ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބަދުއަހުލާގީ އަމަލު ހިންގި މަންޒަރު ފެންނަ ފޮޓޯތަކެއް ލިބިވަޑައިގެންފައިވާ ކަމަށް ވިދާޅުވެ ރައްޔިތުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު، ރައީސް ސޯލިހު ބްލެކްމެއިލް ކުރެއްވި މައްސަލަ ބަލަން އެޕާޓީގެ ގައުމީ މަޖިލީހުގެ ގިނަ މެމްބަރުންތަކެއް ގޮވާލައިފިއެވެ.

އެމްޑީޕީގެ ގައުމީ މަޖިލިސް ގްރޫޕަށް ނަޝީދު މިއަދު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، ރައީސް ސޯލިހު ބަދުއަހުލާގީ އަމަލު ހިންގާ ފޮޓޯތަކެއް ލިބިފައިވާ ކަމަށެވެ. އަދި އެ ފޮޓޯތައް ފުލުހުންނާ ހިއްސާ ކުރަންވީތޯ ވެސް ނަޝީދު އެއްސެވިއެވެ.

"އަދި ރައީސް ސޯލިހްގެ ބަދުއަހްލާގީ އަމަލު ހިންގާ ފޮޓޯތައް ފުލުހުން ފޮރުވީތޯ" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ، ރައީސް ސޯލިހު ބަދުއަހުލާގީ އަމަލު ހިންގާފައިވަނީ އާއިލީ ގޮތުން ވަރަށް ގާތް ރަހުމަތްތެރިއެއްގެ ކުއްޖަކާއެކު ކަމަށެވެ.

ރައީސް ސޯލިހަށް ކުރެއްވި ތުހުމަތު ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވަނީ ދޮގު ކުރައްވައިފައެވެ. މަބްރޫކް މިރޭ "ވަން" އަށް ވިދާޅުވީ، ނަޝީދު އެ ވިދާޅުވާފަދަ އަމަލެއް ހިންގާފައިނުވާނެކަމުގެ ޔަގީންކަން ރައީސް ސޯލިހު ދެއްވާފައިވާ ކަމަށެވެ.

ރައީސް ސޯލިހު ބަދުއަހުލާގީ އަމަލު ހިންގިކަމުގެ ތުހުމަތު ނަޝީދު ކުރެއްވުން، އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަރަށް ގިނަ މެމްބަރުން ވަނީ އެކަމާ ހިތްހަމަނުޖެހުން ފާޅުކުރައްވައިފައެވެ.

ގައުމީ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު ހުސެއިން އިސްމާއީލް ނަޝީދަށް ރައްދުދެއްވައި ވިދާޅުވީ، ރައީސް ބްލެކްމެއިލްކުރުމުގެ ފުރުސަތު އެއްވެސް ފަރާތަކަށް ނުދެއްވާނެ ކަމަށެވެ.

"މިކަން ބައްލަވައި ދެއްވުމަށް އެދެން. ފިޔަވަޅު އަޅާ ކޮމިޓީން މި މައްސަލަ ބަލައިދެއްވުން އެދެން،" ހުސެއިން އިސްމާއީލް ވިދާޅުވިއެވެ.

އުނގޫފާރު ދާއިރާގެ މެމްބަރު އަލީ ޝާހިދު ވިދާޅުވީ، ނުރަނގަޅު ކަންކަން ދިފާއު ކުރުމަށް ނަޝީދު ކުރައްވާ މަސައްކަތުން ފަލީހަތް ވަނީ އެމްޑީޕީގެ އާންމު މެމްބަރުން ކަމަށެވެ. އަދި ވިދާޅުވީ އެމްޑީޕީގެ ރައީސް މިހާރު ގެއްލިއްޖެ ކަމަށާއި މިހާރު ފެންނަނީ ޕާޓީ ފުނޑާލައި ގައުމު ހަލަބޮލި ކުރަން މަސައްކަތްކުރައްވާ ބޭފުޅެއް ކަމަށެވެ.

ގައުމީ މަޖިލީހުގެ ވިލިގިނލި ދާއިރާގެ މެމްބަރު ވިދާޅުވީ، އެމްޑީޕީގެ ރައީސްއާމެދު ގިނަ ބައެއްގެ އިތުބާރު ގެއްލިއްޖެ ކަމަށެވެ. ރައީސް ސޯލިހާއި އެމްޑީޕީގެ ހުރިހާ މެމްބަރުންގެ ކިބައިން ނަޝީދު މާފަށް އެދިވަޑައިގަންނަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ކެލާ ދާއިރާގެ ގައުމީ މަޖިލީހުގެ ރައީސް އިބްރާހީމް ޝަރީފު ވިދާޅުވީ، ރައީސް ސޯލިހާ ގުޅޭގޮތުން ބޭއަދަބީ ވާހަކަތައް ފެތުރިގެން ދިޔުމަކީ އެކަމުގެ ނޭދެވޭ އަސަރު މުޅި ގައުމަށް ކުރާނެ ކަމެއް ކަމަށެވެ. އަދި އެއީ ފަތުރުވެރިންނަށާއި ފޮރިން އިންވެސްޓަރުންނަށް ދެވޭ ނުރަނގަޅު މެސެޖެއް ކަމަށެވެ.

ނަޝީދަށް ފާޑު ވިދާޅުވަމުން ނައިފަރު ދާއިރާގެ މެމްބަރު އަބްދުﷲ ރަޝީދު ވިދާޅުވީ، ނަޝީދުގެ ފަރާތުން ފެންނަމުންދަނީ ބަލައިގަނެވޭނެ ކަންކަމެއް ނޫން ކަމަށެވެ.

"ޕާޓީގެ ލީޑާ އަދި ގައުމުގެ ރައީސްއާ ގުޅޭގޮތުން މިފަދަ ވާހަކަތައް ދެއްކުމަކީ ވަރަށް ދަށު ދަރަޖައިގެ އަމަލެއް. ޕާޓީގެ ރައީސް މަގާމުން އިސްތިއުފާދެއްވުމަށް ދަންނަވަން" އަބްދުﷲ ރަޝީދު ވިދާޅުވިއެވެ.

އެމްޑީޕީގެ ގައުމީ މަޖިލިސް ވަރަށް ބޮޑަށް ހޫނުވެފައިވާ އިރު، ނާޒިމް ހައްޔަރުކުރަން އިއްޔެ ފުލުހުން ކޯޓު އަމުރު ހޯދުމުން، ރައީސް ސޯލިހުގެ ސަރުކާރު ވައްޓާލަން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެ ނަޝީދު ވަނީ ބައެއް މިނިސްޓަރުންނާއި މަޖިލިސް މެމްބަރުންގެ އިތުރުން އެމްޑީޕީގެ ބައެއް މެމްބަރުންނަށް މެސެޖެއް ފޮނުއްވައިފައެވެ.