ރައްޔިތުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފޯނު ފޭރިގަތް ވާހަކައަކީ ގަރުނުގެ އެންމެ ބޮޑު ޖޯކު ކަމަށް މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ، މަޖިލީހުގެ މެމްބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕަށް ފޯވާޑްކުރެއްވި މެސެޖެއްގައި ވަނީ، ނަޝީދުގެ ފޯނު ފޭރިގެންފައިވަނީ އިނގިރޭސިވިލާތުގެ ރެސްޓޯރެންޓެއްގައި ފަރިއްކުޅުއްވަން އިންނަވަނިކޮށް ކަމަށެވެ. އަދި ފޯނު ޖަހައިގެނަގެން އެމީހާ ފިލާފައިވާ ކަމަށެވެ.
ނަޝީދުގެ ފޯނު މީހަކު ފޭރިގަނެގެން ފިލާފައިވާއިރު، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ބަދުއަހުލަގީ އަމަލު ހިންގަވާ މަންޒަރު ފެންނަ ހަތަރު ފޮޓޯއެއް ލިބިވަޑައިގެންފައިވާ ކަމަށް ނަޝީދު ވަނީ މިދިޔަ ހުކުރު ދުވަހު ވިދާޅުވެފައެވެ. ނަޝީދު އެގޮތަށް ވިދާޅުވި ނަމަވެސް، ރައީސް ސޯލިހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެފައިވަނީ، ނަޝީދު އެ ވިދާޅުވާފަދަ ކަމެއް ނުކުރައްވާކަމުގެ ޔަގީންކަން ރައީސް ދެއްވާފައިވާ ކަމަށެވެ.
އެކަމާ ގުޅިގެން ރޮޒެއިނާ މިރޭ ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ ނަޝީދުގެ ފޯނު ފޭރިގަނެގެން މީހަކު ފިލި ކަމަށް ވިދާޅުވުމަކީ ޖޯކެއް ކަމަށެވެ. އަދި އެއަށްވުރެ ހަމަޖެހޭ ވާހަކަދައްކަވަން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.
"ހަތަރު ފޮޓޯއާއެކު ރައީސް ނަޝީދުގެ ފޯނު ޖަހައިގަނެގެން ދިޔުންމީ ގަރުނުގެ އެންމެ ބޮޑު ޖޯކު. ތި ފޮޓޯ ފޮނުވި މީހާގެ ފޯންތައް އަނެއްކާ މިރޭ ކުނޫޒު ކައިރިން ޖަހައިގަތީ؟،" ރޮޒެއިނާ ވިދާޅުވިއެވެ.
އީވާ މަޖިލިސް ގްރޫޕަށް ފޯވާޑްކުރެއްވި މެސެޖަކީ ނަޝީދުގެ ދަރިފުޅު އީވާއަށް ކުރި މެސެޖެކެވެ.
ނަޝީދުގެ ފޯނު ފޭރިގެންފައިވާ ކަމަށް އީވާ ވިދާޅުވުމުން މަޖިލީހުގެ ކައުންސިލާ ޖެނެރަލް ވަނީ ނަޝީދު އެގްރޫޕުން ރިމޫވްކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު