ދުނިޔެ

އަދުގެ ދުނިޔެ: މިހާރު ފެންނަގޮތުން ގައުމަށް އެނބުރިވަޑައިގަތުން ނޫންގޮތެއް ގޮޓާބަޔާއަކަށް ނެތެވެ.

އިމާދު ލަތީފު

ސްރީލަންކާގެ ކުރީގެ ރައީސް ގޮޓާބަޔާ ރާޖަޕަކްސަ ގައުމު ދޫކުރައްވައި ޖުލައި ތޭރަވަނަ ދުވަހު އެންމެ ފުރަތަމަ ވަޑައިގެންނެވީ ދިވެހިރާއްޖެއަށެވެ. އޭގެ އެއްދުވަސްފަހުން ޖުލައި ސާދަވަނަ ދުވަހު ސައޫދީ އެއަރލައިނުގެ ބޯޓެއްގައި އޭނާ ވަޑައިގެންނެވީ ސިންގަޕޫރަށެވެ. ސިންގަޕޫރުގެ ސިޔާސީ ހިމާޔަތަށް ރާޖަޕަކްސާ އެދިވަޑައެއް ނުގަންނަވައެވެ. އަދި މާދިގު މުއްދަތަކަށް އެތާގައި ހުންނެވުމުގެ އެދުމެއްވެސް ފާޅުނުކުރައްވައެވެ. ސިންގަޕޫރުން އޭނާއަށް އެރުވީ ސާދަ ދުވަސް ނުވަތަ ދެ ހަފުތާގެ ވަގުތީ ވިސާއެކެވެ. އޭގެ މުއްދަތު މިހާރު ހަމަވަނީއެވެ. މުއްދަތު ހަމަވުމުގެ ކުރިން ސިންގަޕޫރުން އަނެއްކާވެސް އިތުރު ސާދަ ދުވަހަށް ވިސާ އައުކޮށްފިއެވެ. ގަބޫލުކުރެވޭ ގޮތުގައި އެ މުއްދަތަށްވުރެ އިތުރަށް ސިންގަޕޫރުގައި ގޮޓާބަޔާ ނުހުންނަވާނެއެވެ.

ސިންގަޕޫރުގައި ގިނަދުވަހަށް މަޑުކުރެއްވުމަކީ ގޮޓާބަޔާގެ މަސްލަހަތު ނިޔާކުރާގޮތެއް ނޫނެވެ. ހަގީގަތުގައި އެއީ ގޮޓާބަޔާއަށް ނުރައްކާތެރި ތަނެކެވެ. ސިންގަޕޫރުގެ އާބާދީއަކީ 5.5 މިލިޔަން މީހުން ކަމަށްވާއިރު އޭގެތެރެއިން ގާތްގަޑަކަށް ދެލައްކަ މީހުންނަކީ ތަމަޅައިންނެވެ. ދުނިޔޭގެ ކޮންމެތަނެއްގައި އުޅުނަސް ތަމަޅައިންނަކީ ގޮޓާބަޔާގެ އެންމެ ބޮޑު ދުޝްމަނުންނެވެ. އޭގެ ސިއްރަކީ ސްރީލަންކާގެ ދާޚިލީ ހަނގުރާމައިގެ ދުވަސްވަރު ދިފާއީވަޒީރުގެ ހައިސިއްޔަތުން ތަމަޅައިންނާ ދެކޮޅަށް ގޮޓާބަޔާ ކުރެއްވި ކަމަށް ތުހުމަތުކުރެވޭ ކަންކަމެވެ. ނުވަތަ ސްރީލަންކާގެ ތަމަޅައިންނާ ދެކޮޅަށް ގޮޓާބަޔާގެ އެންގެވުމަށް ސިފައިން ހިންގާފައިވާ ކަމަށް ބުނެވޭ ޖަރީމާތަކެވެ. އެތައް ހާސްބަޔަކު މަރުވެ އިތުރު އެތައް ހާސްބަޔަކު ވީނުވީއެއް ނޭނގި ގެއްލިފައިވެއެވެ.

ސްރީލަންކާގެ ދާޚިލީ ހަނގުރާމައިގެ ދުވަސްވަރު ތަޅައިންގެ އާއްމުންނާ ދެކޮޅަށް ސިފައިން ހިންގާފައިވާކަމަށް ބުނެވޭ ގިނަގުނަ ޖަރީމާތަކުގެ މައްސަލަ ތަހުގީގުކުރަން އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ވަނީ ގޮވާލައިފައެވެ. އަދި ދުނިޔޭގެ ބައެއް ކޯޓުތަކަށް ތަމަޅައިން ވަނީ ގޮޓާބަޔާއާ ދެކޮޅު މައްސަލަތަކެއްވެސް ވައްދައިފައެވެ. މިކަން މިހެން އޮތީމާ ދުނިޔޭގައި ތަމަޅައިންގެ އާބާދީ އެންމެ ބޮޑު ހަތްވަނަ ގައުމުކަމަށްވާ ސިންގަޕޫރަކީ އެއްވެސް ގޮތަކުން ގޮޓާބަޔާއަށް ރައްކާތެރި ތަނަކަށެއް ނުވެއެވެ. ނުވެސްވާނެއެވެ. މާގިނަދުވަހު ގޮޓާބަޔާއަށް މެހުމާންދާރީ އަދާކުރުމަކީ ސިންގަޕޫރުގެ ސަރުކާރަށްވެސް ސިޔާސީގޮތުން މަންފާކުރަނިވި ކަމަކަށް ނުވާނެއެވެ. އޭނާ ހައްޔަރުކުރުމުގެ އަމުރަކަށް އެދި މިހާރުވެސް ތަމަޅައިންވަނީ ސިންގަޕޫރުގެ ކޯޓަކަށް ހުށަހަޅައިފައެވެ.

