މުދަލާއި ހިދުމަތުގެ އަގުން ނަގާ ޖީއެސްޓީ އިތުރުކުރަން ސަރުކާރުން ނިންމި ނިންމުމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އިން މަރުހަބާ ކިޔައިފިއެވެ.
ރާއްޖޭގެ އިގުތިސާދީ ހާލަތު ދެނެގަތުމަށް އައިއެމްއެފްގެ ވަފުދެއް މިދިޔަ މަހުގެ 21-29 އަށް ވަނީ ރާއްޖެ ޒިޔާރަތްކޮށްފަ އެވެ.
އެ ވަފުދުގެ ހޯދުންތަކާއި ދެކޭ ގޮތް ހާމަކޮށް މިއަދު ނެރުނު ބަޔާނުގައި ބުނެފައި ވަނީ ރާއްޖޭގެ އިގުތިސާދު ރަނގަޅުވާން ފަށާފައިވާ މި ދަނޑިވަޅަކީ މާލީ އަދި ދަރަނީގެ ދެމެހެއްޓެނިވިކަން ކަށަވަރު ކުރުމަށްޓަކައި ލިބޭ ފުރުސަތެއް ކަމަށާއި ޖީއެސްޓީ އަދި ޓީޖީއެސްޓީ ބޮޑުކުރަން ސަރުކާރުން ހުށަހަޅާފައިވާ ހުށަހެޅުމަކީ މި ދިމާލަށް އަޅަންޖެހޭ މުހިންމު އިސްލާހީ ފިޔަވަޅެއް ކަމަށެވެ. އަދި އެކަމަށް އައިއެމްއެފުން މަރުހަބާ ކިޔާ ކަމަށް ބުނެފައިވެއެވެ.
މާލީ ނިޒާމަށް ހުރި ގޮންޖެހުންތައް ކުޑަކުރުމަށް ރިޕޯޓުގައި ފާހަގަކޮށްފައިވާ މުހިންމު ލަފާތަކުގެ ތެރޭގައި ރާއްޖޭގެ އެތެރޭގެ ބާޒާރުން އާމްދަނީ އިތުރުކުރުމާއި ދައުލަތުގެ ހަރަދުތައް، ހާއްސަކޮށް ކެޕިޓަލް ހަރަދުތައް ހަމައަކަށް އަޅުވައި ކޮންމެހެން ކުރަން ޖެހޭ ހަރަދުތައް ނުކުރުން ހިމެނެއެވެ.
އަދި ލުއި ގޮތަކަށް ނޫން ގޮތަކަށް ލިބޭ ދަރަނި މި ދަނޑިވަޅުގައި ނުނެގުމަށާއި އިންޓަރެސްޓްގެ ބުރަ ކުޑަކުރުމާއި އެންމެ ނާޒުކު ފަރާތްތަކަށް އަމާޒުކޮށްގެން އެހީތެރިކަން ފޯރުކޮށްދިނުމުގައި ސަބްސިޑީ އިސްލާހުކުރުމަށް ސަރުކާރުން ގެންގުޅޭ ވިސްނުން ވީހާވެސް އަވަހަކަށް ތަންފީޒުކުރުމަށްވެސް އައިއެމްއެފުން ލަފާދީފައިވެއެވެ.
އޭގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކުން ދައުލަތުގެ ބަޖެޓަށް ބަރޯސާވުން ކުޑަކުރުމަކީ މާލީ ނިޒާމަށް ހުރި ގޮންޖެހުންތައް ކުޑަކޮށްދޭނެ ކަމެއް ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.
ޖީއެސްޓީ ހަ ޕަސެންޓުން އަށް ޕަސެންޓަށް އަދި ޓީޖީއެސްޓީ 12 ޕަސެންޓުން 16 ޕަސެންޓަށް އިތުރުކުރަން ނިންމާފައިވާކަން ސަރުކާރުން އިއުލާންކުރީ މި މަހުގެ ކުރީ ކޮޅުގައެވެ. އަދި ތެލުގެ ސަބްސިޑީގެ އުސޫލު ބަދަލުކުރުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ވަނީ އިއުލާން ކުރައްވައިފައެވެ.