އޮރިޔާން މަންޒަރު ދައްކުވައި ދޭ ވީޑިއޯއެއް ލީކުކޮށްލާނެ ކަމަށް ބުނެ ކުއްޖަކަށް ބިރު ދައްކައި އިންޒާރުދީ ބްލެކްމެއިލް ކޮށްގެން ގިނަ އަދަދެއްގެ ފައިސާ އަތުލާފައިވާ މައްސަލައެއްގައި ހައްޔަރުކުރި ފ. ނިލަންދޫ/ ނަރުގިސްވިލާ، އަބުދުލް އަޒީޒު އިބްރާހިމް ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ކުރި އަމުރު ބާތިލުކޮށްފިއެވެ.
އެ މައްސަލައިގައި ހުސްވި މާޗު މަހުގެ އެއްވަނަ ދުވަހު އޭނާ ހައްޔަރުކުރުމަށްފަހު ތިން ފަހަރެއްގެ މަތިން ކްރިމިނަލް ކޯޓުން އޭނާގެ ބަންދު ޖަހައިދިނެވެ. އަދި ޝަރީއަތް ނިމެންދެން އޭނާގެ ބަންދު ކޮށްދިނުމަށް އެދި ހުށަހެޅުމުން ހުސްވި އޭޕްރީލް މަހުގެ 11 ވަނަ ދުވަހު އެގޮތަށް އޭނާ ބަންދުގައި ބެހެއްޓުމަށްވެސް އަމުރު ނެރެދިނެވެ.
އެ މައްސަލައިގައި އަބުދުލް އަޒީޒުގެ މައްޗަށް ހަތަރު ދައުވާއެއް ކޮށްފައިވެއެވެ. އެއީ ޖިންސީ ގޯނާކުރުމުގެ ކުށުގެ ދައުވާ އާއި ބްލެކްމެއިލްކުރުުމުގެ ކުށުގެ ދައުވާ އާއި ފޭރުމުގެ ކުށުގެ ދައުވާ އާއި އޮރިޔާންކާޑު ގެންގުޅުމުގެ ކުށުގެ ދައުވާއެވެ.
ނަމަވެސް ބަންދުކުރާ މީހުންގެ ބަންދުގެ އަމުރު ކޮންމެ 30 ދުވަހަކުން މުރާޖައާކުރަން ކްރިމިނަލް ކޯޓަށް ހުށަހަޅަންޖެހޭނެ ކަމަށް ގާނޫނުގައި ބުނެފައިވާތީ ޝަރީއަތް ނިމެންދެން އޭނާ ބަންދުކުރުމަށް ކުރި އަމުރު މުރާޖައާކުރުމަށް ޕީޖީ އޮފީހުން ކޯޓަށް ހުށަހެޅުމުން ހުސްވި ޖުލައި މަހުގެ ހަތް ވަނަ ދުވަހު އޭނާ ބަންދުން ދޫކޮށްލަން ކޯޓުން އަމުރުކުރިއެވެ.
އެހެންވެ، ކްރިމިނަލް ކޯޓުގެ އެ އަމުރަކީ ގާނޫނީ އުސޫލުތަކާ ހިލާފު އަމުރެއް ކަމަށް ކަނޑައަޅައި ދިނުމަށް އެދި ޕީޖީ އޮފީހުން ހައިކޯޓުގައި އިސްތިއުނާފުކުރުމުން މައްސަލަ ބަލައި ހައިިކޯޓުން އިއްޔެ ކުރި ހުކުމުގައި ވަނީ އޭނާ ދޫކޮށްލަން ކްރިމިނަލް ކޯޓުން ކުރި އަމުރަކީ ބާތިލް އަމުރެއް ކަމަށް ކަނޑައަޅާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު