ޚަބަރު

ޕެޓިޝަނާ ގުޅިގެން ނަރުހުންނަށް ފިޔަވަޅު އަޅަމުންދާ ވާހަކަ އައިޖީއެމްއެޗުން ދޮގުކޮށްފި

މުހައްމަދު އިޝާން

އައިޖީއެމްއެޗުގެ އެމަޖެންސީ ރޫމުގައި މަސައްކަތްކުރާ ނަރުހުން މިދިޔަ މަހު ހުށަހެޅި ޕެޓިޝަނަކާ ގުޅިގެން ނަރުހުންނަށް ފިޔަވަޅު އަޅައި، އެކި ޑިޕާޓްމެންޓުތަކަށް ބަދަލުކުރަމުންދާ ވާހަކަތައް އެ ހޮސްޕިޓަލުން ދޮގުކޮށްފިއެވެ.

އެމެޖެންސީ ރޫމުގައި މަސައްކަތް ކުރަމުންދާ ނަރުހުން ހުށަހަޅާފައިވާ އެ ޕެޓިޝަނުގައި ބުނެފައިވަނީ، އެ ޑިޕާޓްމަންޓުގެ އިންޗާޖުގެ ފަރާތުން އެ މީހުންނަށް ބޮޑެތި ތަކުލީފުތަކެއް ކުރިމަތިވަމުން އަންނަ ކަމަށެވެ. އެގޮތުން ބަލިވެ އުޅޭ މުވައްޒަފުން މަސައްކަތަށް ނުކުތުމަށް މަޖުބޫރުކުރުވުމާއި އެތަނުގެ ހިންގުމުގައި ވެފައިވާ އިހުމާލުތަކުގެ އިތުރުން މުވައްޒަފުންނަށް އިހާނެތިކޮށް ހިތުން ފަދަ މައްސަލަތައް ވަނީ ފާހަގަކޮށްފައެވެ. އެ ޕެޓިޝަނުގައި 32 ދިވެހި ނަރުހަކު ވަނީ ސޮއިކޮށްފައެވެ.

އައިޖީއެމްއެޗުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ޕެޓިޝަންގައި ސޮއިކުރި ނަރުހުން އެހެން ޑިޕާޓުމެންޓުތަކަށް ބަދަލުކުރާ ކަމަށް މީޑިއާތަކުން ފަތުރާފައިވަނީ ދޮގު ހަބަރެއް ކަމަށެވެ.

"މި ދުވަސްވަރު ނަރުހުން އެކި ޑިޕާޓުމެންޓުތަކަށް ބަދަލުކުރުމަށް ނިންމާފައިވާ ނިންމުމަކީ އެމެޖެންސީ ޑިޕާޓްމެންޓުގައި މަސައްކަތްކުރާ ނަރުހުން ހުށަހަޅާފައިވާ ޕެޓިޝަނާ އެއްވެސް ގުޅުމެއް ހުރި ކަމެއް ނޫން. އަދި މި ޕެޓިޝަންގައި ސޮއިކުރި ނަރުހުންނަށް އެކި ފިޔަވަޅުތައް އަޅަމުންދާ ކަމަށާއި އެކި ޑިޕާޓްމެންޓުތަކަށް ބަދަލުކުރަން ނިންމާފައިވާ ކަމަށް ބައެއް މީޑިއާތަކުން ފަތުރަމުންދާ ހަބަރަކީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް ކަމުގައިވެސް ދަންނަވަން،" އައިޖީއެމްއެޗުން ބުންޏެވެ.

އައިޖީއެމްއެޗުން ބުނީ، އެ ޕެޓިޝަނާ ގުޅިގެން ސިވިލް ސާވިސް ގަވާއިދުގައިވާ ފަދައިން މައްސަލަ ތަހުގީގުކޮށް ފުރިހަމަ ކުރަންޖެހޭ ކަންކަން ކުރަމުންދާ ކަމަށެވެ.