ގޮޓާބަޔާ ދެން ވަޑައިގަންނަވާނީ ކޮން ގައުމަކަށް ބާވައެވެ. އެންމެންގެ ހިތުތެރޭގައިވެސް އުފެދިފައިވާ ބޮޑު ސުވާލަކީ އެއީއެވެ. ކޮރަޕްޝަނާއި ފަސާދައިގެ ތުހުމަތުތަކުގެ އިތުރަށް ހަނގުރާމައިގެ ޖަރީމާތަކުގެ ތުހުމަތުވެސް އެޅުވޭ ބޭފުޅަކަށްވެފައި އޭނާއަށް މެހުމާންދާރީ އަދާކުރާ ކޮންމެ ގައުމަކަށް ތަފާތު އެތަކެއް ފިއްތުންތައް ކުރިމަތިވާނެއެވެ. އެއީ ގިނަ ގައުމުތަކުން ނަގަން ބޭނުންވާނޭ ރިސްކެއް ނޫނެވެ. ބޮޑަށް ބެލެވޭގޮތުން ގޮޓާބަޔާ އެދިވަޑައިގަންނަވާ މަންޒިލަކީ ޔުނައިޓެޑް އަރަބް އެމިރޭޓްސްއެވެ. ޚާއްސަކޮށް ދުބާއީއެވެ. ސިންގަޕޫރުގައި މަޑު ކުރައްވަނީ ދުބާއީން އެކަށީގެންވާ ޖަވާބެއް ލިބިވަޑައި ނުގަންނަވާތީއެވެ. ދުބާއީއަކީ ގައުމުތަކުގެ ކުރީގެ ވެރިންގެ ފައިސާގެ ހުދުކަމަކާއި ކަޅުކަމެއް ނުބަލައި ފައިސާގެ އަދަދަށް އެކަނި ބަލައިގެން ހިމާޔަތްދޭ ތަނެކެވެ.

ދުބާއީއަކީ ފައިސާ ހޯދިގޮތަކާއި އޭގެ ކުލަޔަށް ނުބަލައި ފައިސާވެރިންނަށް ހިމާޔަތްދޭ ތަނަކަށްވިޔަސް ގޮޓާބަޔާ ކަހަލަ ބޭފުޅަކު އޭގެތެރޭގައި މިހާތަނަށް ހިމެނިފައި ނުވެއެވެ. އިންސާނީ ހައްގުތަކަށް އަރައިގަތުމުގެ މައްސަލަތަކެއްގައި އަދި ހަނގުރާމައިގެ މުޖުރިމެއްގެ ގޮތުގައި ދުނިޔޭގެ އެތަކެއް ކޯޓަކަށް ހާޒިރުކުރަން ބޭނުންވެފައިވާ މީހަކަށް ދުބާއީންވެސް މިހާތަނަށް ހިމާޔަތް ދީފައެއް ނުވެއެވެ. ގޮޓާބަޔާގެ މައްސަލައިގައި ޔޫއޭއީއަށް ގޮތް ނުނިންމިގެން އުޅެނީ އެހެންވެގެން ކަމަށް ވެދާނެއެވެ. އިންޑިޔާގައި ތަމަޅައިންގެ އާބާދީ 70 މިލިޔަނަށްވުރެ ބޮޑެވެ. އެހެންވީމާ އިންޑިޔާއަކުންވެސް ގޮޓާބަޔާ ބަލައެއް ނުގަންނާނެއެވެ. އެމެރިކާޔާއި އިނގިރޭސިވިލާތަކީ ދައްކާ ވާހަކަތަކާއި އަމަލު ދިމާކުރަންޖެހޭ ގައުމުތަކެވެ. އެހެންވީމާ ގޮޓާބަޔާއަށް ދޮރުހުޅުވައިލުން ފަސޭހައެއް ނުވާނެއެވެ.

ގޮޓާބަޔާއަށް ދެންއޮތް ހަމައެކަނި ގޮތަކީ އޭނާ ނިސްބަތްވާ ސްރީލަންކާއެވެ. ލަންކާގެ ވެރިކަމުގައި އެތިބީ ގޮޓާބަޔާއަށް ވަފާތެރި ބޭފުޅުންނެވެ. ސިފައިންނާއި ފަނޑިޔާރުންނާއި މަޖިލީސް މެންބަރުންގެ ތެރޭގައިވެސް ގިނައީ ގޮޓާބަޔާގެ މިތުރުންނެވެ. އެމީހުންގެ ބާރު ހިނގާހާ ދުވަހެއްގައި ގޮޓާބަޔާ ހައްޔަރެއް ނުކުރާނެއެވެ. ސަރިޔަތެއް ނުހިންގާނެއެވެ. އެކަން ކަށަވަރެވެ. އެކަމަކު ލަންކާގެ އާއްމު ރައްޔިތުން ގޮޓަބަޔާއާ ވަރަށް ދެކޮޅެވެ. ގޮޓާބަޔާ ހައްޔަރުކުރަން ބޭނުންވެއެވެ. އެގޮތުން އެނބުރި ގައުމަށް ވަޑައިގަތުމަކީ ސްރީލަންކާގެ ސަރުކާރާއި އާއްމު ރައްޔިތުން އިތުރަށް މުޑިއަރައި މިހާރަށްވުރެވެސް ބޮޑަށް މަސްރަހު ނާމާންވެގެން ހިނގައިދާނެ ކަމެކެވެ. އެކަމަކު ގައުމަށް އެނބުރި ވަޑައިގަތުން ނޫންގޮތެއް ނެތިއްޔާ ދެން އެކަން ކުރައްވާނެތާއެވެ.