ޚަބަރު

ބޭރުގެ ބޯޓްތަކަށް ރާއްޖޭގައި ކަނޑުމަސް ގަތުމުގެ ލައިސަންސް ދެނީ

މުހައްމަދު އިޝާން

ރާއްޖެއިން ބޭރު އުޅަނދުތަކަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ކަނޑުމަސް ގަތުމުގެ ލައިސަންސް ދޫކުރުމާ ބެހޭ ގަވާއިދަށް އަމަލުކުރަން ފަށައިފިއެވެ.

ފިޝަރީޒް މިނިސްޓްރީން އިއްޔެ ސަރުކާރުގެ ގެޒެޓުގައި އާންމުކުރި "ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ބޭރުގެ މަސްވެރި އުޅަނދުފަހަރުން ރިޕޯޓުކުރުމެއް ނެތި، ގާނޫނާއި ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރުން ހުއްޓުވުމާ ގުޅޭ ގަވާއިދު" ގައިވާ ގޮތުން ރާއްޖޭގެ ބޭރު ކުންފުނިތަކަށް އެ ހުއްދަ ދިނުން މަނާވާނެއެވެ.

ބޭރުގެ އުޅަނދުފަހަރަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސް ގަތުމަށް ލައިސަންސް ދޫކުރުމަށް ހަމަޖެހިފައިވަނީ އެއް އަހަރު ދުވަހަށެވެ. އަދި ލައިސަންސް ދޫކުރުމަށް އެދި ހުށަހެޅޭނީ ހަމައެކަނި ސަތޭކަ އިންސައްތަ ދިވެހިން ހިއްސާވާ ގޮތަށް ރަޖިސްޓްރީކޮށްފައިވާ ކުންފުނިތަކަށެވެ.

ގަވާއިދުގައިވާ ގޮތުން ލައިސެންސަށް އެދި ފިޝަރީޒް މިނިސްޓްރީއަށް ހުށަހަޅާ ފަރާތުން މަސްގަތުމަށް ބޭނުންކުރަންވާނީ ބޭރުގެ އުޅަނދެކެވެ. ގަވާއިދުގެ ބޭނުމަށް ލައިސެންސަށް އެދި ހުށަހަޅާ ފަރާތް ބަލާނީ، އެއީ މަސް ގަތުމުގައި ބޭނުންކުރާ މަސް ގަންނަ ބޭރުގެ އުޅަނދުގެ އޮޕަރޭޓަރުގެ ގޮތުގައި ކަމަށް ބުނެފައިވެއެވެ.

މަސްގަތުމުގެ ލައިސެންސަށް ހުށަހަޅާ އުޅަނދަކީ އެއްވެސް ޖިނާއީ ހަރަކާތްތެއްގައި ބައިވެރިވުމުގެ ރިކޯޑު އެއްވެސް ގައުމެއްގައި އޮތް އުޅަނދަކަށް ވެގެން ނުވާނެއެވެ. އަދި 500 މެޓްރިކްޓަނުގެ ކެޕޭސިޓީ ހުންނަން ޖެހޭނެއެވެ.

މަސްގަންނަ އުޅަނދުގައި، ފިޝަރީޒް މިނިސްޓްރީގެ ފަރާތުން ކަނޑައަޅާ ވެސަލް ލޮކޭޓިން ޑިވައިސްއަކާއި އިލެކްޓްރޯނިކް އޮބްޒާވާ ސިސްޓެމެއް ހަރުކުރަންޖެހެއެވެ. އަދި އެއްވެސް ސަބަބެއް ދިމާވެގެން، މަސްގަންނަ ބޭރުގެ އުޅަނދުގައި ހަރުކޮށްފައިވާ ވެސަލް ލޮކޭޓިން ޑިވައިސް ނުވަތަ އިލެކްޓްރޯނިކް އޮބްޒާވާ ޔުނިޓުގެ ހިދުމަތް މެދުކެނޑިފައިވަނިކޮށް، ކަނޑުމަސް ގަތުމުގެ އެއްވެސް ހަރަކާތެއް ނުހިންގުމަށް ވެސް މި ގަވާއިދުގައި ބުނެފައިވެއެވެ.

މަސްގަންނަ ބޭރުގެ އުޅަނދުފަހަރަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ކަނޑުމަސް ގަތުމުގެ ލައިސަންސް ދިނުމާ ބެހޭ ގަވާއިދާ ހިލާފަށް މަސް ގަންނަ ބޭރުގެ އުޅަނދުތައް 800،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ.

ދޮށީގެ މަސްވެރިކަން ކުރުމުގެ ލައިސެންސެއް ނެތް ދޯންޏަކުން ބާނާފައިވާ މަސް ގަންނަ ނަމަ، އެއް ލައްކަ ރުފިޔާއިން ޖޫރިމަނާ ކުރާނެއެވެ. އަދި ވެސަލް ލޮކޭޓިން ޑިވައިސް ނިއްވާލައިފިނަމަ، އެއްލައްކަ ރުފިޔާގެ ޖޫރިމަނާއެއް ދައްކަން ޖެހޭނެ ކަމަށްވެސް މި ގަވާއިދުގައިވެއެވެ.