ލައިފް ސްޓައިލް

ރުތުބާގެ ސްޕެޝަލް އިފެކްޓް މޭކަޕުތައް ތަފާތު، އަމާޒު މޭކަޕް ސްކޫލަކާ ދިމާއަށް

އަލީ ޔާމިން

ފޭސްބުކްގެ ނިއުސްފީޑް ހާވަމުންދަނިކޮށް ލޮލުގައި އަޅައިގަތީ، މީހެއްގެ ހަށިގަނޑާއި މޫނަށް ވެނެއްގެ ސިފަ ގެނެސްފައިވާ ސްޕެޝަލް އިފެކްޓް މޭކަޕެއްގެ ފޮޓޯތަކެކެވެ. މޭކަޕް އާޓިސްޓު ރުތުބާ އަހުމަދު (29އ)ގެ އެ މޮޅު މޭކަޕާމެދު އުފެދުނު ޝައުގުވެރިކަމުން އޭނާގެ މޭކަޕުގެ ދުނިޔެއާ މެދު ޝައުގުވެރިކަން އުފެދުނެވެ. ރުތުބާއަކީ މިއަދު، ގިނަ ބައެއްގެ މަގުބޫލުކަން ހޯދައިފައިވާ މޭކަޕް އާޓިސްޓެއް ނަމަވެސް އޭނާ އެ ހުރި ހިސާބަށް އައުމަށް އަހަރުތަކެއް ނެގިއެވެ. ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހުނެވެ.

ރުތުބާ ބުނި ގޮތުގައި ޕްރޮފެޝަނަލް މޭކަޕުގެ ދުނިޔެއަށް އޭނާ ވަނީ 2011 ވަނަ އަހަރުގެ ތެރޭގައެވެ. އޭގެ ކުރީންވެސް ދިޔައީ އެކި ކަހަލަ މޭކަޕްތައް ކޮށްދެމުންނެވެ. މޭކަޕް ފޮތްތަކާއި މެގަޒިންތަކާއި ޔޫޓިޔުބުން ލިބުނު މައުލޫމާތުގެ އަލީގައި މޭކަޕުގެ ކަންކަން ދަސްކުރީ އަމިއްލައަށެެވެ.

ޕްރޮފެޝަނަލް މޭކަޕުގެ ތެރެޔަށް އެންމެ 18 އަހަރުގައި ވަންއިރު، އާއްމުގޮތެއްގައި ރުތުބާ އެއިރު ކޮށްއުޅުނީ ބްރައިޑް މޭކަޕްތަކާއި ހާއްސަ މުނާސަބާ ތަކާ ގުޅިގެން ކުރާ މޭކަޕްތަކެވެ. އެއިރު، ސްޕެޝަލް އިފެކްޓްގެ ދާއިރާއިން ގިނަ ފުރުސަތުތަކެއް ނުލިބެއެވެ. މިހާރުވެސް ސްޕެޝަލް އިފެކްޓް މޭކަޕްތަކަށް މާގިނަ ފުރުސަތުތަކެއް ނުލިބެއެވެ.

"ހުރިހާ ވައްތަރެއްގެ މޭކަޕެއްވެސް ކުރަން. ބްރައިޑަލް، އޮކޭޝަނަލް، ފޭސް ޕެއިންޓިން، އެސްއެފް އެފެކްޓްސް، ހުރިހާއެއްޗެއް، ގްލޯމަރަސް ލުކް، ހުރިހާ އެއްޗެއްވެސް ކުރަން" ރުތުބާ ބުންޏެވެ.

ރުތުބާއަށް ޑިމާންޑް ބޮޑު!

ރުތުބާ ބުނީ މޭކަޕް ކުރުމަށް އޭނާ ހިތްހަމަޖެހޭ ވަރަށް ކްލަޔަންޓުން ލިބޭ ކަމަށެވެ. އެކިއެކި ހަފުލާތަކަށް ވަރަށް ގިނަ ބައެއްގެ ޗޮއިސް އަކީ އޭނާއެވެ.

"މަހަކަށް ބަލާނަމަ ކޮންމެ ދުވަހަކުވެސް އެވްރެޖުކޮށް ދޭއް ނުވަތަ ތިން މޭކަޕް ކުރެވިފަ ހުންނާނެ. އިޓް ޑިޕެންޑްސް އަސްލު، ހުންނާނެ އެއް ދުވަހު 20 މޭކަޕްވެސް ކޮށްފަ" ރުތުބާ ބުންޏެވެ.

ރަށްރަށަށް ގޮސްގެންވެސް ރުތުބާ މޭކަޕްކޮށްދީފައި އެބަހުއްޓެވެ. ނަމަވެސް އާއްމު ގޮތެއްގައި މޭކަޕްކުރުމަށް ރުތުބާ ކްލަޔަންޓުން ގެންނަނީ އޭނާގެ ގެއަށެވެ.

"އަސްލު ބައެއް ފަހަރު ބައެއް ކްލަޔަންޓުން ނުނެގިވެސް ދާނެ. ބިޒީ ދުވަހެއްވިއްޔާމު." ރުތުބާ ބުންޏެވެ.

އެންމެ މޭކަޕަކުން 8،500 ރުފިޔާ! އާމްދަނީ ހޯދަން މިއީ ރަނގަޅު މަސައްކަތެއް!

