ޚަބަރު

ރާއްޖެއަށް އެތެރެ ކުރާ މުދަލުން ޖީއެސްޓީ ނަގަން ވޯލްޑް ބޭންކުން ލަފާ ދީފި

ރާއްޖޭގެ ދަރަނީގެ ދެމެހެއްޓެނިވިކަން ކަށަވަރު ކުރުމަށްޓަކައި ޖީއެސްޓީ އިތުރުކުރަން ސަރުކާރުން ނިންމި ނިންމުމަށް ތާއީދުކުރާ ކަމަށާއި ރާއްޖެއަށް އެތެރެކުރާ މުދަލުންވެސް ޖީއެސްޓީ ނެގުމަށް ވޯލްޑް ބޭންކުން ބުނެފިއެވެ.

އެ ޖަމިއްޔާއިން މިހެން ބުނީ މިއަދު އާއްމުކުރި މޯލްޑިވްސް ޕަބްލިކް އެކްސްޕެންޑިޗާ ރިވިއު (ޕީއީއާރު) ރިޕޯޓުގައެވެ. މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް ބޮޑުކުރަން ތާއީދު ކަމަށް ވޯލްޑް ބޭންކުން ބުނި އިރު، އެކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އިން ވެސް ވަނީ ތާއިދުކޮށްފައެވެ.

ވޯލްޑް ބޭންކުންގެ ރިޕޯޓުގައި ބުނެފައިވަނީ ދުނިޔޭގެ އިގުތިސޯދީ ހާލަތަށް ބަލާ އިރު ރާއްޖޭގެ ދަރަންޏާއި ދައުލަތުގެ ހަރަދުތައް މެނޭޖުކުރަން ޖެހޭ ކަމަށާއި ދައުލަތުގެ ހަރަދުތައް ހަމަޖެއްސުމަށް ރާއްޖޭގެ އެތެރޭގެ ބާޒާރުން އާމްދަނީ އިތުރުކުރުން މުހިއްމު ކަމަށެވެ.

އާމްދަނީ އިތުރު ކުރަން ވޯލްޑް ބޭންކުން ލަފާދިން ކަންކަމަކީ:

  • ޖީއެސްޓީ ދައްކަން ޝަރުތު ހަމަނުވާ ކުދި ވިޔަފާރިތަކަށް އަހަރަކު ލިބޭ އާމްދަނީން 2-3 ޕަސެންޓު ޓެކްސްގެ ގޮތުގައި ނެގޭނޭ ގޮތް ހެދުން
  • ޓެކްސްގެ ލުއިތައް މިވަގުތު ނުދިނުން
  • ޖީއެސްޓީ ނުނަގާ މުދަލާއި ހިދުމަތުގެ ބާވަތްތައް މުތާލިއާ ކުރުން
  • ރާއްޖެއަށް އެތެރެ ކުރާ މުދަލުން ވެސް ޖީއެސްޓީ ނަގަން ފެށުން
  • ޑިޖިޓަލް ހިދުމަތްތަކުން ޖީއެސްޓީ ނަގަން ފެށުމާއި އޮފްޝޯ ބޭންކް އެކައުންޓްތަކުން ޖީއެސްޓީ ނެގުން
  • މެދު ރާސްތާގައި ޖީއެސްޓީ %10 އަށް އަދި ޓީޖީއެސްޓީ %15އަށް ބޮޑުކުރުން
  • އިންކަމް ޓެކްސް ނަގާ ބްރެކެޓްތައް މިހާރަށް ވުރެ ދަށްކުރަން

ވޯލްޑް ބޭންކުގެ ރިޕޯޓުގައި ބުނެފައިވަނީ ކޮވިޑްގެ ސަބަބުން ރާއްޖޭގެ އިގުތިސޯދަށް ކުރިމަތިވި ހީނަރުކަމުން އަރައިގަނެ، އިގުތިސޯދު މިހާރު ބާރު ދުވެލީގައި ކުރިއަރަމުންދާ ކަމަށެވެ. ނަމަވެސް ދައުލަތުގެ ހަރަދުތައް ހަރުދަނާ ކުރުމަށާއި ދަރަނި މެނޭޖުކޮށް އަދި ދެފުށް ފެންނަ ގޮތެއްގައި ބަލަހައްޓައި ތަރައްގީއަށް ބޭނުންވާ ފައިސާ ހޯދައި އާމްދަނީ އިތުރުކުރަން މުހިންމު އިސްލާހުތަކެއް ގެންނަން ޖެހޭ ކަމަށް އެ ޖަމިއްޔާއިން ވަނީ ފާހަގަކޮށްފައެވެ.

