އައްޑޫ ސިޓީ ހިތަދޫ ބޭރުމަތި އަވަށު ފުއްޓަރަށް އިއްޔެ އެރި ސީލް އަދިވެސް ނުފައިބައެވެ.
ހިތަދޫ ބޭރުމަތި އަވަށު ކައުންސިލު މެމްބަރު މަރިޔަމް ސައީދާ މިއަދު 'ވަން' އަށް ވިދާޅުވީ، އިއްޔެ އެރި ސީލް އަދިވެސް އެ އަވަށު ހުޅަނގު ފަރާތުގެ ބީޗުގައި އެބަ އޮތް ކަމަށެވެ. ނަމަވެސް ގިނަ ބަޔަކު އެ ސަރަހައްދަށް ސީލް ބަލަން ގޮސް ހަދައި އިރު، އެއަށް އުނދަގޫކޮށް ހަދާކަމުގެ މައުލޫމާތު ލިބޭ ކަމަށާއި އެކަން ހުއްޓުވައި ދިނުމަށް މީހުން އެންމެ ގިނައިން އެއްވާ ގަޑީގައި އެ ސަރަހައްދު މޮނިޓާ ކޮށްދިނުމަށް ފުލުހުންގެ ކިބައިން އެދިފައިވާނެ ކަމަށް ވިދާޅުވިއެވެ.
ސީލް ބަލަން ގިނަ ބަޔަކު އެ ސަރަހަށްދަށް ގޮސް އެއަށް ކާންދީ ހަދައި މަންޒަރު ފެންނަ ވީޑިއޯތަކާއި ފޮޓޯތައް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.
އީޕީއޭގެ ޑިރެކްޓާ ޖެނެރަލް އިބްރާހީމް ނައީމް މިއަދު "ވަން" އަށް ވިދާޅުވީ ސީލްއަށް ކާންދީ ހެދުމަކީ ކުރުން ރަނގަޅު ކަމެއް ނޫން ކަމަށާއި އެކަން ނުކުރުމަށް އާއްމުންގެ ފަރާތުން އެދޭ ކަމަށެވެ. އަދި އޭތި އެތަނުން ފޮނުވާލަން އީޕީއޭއިން މަސައްކަތްނުކުރާ ކަމަށާއި ސަބަބަކީ ސީލްއަކީ ވަރުބަލިކަން ފިލުވުމަށް އެގޮތަށް އެއްގަމަށް އަރައި އުޅޭ އެއްޗަކަށް ވާތީއާއި ކާނާ ހޯދަންވެސް އެސޮރު އަމިއްލައަށް މޫދަށް ފައިބައިގެން ދާނެތީ ކަމަށް ވިދާޅުވިއެވެ.
މީގެ ހަފުތާއެއްހާ ދުވަސްކުރިންވެސް ހިތަދޫ ކަނބިހާ ބީޗު ސަރަހައްދުގެ މޫދުންވެސް ސީލެއް ފެނުނެވެ.
އައްޑޫ ސިޓީ މޭޔަރު އަލީ ނިޒާރު ވިދާޅުވި ގޮތުގައި ހިތަދޫ ބީޗަށް މިހާރު އަރާ އޮތް ސީލްއަކީ ކުރިން ފެނުނު ސީލް ކަމަށް ނުބެލެވެއެވެ. އެއީ ފަހުން ފެނުނު ސީލް ކުރިން ފެނުނު ސީލަށްވުރެ ސައިޒުން ބޮޑު ކަމަށް ބެލެވޭތީ އާއި ކުރިން ސީލު ފެނުނު ސަރަހައްދާއި މިއަދު ސީލް ފެނުނު ސަރަހައްދާ ދެެމެދު ދުރުމިނުގެ ފަރަގުވެސް ބޮޑުކަމުން ކަމަށް މޭޔަރު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު