ދުނިޔެ

ސްރީލަންކާގެ އަދުގެ ހާލަތު: ފެންނަމުންދަނީ ދޮޅިއުފުލައި ނޭވާލަމުންދާ ސިއްހީ ނިޒާމެކެވެ.

އިމާދު ލަތީފު

ސްރީލަންކާއަށް މިއަދު ދިމާވެފައިވާ އިގްތިސާދީ ތަދުމަޑުކަމުގެ ސަބަބުން ކަންކަން ބޮއްސުންލައި ރައްޔިތުންނަށް ކުރިމަތިވެފައިވާ ހިތްދަތިކަމާއި ނިކަމެތިކަން އެންމެބޮޑަށް އިހުސާސްކުރެވޭނީ ވެރިރަށް ކޮޅުނބުގައި ހުންނަ އެންމެ ބޮޑު ޕަބްލިކް ހަސްފަތާލަށް ބަލައިލީމައެވެ. ހުރިހާ ވޯޑުތަކެއްގައިހެން ފެތުރިފައިވަނީ އަނދިރިކަމެވެ. މަދު އެނދެއްފިޔަވައި އެހެންހުރިހާ އެނދުތައް އެހެރީ ހުސްކޮށެވެ. ދެމިތިބި ބަޔަކަށްވެސް ފަރުވާއެއް ނުލިބެއެވެ. ވަގުތުތައް ހޭދަކުރަމުންދަނީ ވޭނުގައެވެ. ޑޮކްޓަރުންނާއި ނަރުހުންގެ ގިނަބަޔަކު ޑިއުޓީއަށް ހާޒިރެއް ނުވެއެވެ. ގިނަގުނަ ސަބަބުތަކާލައިގެންނެވެ. ދަތުރުފަތުރު ކުރެވޭނޭގޮތް ނެތިގެންނެވެ. މުސާރަ ނުލިބޭތީއެވެ. ދިޔައަސް ދެވޭނެ ފަރުވާއެއް ނެތީމައެވެ. ސަލާމަތާއި ރައްކާތެރިކަމުގެ ޔަގީންކަން ނެތިގެންނެވެ.

މިއީ ހަމައެކަނި ކޮޅުނބުގެ ނެޝަނަލް ހޮސްޕިޓަލުގެ ހާލަތެއް ނޫނެވެ. މިވަގުތު ސްރީލަންކާގެ ޕަބްލިކް ގިނަ ހަސްފަތާލުތަކުގެ ހާލަތަކީ މިއީއެވެ. މީގެ ހައެއްކަމަސް ކުރިން އޮތީ މިހާލަތެއް ނޫނެވެ. ދެކުނު އޭޝިޔާގެ ގައުމުތަކުގެ ތެރެއިން ނިސްބަތުން އެންމެ ރަނގަޅަށް އިންތިޒާމުކުރެވި އެންމެ މޮޅަށް ތަރުތީބު ކުރެވިފައިވާ ސިއްހީ ނިޒާމެއް އޮތީ ސްރީލަންކާގައެވެ. ކޮޅުނބުގެ އެންމެ ބޮޑު ޕަބްލިކް ހަސްފަތާލުކަމަށްވާ ނެޝަނަލް ހޮސްޕިޓަލަކީ އެގައުމުގެ ސިއްހީ ނިޒާމުގެ ދުޅަހެޔޮކަން އެންމެ ބޮޑަށް ވަޒަންކުރެވުނު ތަނެވެ. ހަމައެގޮތަށް ގައުމަށް މިހާރު ދިމާވެފައިވާ ތަދުމަޑުކަމާއި ނިކަމެތިކަން އެންމެ ބޮޑަށް ތަމްސީލުވަމުންދާތަނަކީވެސް މި ހަސްފަތާލެވެ. ދާދިފަހަކާ ހަމަޔަށްވެސް މިއީ ސްރީލަންކާގެ އެކި ކަންކޮޅުތަކުން އެންމެ ގިނަބަޔަކު ގޮސް ފަރުވާ ލިބިގަންނަ ތަނެވެ.

ނެޝަނަލް ހޮސްޕިޓަލުގެ އެނދުތަކުގެ ތެރެއިން ހަތަރުހާހަށްވުރެ ގިނަ އެނދު މިހާރު އެހެރީ ހުސްކޮށެވެ. މުވައްޒަފުންގެ ތެރެއިން ގިނަބަޔަކު މަސައްކަތަކަށް ނުނިކުމެއެވެ. ބޭހެއް، މަލަމެއް، ވެކްސިނެއް، ސިރިންޖެއް ނެތެވެ. ޑޮކްޓަރު ލިޔެދޭ ބޭހެއް ޕްރައިވެޓް ބޭސްފިހާރަޔަކުން ގަނެވޭނޭ ފަދައެއްވެސް ނެތެވެ. ފައިސާނެތިގެންނެވެ. ތެޔޮނެތިގެން ދަތުރުފަތުރުގެ ޚިދުމަތް ހުއްޓިފައިވާތީ ހަސްފަތާލަށް ކޮންމެހެންދާން ޖެހޭ މީހާވެސް ދަނީ އެތައް ކިލޯމީޓަރަކަށް ހިނގައިފައެވެ. ގިނަ ޑޮކްޓަރުންގެ އަތުގައި ކާރު ހުރެއެވެ. އެކަމަކު ތެޔޮނެތީމާ ދަތުރުކުރެވޭނޭ ގޮތެއް ނެތީއެވެ. ބޭނުންވާ ބޭހާއި އެނޫންވެސް މެޑިކަލް ސާމާނުގެ 85 އިންސައްތަޔަކީ ބޭރުން އެތެރެކުރެވޭ ތަކެއްޗެވެ. އަމިއްލަޔަށް އުފައްދާ ތަކެއްޗަށްވެސް ރޯމެޓީރިއަލް ބޭނުންވެއެވެ.

