ދުނިޔެ

މިހާތަނަށް ފެނިފައިނުވާ ވަރުގެ ބޮޑު ފިޔާތޮށި އަލިމަހެއް އެންގޯލާއިން ފެނިއްޖެ

ފާއިތުވި 300 އަހަރުގެ ތެރޭގައި ދުނިޔޭގެ އެއްވެސް ހިސާބަކުން ފެނިފައިނުވާވަރުގެ ބޮޑު ފިޔާތޮށި އަލިމަހެއް އެފްރިކާގެ ގައުމެއް ކަމަށްވާ އެންގޯލާއިން ހުސްވި ހަފުތާގައި ފެނިއްޖެއެވެ. މި އަލިމަހުގެ ސައިޒަކީ 170 ކެރަޓެވެ. އަލިމަހަކީ ޖަވާހިރުގެ ތެރެއިން އެންމެ ހަރު އަދި އެންމެ ދަޅަގަދަ ބާވަތެވެ.

އަލިމަސް ފެނިފައިވަނީ އެންގޯލާގެ އިރުއުތުރުގެ ލޫލޯއޭ ކިޔުނު މައިނަކުންނެވެ. މިއީ އެންގޯލާގެ ސަރުކާރާއި ގުޅިގެން އޮސްޓްރޭލިޔާގެ ކުންފުންޏަކުން އޮޕަރޭޓްކުރާ މައިނެކެވެ. މިސަރަހައްދަކީ އަލިމަސް ފެނުން ގިނަ ސަރަހައްދެކެވެ. އެހެންނަމަވެސް މިވަރުގެ ބޮޑު ފިޔާތޮށި އަލިމަހެއް އަދި ދުވަހަކުވެސް މި ސަރަހައްދުން ފެނިފައެއް ނުވެއެވެ. ފިޔާތޮށި އަލިމަހަކީ އަލިމަހުގެ ތެރެއިންވެސް އެންމެ މަދުން ފެންނަ އަދި އެންމެ އަގުބޮޑު ވައްތަރެވެ.

މިއަށް މިހާރު ވަނީ ލޫލޯ ރޯސް ނުވަތަ ލޫލޯގެ ފިނިފެންމަލުގެ ނަންދީފައެވެ. މީތި ސާފުކޮށް ޕޮލިޝްކޮށް ކަނޑަންޖެހޭ ބައިތައް ކެނޑީމާ އޭގެ ސައިޒުން ގާތްގަޑަކަށް ފަންސާސް އިންސައްތަ ކުޑަވާނެއެވެ. ނީލަމުގައި އަލިމަސް ވިއްކާނީ އެމަރުހަލާޔަށް ފަހުގައެވެ. ގަބޫލުކުރެވޭ ގޮތުގައި ދުނިޔޭގެ ރިކޯޑު އަގަކަށް މީތި ވިކޭނެއެވެ.

އެންމެފަހުން ދުނިޔޭގެ ނީލަމެއްގައި ވިކިފައިވާ އެންމެ ބޮޑު ފިޔާތޮށި އަލިމަހަކީ ހޮންކޮންގެ ނީލަމެއްގައި 2017 ވަނަ އަހަރު ވިކިފައިވާ އަލިމަހެކެވެ. ގާތްގަޑަކަށް 59.6 ކެރަޓްގެ އެ އަލިމަސް ވިކިފައިވަނީ 71.2 މިލިއަން އެމެރިކާ ޑޮލަރަށެވެ. އެއީ މިހާތަނަށް ދުނިޔޭގައި އެންމެ ބޮޑު އަގުގައި ވިކިފައިވާ އަލިމަހެވެ.