އެތުލެޓިކްސް

ހިމްނާއާއި ލަޔާނާ 400 މީޓަރު ފައިނަލަށް، އިބާދުﷲއަށް ބޮޑު ކުރިއެރުމެއް!

ތުރުކީގެ ކޮންޏާގައި މިހާރު ކުރިއަށްދާ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ރާއްޖޭގެ ގައުމީ އެތުލެޓިކްސް ޓީމުގެ އައިޝަތު ހިމްނާ ހަަސަން އާއި އާމިނަތު ލަޔާނާ މުހައްމަދު، 400 މީޓަރު ދުވުމުގެ ފައިނަލަށް ދަތުރުކޮށްފިއެވެ.

އިއްޔެގެ ހީޓްތަކުން ހިމްނާއާއި ލަޔާނާ ފައިނަލަށް ދަތުރު ކޮށްފައިވާ އިރު، އިއްޔެ ދުވި 100 މީޓަރު ފިރިހެން ހީޓްތަކުން އިބާދުﷲ އާދަމް ވަނީ ބޮޑު ނަތީޖާއެއް ނެރެފައެވެ.

ލަޔާނާ އާއި ހިމްނާ ވާދަކުރި 400 މީޓަރު ދުވުމުގައި ދެ ހީޓް ކުރިއަށް ދިޔައިރު، ޖުމުލަ ދުވީ ނުވަ ދުވުންތެރިންނެވެ. ފުރަތަމަ ހީޓުގައި ހިމްނާ ވާދަކުރީ ބަހްރޭނާއި މޮރޮކޯ އަދި އުޒްބެކިސްތާންގެ ދުވުންތެރިން ހިމެނޭ ގޮތަށް ޖުމުލަ ހަތަރު ދުވުންތެރިންނާއެވެ.

ފުރަތަމަ ހީޓުގެ ހަތަރު ވަނައަށް ހިމްނާ ދިޔައިރު، ޓައިމިންއަކީ 57.99 ސިކުންތެވެ. މި ހީޓުގެ އެއް ވަނައަށް ދިޔަ ބަހްރޭންގެ މުބާރަކްގެ ޓައިމިން އަކީ 52.41 ސިކުންތެވެ.

ދެ ވަނަ ހީޓުގައި ފުރަތަމަ އޮތީ ފަސް ދުވުންތެރިން ވާދަކުރާ ގޮތަށެވެ. އެކަމަކު ނައިޖީރިއާގެ ދުވުންތެރިޔާ ބައިވެރިނުވުމުން ފައިނަލުގައި ވާދަކުރުމުގެ ފުރުސަތު މި އިވެންޓުގައި ވާދަކުރި ހުރިހާ އެތުލީޓުންނަށް ލިބުނީއެވެ. ހީޓް ދޭއްގައި ވާދަކުރި ލަޔާނާގެ ޓައިމިންއަކީ 59.79 ސިކުންތެވެ. މި ހީޓްގެ އެއް ވަނަ ހޯދި އިންޑޮނީިޝިއާގެ ސާރީގެ ޓައިމިން އަކީ 54.23 ސިކުންތެވެ.

ހަތަރު ސަތޭކަ މީޓަރުގެ ފައިނަލް އޮތީ މިއަދެވެ.

އިއްޔެ ބޭއްވި 100 މީޓަރު ފިރިހެން ދުވުމުގައި ރާއްޖޭގެ އިބާދުﷲ ވާދަކުރީ ހީޓް ފަހެއްގައެވެ. އޭނާ ހީޓުގެ ހަ ވަނައަށް ދިޔައިރު ޓައިމިންއަކީ 10.54 ސިކުންތެވެ. މީގެ ކުރިިން ރާއްޖޭގެ ދުވުމުގެ 100 މީޓަރުގެ ޖޫނިއާ ރެކޯޑް މުގުރާލި އިބާދުﷲ ރޭސް ނިންމީ އިއްޔެ ހީޓް އެކެއްގައި ދުވި ރާއްޖޭގެ 100 މީޓަރު ރެކޯޑު އޮންނަ ހަސަން ސާއިދަށްވުރެވެސް އަވަސް ޓައިމިން އެއްގައެވެ.

ސާއިދުވެސް ހީޓުގެ ހަ ވަނަ ދިޔައިރު، އޭނާގެ ޓައިމިން އަކީ 10.60 ސިކުންތެވެ. ސާއިދަކީ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގެ ތާރީހަށް ބަލާނަމަ ރާއްޖޭގެ އެންމެ ކާމިޔާބު އެތުލީޓެވެ. އޭނާ ވަނީ އެންމެ ފަހުން، 2017 ވަނަ އަހަރު އަޒަރުބައިޖާނުގެ ބަކޫގައި ބޭއްވި ސޮލިޑާރިޓީ ގޭމްސްގައި 100 މީޓަރާއި 200 މީޓަރު ދުވުމުގައި ވެސް ފައިނަލަށް ދަތުރުކޮށްފައެވެ.