ރޯމެޓީރިއަލަކީވެސް ބޭރުން ގެންނަންޖެހޭ އެއްޗެކެވެ. އެހެންވީމާ ފުރާނަ ސަލާމަތް ކުރުމަށް ބޭނުންވާ އަސާސީ ބޭސްތައް މުޅިންހެން މިހާރު އެހެރީ ހުސްވެފައެވެ. މިހާލަތުގައި މަރުވަމުންދަނީ ކިތައް މީހުންކަމެއް ނޭނގެއެވެ. އެނގޭ އެއްޗަކީ މީހުން ބަލިވާނެ ކަމެވެ. ފަރުވާ ނުދެވެންޏާ މަރުވާނެކަމެވެ. އޮޕަރޭޝަން ކުރުމަށް ކުރިއްސުރެ ޝެޑިއުލްކުރެވިފައިވާ ބަލިމީހުންވެސް ހަސްފަތާލަށް ހާޒިރެއް ނުވެއެވެ. މަރުވީ ކަމަށް ވެދާނެއެވެ. ދިއުމުގެ ބޭނުމެއް ނެތީ ކަމަށް ވެދާނެއެވެ. ދެވޭނެފަދައެއް ނެތީ ކަމަށްވެސް ވެދާނެއެވެ. މުވައްޒަފުންގެ ދަތިކަންވެސް އިންތިހާއަށް ބޮޑެވެ. ޑިއުޓީއަށް ނުކުމެއްޖެ ކޮންމެ މީހަކު ޑަބަލް ޝިފްޓް ނަގަންވެސް މަޖުބޫރުވެއެވެ. ޝިފްޓްގައި ތިބޭއިރު އެމީހުންނަށް ކުރެވޭހާވެސް ކަމަކީ ބަލިމީހުންގެ ރުއިންތައް އަޑުއެހުމެވެ.

ސްރީލަންކާ މިއަދު އެއޮތީ މާލީގޮތުން އިނދަޖެހިފައެވެ. ބަނގަރޫޓުވެފައެވެ. ބޭނުންވާ ތަކެތި އެތެރެކުރަން ހޭދަކުރާނޭ ބޭރުފައިސާއެއް ނެތެވެ. އެހެންވީމާ މިހާލަތު ދެންވެސް އޮތީ ކުރިއަށެވެ. އައު ރައީސް ރަނިލް ވިކްރަމަސިންހާ ވިދާޅުވެފައިވަނީ މިހާލަތުން އަރައިގަނެވޭނީ އެންމެ އަވަސްވެގެންވެސް އަންނަ 2023 ވަނަ އަހަރުގެ ފަހުކޮޅު ކަމުގައެވެ. އެހިސާބަށްދާއިރު ހެލްތު ކެއަރއޭ މިކިޔާ ނިޒާމު ދެމިއޮތުންވެސް ނާދިރެވެ. ސްރީލަންކާގެ ރައްޔިތުންގެ ތެރެއިން 90 އިންސައްތަ މީހުން އޭގެ މައްޗަށް ބަރޯސާކޮށްގެންތިބި ހެލްތު ކެއަރ ނިޒާމު ކަފުންކޮށް ވަޅުނުލައިފިއްޔާ ކިތަންމެހާވެސް ރަނގަޅެވެ. މިހާރު އެފެންނަނީ ދޮޅިއުފުލައި ނޭވާލަމުންދާ މަންޒަރެވެ. ދާއިމީ މަރަކުން މަރުނުވެ ސަލާމަތްވާނީ ބޭރުގެ ދީލަތި އެހީ ލިބިގެންނެވެ. އެހީއާ ނުލައި އުއްމީދެއް ނެތެވެ.

މިހާރުވެސް ކޮންމެވެސް މިންވަރަކަށް އެހީ އެބަލިބެއެވެ. މުޅިން މަރުނުވެ އެއޮތީ އެހެންވެގެންނެވެ. ވޯލްޑް ބޭންކުން ތަރައްގީގެ ކަންކަމަށް ދޫކުރާ ފައިސާވެސް މިހާރު ޚާއްސަކޮށްފައިވަނީ ކޮންމެހެންވެސް ބޭނުންވާ ބޭސް އެތެރެކުރުމަށެވެ. އިންޑިޔާ އާއި ޖަޕާން އަދި ބަންގްލަދޭޝްއިންވެސް ހިސާބަކަށް އެބައެހީވެއެވެ. ބޭރުގައުމުތަކުގައި މަސައްކަތްކުރާ ސްރީލަންކާގެ ރައްޔިތުންވެސް ބޭހާއި ސިއްހީ ދާއިރާއަށް ބޭނުންވާ އެހެނިހެން ތަކެތި އެބަފޮނުވައެވެ. އެކަމަކު ބޭނުންވާވަރަށްވުރެ މަދުންނެވެ. މި ހާލަތުގައި ރައްޔިތުންނަށް އުފުލާން ޖެހިފައިވަނީ ބޭސްފަރުވާ ނުލިބުމުގެ ދަތިކަން އެކަންޏެއް ނޫނެވެ. ކާބޯތަކެތިވެސް އެހާތަދެވެ. ސްރީލަންކާގެ ބާވީސް މިލިޔަން މީހުންގެ ތެރެއިން މަދުވެގެން ފަސް މިލިޔަން މީހުން މިހާރު އެތިބީ ހައިހޫނުކަމުގައި ކަމަށް ވޯލްޑް ފުޑް ޕްރޮގްރާމުން އަންދާޒާ ކުރެއެވެ.