ދުނިޔެ

މިނިކާވަގަށް ހިމާޔަތް ލިބުނީމާ އިންސާނުންނަށް ބިރުވެރިކަން

މީގެ ދިހަ އަހަރުކުރިން ނޭޕާލުން މިނިކާވަގު މުޅިން ހުސްވެދާނެ ކަމުގެ ބިރު ހީވިއެވެ. މިނިކާވަގު ހިމާޔަތްކޮށް އޭގެ އާބާދީ އިތުރުކުރުމަށްޓަކައި ނޭޕާލުގެ ސަރުކާރުން ޚާއްސަ ވަރުގަދަ ފިޔަވަޅުތަކެއްވެސް އެޅިއެވެ. ނަތީޖާއެއްގެ ގޮތުން ކުރިއަށްވުރެ މިނިކާވަގުންގެ އާބާދީ ނޭޕާލުގައި މިހާރު ވަނީ ދެގުނަ އިތުރުވެފައެވެ.

ނޭޕާލުގައި އެންމެ ގިނައީ ބަންގާޅު މިނިކާވަގޭ ކިޔުނު ވައްތަރެކެވެ. މިއީ ހަމަލަދިނުން އަވަސް މިނިކާ ޖަނަވާރެކެވެ. މީގެ އެއްޗެއް މެރުމަކީ ނުވަތަ ޝިކާރަކުރުމަކީ ގާނޫނީގޮތުން ބޮޑު ކުށަކަށްވެގެން އެޔަށް ހިމާޔަތް ލިބިފައިވާއިރު އަައު މައްސަލައެއް ވަނީ ފެންމަތިވެފައެވެ. އަވަށްތަކަށް އަރައި އިންސާނުންނާއި ގެރިބަކަރި ފަދަ ޖަނަވާރުތަކަށް ހަމަލާދިނުން ގިނަވެ އިންސާނުންގެ ހިމާޔަތުގައި އައު ވިސްނުންތަކެއް ގެންގުޅެން ވަނީ މަޖުބޫރުވެފައެވެ.

ފާއިތުވި ބާރަމަސްދުވަހުގެ ތެރޭގައި އެކަނިވެސް މިނިކާވަގުންގެ އަތްދަށުވެގެން ނޭޕާލުގެ ރަށްފުށުގައި ސޯޅަ މީހުން މަރުވެފައިވެއެވެ. މިއީ އޭގެކުރީ ފަސްއަހަރަށް ބަލާއިރު ވަރަށް ބޮޑު އިތުރުވުމެކެވެ. އެ ފަސްއަހަރުގެ ތެރޭގައި މަރުވެފައިވަނީ ޖުމްލަ ދިހަ މީހުންނެވެ. މިނިކާވަގެއްގެ ބިރުވެރިކަން ފޯރުމެއްނެތި ނޭޕާލުގެ ދަނޑުވެރިޔަކަށް މިހާރު ޖަންގަލީގެ ކައިރިއަށް ދެވޭކަށް ނޯވެއެވެ. ޖަންގައްޔަށް ނުގޮސް ފަރުޖެއްސޭކަށްވެސް ނޯވެއެވެ.

އެންމެ ބޮޑުބިރަކީ ވަށައިގެން ފާރުރާނައިގެން ތިއްބަސް މިނިކާވަގުންތައް އަވަށްއަވަށަށް އަރައި ހިތުހުރިގޮތަކަށް އުޅޭއުޅުމެވެ. އެއްޗަކުން ޖަހައި މަރައިފިއްޔާ އެމީހަކު ނުވަތަ ބަޔަކު ޖަލަށްދާން ޖެހެއެވެ. އެހެންވީމާ ހެދޭނެ ގޮތެއް ނޯވެއެވެ. މިނިކާވަގު މެރުން 2009 ގައި މަނާކުރިއިރު އޭގެ އާބާދީކަމަށް ލަފާކުރެވިފައިވަނީ އެންމެ 121 އެވެ. މިހާރު ނޭޕާލުގައި އެއަދަދު ވަނީ 355 އަށް އިތުރުވެފައެވެ.