ރުތުބާ މޭކަޕްކުރަނީ ފުލްޓައިމް ވަޒީފާއެއްގެ ގޮތުގައެވެ. ބައެއް ދުވަސް ދުވަހު ހެނދުނު 11:30 ގައި ފަށާ ގޮތަށް ރޭގަނޑު 9:30 ވާއިރުވެސް އުޅެނީ މޭކަޕުގެ ކުލަތަކުގެ ތެރޭއެވެ. ރުތުބާ ބުނި ގޮތުގައި އާމްދަނީ ހޯދުމަށް މޭކަޕް ކުރުމަކީ ވަރަށް ރަނގަޅު "ޗޮއިސް" އެކެވެ. އެގޮތުން އޭނާ ކޮށްދީފައިވާ އެންމެ އަގުބޮޑު މޭކަޕަކީ 8،500 ރުފިޔާއަށް ކޮށްދީފައިވާ ސްޕެޝަލް އެފެކްޓް މޭކަޕެކެވެ. އެއީ އައިފިލްމްސްގެ ބިރުވެރި ވާހަކައަށް ކަނޑު ވެނެއްގެ ސިފަގެނެސްދިނުމަށް ކޮށްދީފައިވާ މޭކަޕެވެ. އެ މޭކަޕް ކުރަން ހަތްގަޑިއިރު ހޭދަވިއެވެ.

"މިއީ އާމްދަނީ ހޯދަން ވަރަށް ރަނގަޅު މަސައްކަތެއް. ހިތްވަރާއެކު ކޮށްފިއްޔާ ވަރަށް ރަނގަޅު އިންކަމްއެއް ޖެނެރޭޓް ކުރެވޭނެ. ނޯމަލީ މި ހުންނަ ޖޮބްތަކަށްވުރެ ޑަބަލް، ޓްރިޕަލް އާން ކުރެވޭނެ." ރުތުބާ ބުންޏެވެ.

މޭކަޕްކުރަން ބޭނުންވާ ގިނަ ތަކެތި ރާއްޖެއިން ނުލިބޭ، އަމާޒު މޭކަޕް ސްކޫލަކާ ދިމާލަށް!

މޭކަޕްކުރަން ބޭނުންވާ ތަކެތި، ހާއްސަކޮށް ސްޕެޝަލް އެފެކްޓަށް ބޭނުންވާ ތަކެތި ރާއްޖެއިން ލިބޭކަށް ނުހުރެއެވެ. އެހެންވެ، ރުތުބާ އެ ތަކެތި އިމްޕޯޓު ކުރަނީ އެމެރިކާއިންނެވެ. ރުތުބާ ބުނި ގޮތުގައި މޭކަޕްގެ ދާއިރާގައި ކުރިއަށްދާން އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ ކައިރިން ތަކެތި ލިބެން ނެތުމެވެ.

"އެހެންވެ، ހުސްވަންވާއިރަށް އަބަދުވެސް ތަކެތި ގެންނަން، އަބަދުވެސް ސްޓޮކެއް ގެންގުޅެން" ރުތުބާ ބުންޏެވެ.

މޭކަޕް ކުރުމަށް ރުތުބާ ބޭނުންކުރާ ތަކެއްޗަކީ، ކޮލިޓީ ރަނގަޅު "ބްރޭންޑެޑް" ތަކެއްޗެވެ. އެއްވެސް ސައިޑް އިފެކްޓެއް ކުރިމަތިނުވާ ތަކެއްޗެވެ.

ރުތުބާ މިހާރު ހުރީ މޭކަޕްގެ ދާއިރާގައި ވަރަށް އުހުގައެވެ. އޭނާގެ ހުނަރު އެހެން މީހުންނަށް ފޯރުކޮށްދިނުމަކީ ރުތުބާ މިހާރު އެންމެ ބޭނުންވާ ކަންތަކެވެ. މިހާރުވެސް އަންނަނީ ކުރު މުއްދަތުގެ މޭކަޕް ކޯސްތައް ހިންގައިދެމުންނެވެ. ނަމަވެސް ރުތުބާ އެންމެ ބޭނުންވަނީ ފެންވަރު ރަނގަޅު މޭކަޕް ސްކޫލެއް ހުޅުވައި، ގިނަ ބަޔަކަށް އެ ހިދުމަތް ދިނުމަށެވެ.

"މޭކަޕް ސްކޫލެއް ހުޅުވުމަކީ މިހާރު އެންމެ ބޭނުންވާ ކަންތައް. އެކި ކޯސްތައް ހިންގަން ބޭނުންވޭ." ރުތުބާ ބުންޏެވެ.

ރުތުބާގެ މޭކަޕްތަކަށް ބޮޑު މަގުބޫލުކަމެއް ލިބިފައިވާއިރު، އެ މަގުބޫލުކަމުގެ ފަހަތުގައި ވަނީ ރުތުބާގެ ކްލަޔަންޓުންނާއި އާއިލާ އާއި ގާތް ރަހުމަތްތެރިންނެވެ. އެ އެންމެންގެ އެހީތެރިކަން ރުތުބާ ބަލައިގަންނަނީ ޝުކުރުވެރިކަމާއެކުގައެވެ.