިޓިވްވެފައިވާކަން ސާބިތުވެފައިވާތީ، ހަތަރު އަހަރަށް ފީލްޑްގެ ހުރިހާ ކުޅިވަރަކުން ބޭން ކުރަން ނިންމާފައިވާ ކަމަށެވެ. ލަންކާގެ 100 މީޓަރު ރެކޯޑު ކުރިން އޮންނަ ހިމާޝާއަކީ ސައުތު އޭޝިއާގެ ޗެމްޕިއަނެކެވެ.
ހިމާޝާ އަށް މީގެ ކުރިން ވަގުތީ ބޭންއެއް އައިސްފައި ވަނީ މިދިޔަ އަހަރު އޮކްޓޯބަރު މަހުގެ ތެރޭގައެވެ. އެއީ ސްރީލަންކާ އާމީއަށް އޭނާ ދިން ޔޫރިން ސާމްޕަލްއެއްގައި މަނާ ބޭހުގެ ސަބްސްޓެންސެއް ހުރުމުންނެވެ. އެފަހަރުގެ ވަގުތީ ބޭންގެ މައްސަލަ މިއަހަރު ޖޫން މަހުގެ ތެރޭގައި ބެލި އިރު، އެކަން ވަނީ ސާބިތުވެފައެވެ.
ހިމާޝާ ބޭން ކުރަން ލަންކާގެ ޑޯޕިން އެޖެންސީން ނިންމާފައި ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 26 އިން ފެށިގެން 2025 ވަނަ އަހަރު އޮކްޓޯބަރު 25 ވަނަ ދުވަހާ ހަމައަށެވެ. ހިމާޝާއަށް ރޭސްތަކުގައި ވާދަކުރުމުގެ އިތުރުން ކޯޗުންނާއެކު ތަމްރީނުތައް ކުރިއަށް ގެންދިޔުންވެސް މަނާކޮށްފައިވެއެވެ.
ހިމާޝާއާ މެދު ނިންމާފައިވާ ނިންމުން ކުރިއަށް އޮތް 14 ދުވަސް ތެރޭ އިސްތިއުނާފު ކުރުމުގެ ފުރުސަތު އޭނާއަށް އޮންނާނެއެވެ.
ހިމާޝާއަކީ 2016 ވަނަ އަހަރު ސައުތު އޭޭޝިއަން ގޭމްސްގެ ރަން މެޑަލް ހޯދައި، ގިނަ ދުވަސްތަކެއް ވަންދެން މި ސަރަހައްދުގެ ރެކޯޑު ހިފެހެއްޓި ދުވުންތެރިއެއްވެސް މެއެވެ. އޭނާ އަތުން ސަރަހައްދީ ރެކޯޑު ފަހުން ހޯދީ ލަންކާގެ ދުވުންތެރިޔާ ޔުޕުން އަބޭކޯންއެވެ.
ހިމާޝާއަށް ފިޔަވަޅު އެޅުމާއެކު 2016 ވަނަ އަހަރު ރާއްޖޭގެ އޮލިމްޕިކްސް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި ހުރި އަހުމަދު މަރުޒޫގް (މަރޭ) ސޯޝަލް މީޑިއާގައި ބުނެފައި ވަނީ 2016 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގެ ރަން މެޑަލް ހައްގު ވަނީ ސައީދަށް ކަމަށާއި ހިމާޝާ އަތުން މެޑަލް އަތުލައި، ސާއިދަށް މެޑަލް ހޯދައިދޭން ވަކާލާތު ކުރުމަށް ރާއްޖޭގެ އޮލިމްޕިކްސް ކޮމިޓީއަށް ގޮވާލާ ކަމަށެވެ.
ސާއިދު ވަނީ ފަހުން 2019 ވަނަ އަހަރު ހިމާޝާ ކައިރީ މޮޅުވެ، ސައުތު އޭޝިއަން ގޭމްސްގެ 100 މީޓަރު ދުވުމުން ރަން މެޑަލް ރާއްޖެ ގެނެސްދީފައެވެ.
އެތުލެޓިކްސް
އެތުލެޓިކްސް
އެތުލެޓިކްސް