އަދި ދައުލަތުގެ އާމްދަނީގެ ވަރަށް ބޮޑު ބައެއް ޓޫރިޒަމަށް ބަރޯސާވެފައިވުމުން، ދުނިޔޭގެ އިގުތިސޯދަށް އަންނަ ލޮޅުމެއްގެ އަސަރު ދައުލަތުގެ އާމްދަނީއަށް ކުރުމުގެ އަސަރު ބޮޑު ކަމަށް ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.

ވޯލްޑް ބޭންކުން ފާހަގަކޮށްފައިވާ ގޮތުގައި މިދިޔަ ފަސް އަހަރުގެ ތެރޭގައި ދައުލަތުގެ ހަރަދުތަކާއި ދަރަނި ބޮޑުވެފައި ވަނީ އަސާސީ ހިދުމަތްތަކާއި އުމްރާނީ ތަރައްގީގެ ވަސީލަތްތައް، ހާއްސަކޮށް ބޯހިޔާވަހިކަމަށް ކުރި އިންވެސްޓުމަންޓުތަކުގެ ސަބަބުންނެވެ.

އަދި އެ އިންވެސްޓްމަންޓުތަކުގެ ސަބަބުން ދިގު ރާސްތާގެ ތަރައްގީއަށް ފައިދާކުރި ނަމަވެސް، ދައުލަތުގެ ހަރަދުތައް މިހާރަށް ވުރެ ހަރުދަނާކޮށް ދެފުށް ފެންނަ އަދި އެންމެ ބޭނުންޖެހިފައިވާ ފަރާތްތަކަށް އަމާޒުކޮށްގެން ކުރެވޭ އިންވެސްޓްމަންޓްތަކަށް ހެދުމަކީ ދައުލަތުގެ ހަރަދުތަކާއި ދަރަނި މަތިވިޔަ ނުދީ ހިފެހެއްޓުމަށް އަޅަންޖެހޭ މުހިއްމު ފިޔަވަޅެއް ކަމަށް ރިޕޯޓްގައި ބުނެފައިވެއެވެ.

މީގެ އިތުރުންވެސް ސަރުކާރުން ޖީއެސްޓީއަށް ގެންނަން ދާދި ފަހުން ހުށަހެޅި ބަދަލުތަކަށް ތާއީދުކޮށް އެ ޖަމިއްޔާއިން ބުނީ ރާއްޖޭގެ އެތެރޭގެ ބާޒާރުން އާމްދަނީ އިތުރުކުރުމާއި ދައުލަތުގެ ހަރަދުތައް، ހާއްސަކޮށް ކެޕިޓަލް ހަރަދުތައް ހަމަޔަކަށް އަޅުވައި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ދައުލަތުގެ ބަޖެޓަށް ބަރޯސާވުން ކުޑަކުރުމާއި ސަރުކާރުން ސަބްސިޑީ އިސްލާހުކުރުމަކީ މާލީ ނިޒާމަށް ހުރި ގޮންޖެހުންތައް ކުޑަކޮށްދޭނެ ކަމެއް ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.

ޖީއެސްޓީ ހަ ޕަސެންޓުން އަށް ޕަސެންޓަށް އަދި ޓީޖީއެސްޓީ 12 ޕަސެންޓުން 16 ޕަސެންޓަށް އިތުރުކުރަން ނިންމާފައިވާކަން ސަރުކާރުން އިއުލާންކުރީ މި މަހުގެ ކުރީ ކޮޅުގައެވެ. އަދި ތެލުގެ ސަބްސިޑީގެ އުސޫލު ބަދަލުކުރުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އިއުލާން ކުރައްވައިފައެވެ.