ދުނިޔެ

ތެޔޮހުރިތޯ ސާރވޭ ކުރަނިކޮށް ފެނުނު ތާރީޚީ ޚަޒާނާ!

މިއަދުގެ އިރާގު އެއޮތީ ކުރީޒަމާނުގެ މެސެޕޮޓޭމިއާއޭ ކިޔުނު ސަރަހައްދުގައެވެ. މެސެޕޮޓޭމިއާއަކީ އުސް ޓަވަރުތަކާއި ބިޔަ ފައްޅިތަކާއި އެޒާތުގެ އިންޖިނޭރިންގެ ކަންކަމަށް އެންމެ އެވޭލާ ޒަމާނުގައި އެންމެ ކުރިއަރާފައިވާ މީހުން އުޅުނު ތަނެވެ. ދުނިޔޭގެ އޮރިޖިނަލް ހަތް އަޖާއިބުގެ ތެރެއިން ބާބީލުގެ ގަނޑުވަރު ހުރީވެސް މެސެޕޮޓޭމިއާގައެވެ.

މެސެޕޮޓޭމިއާގެ އެންމެ ވަރުގަދަ އެންމެ މޮޅު މަސައްކަތްތެރިކަން ފެންނަނީ ޒަގުރާތޭ ކިޔޭ ފައްޅިތަކުންނެވެ. މިއީ ހަތަރެސްކަން ބައްޓަމަށް އެކި ބުރިބުރިޔަށް ޕިރަމިޑު ސިފަޔަށް އިމާރާތްކުރެވޭ ފައްޅިއެކެވެ. އިހުގެ މެސެޕޮޓޭމިޔާ ހިމެނުނު ސަރަހައްދުން މިޒާތުގެ ވީރާނާވެފައިވާ ކިތަންމެ ފައްޅިއެއް ވަނީ ފެނިފައެވެ.

މެސެޕޮޓޭމިއާއިން ބޭރުގައި އެންމެ ބޮޑު ޒަގުރާތު ފައްޅިއެއް ފެނިފައިވަނީ މެސެޕޮޓޭމިޔާއާ ވަރަށް ކައިރިން އީރާނުންނެވެ. މިއީ އީރާނުގެ ފަހުގެ ތާރީޚުގައި އެގައުމުން ފެނިފައިވާ އެންމެ ބޮޑު އަދި އެންމެ ގަދީމީ އާސާރެވެ. މިތަން ފެނިފައިވަނީ އެކްސިޑެންޓަކުންނެވެ. އިއްތިފާގަކުންނެވެ.

ތެޔޮހުރިތޯ ދެނެގަތުމަށް ވައިގެ މަގުން އެކިހިސާބުތައް ސާރވޭކުރަމުން ބަލަމުންދިޔަ އިންޖިނޭރުންގެ ބަޔަކަށް އެތަން ފެނުނީއެވެ. އީރާނުގެ ޚުޒެސްތާނު ޕްރޮވިންސުގެ މަތިން އުދުހުނު ބޯޓަކަށް ޗޯގާ ޒަންބީލޭ ކިޔުނު ފަރުބަދައިން އާދަޔާ ޚިލާފު ސިފަތަކެއް ފާހަގަ ކުރެވުނީ 1935 ގައެވެ. ފަހުން އެހިސާބަށް ގޮސް ކޮނެގެން ސާފުކޮށްގެން ބެލިއިރު އެއީ ޒިގުރާތެކެވެ. ފައްޅިއެކެވެ. ނުހަނު ބޮޑު ތަނެއްމެއެވެ.

މިފައްޅިޔަކީ އެހިސާބުގައި ރަސްކަން ކުރެއްވި އުންތާޝް ނަޕިރީޝާ ނަމަކަށް ކިޔުނު ރަސްކަލަކު އީސާގެފާނުގެ ތޭރަސަތޭކަ އަހަރުކުރިން ބިނާކުރެއްވި ސަހަރެއްގެ މެދުތެރޭގައި ހުރި ފައްޅިއެކެވެ. އެހެންވީމާ މި ފައްޅިއަށް ތިންހާސް އަހަރަށްވުރެ ގިނަދުވަސްވެފައިވެއެވެ. އެގޮތުން މިއީ އީރާނުން ފެނިފައިވާ އެންމެ ދުވަސްވީ އާސާރުތަކުގެ ތެރެއިން އާސާރެކެވެ.