ރައްޔިތުންގެ މެދުގައި ހައްގާއި ބާތިލް އޮޅޭފަދަ ގޮތަކަށް ވާކަހަދައްކަވާފައިވާ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ފިޔަވަޅުއަޅަން އަދާލަތު ޕާޓީގެ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު ގޮވާލައްވައިފިއެވެ.

އަދާލަތު ޕާޓީން އިއްޔެ އާންމުކުރި "އިސްލާމީ ފިގުހުވެރިންގެ މީޒާނުގައި ޔޯގާ" ކަރުދާސްގައި ބުނެފައިވަނީ، ޔޯގާއާ މެދު މައިގަނޑު ތިން ރައުޔެއް އޮންނަ ކަމަށެވެ. އޭގެ ތެރެއިން ދެ ރައުޔުގައި ޔޯގާ ހަރާމް ކަމަށެވެ. އަދި އަނެއް ރައުޔުގައި ވަނީ ޔޯގާ ހުއްދަ ކަމަށެވެ. އެހެންކަމުން ޔޯގާ އަކީ ހިންދޫ ދީނުގެ އަޅުކަމެއް ކަމަށާއި އެއީ މުސްލިމުންނަށް ހުއްދަ ކަމެއް ނޫން ކަމަށް އަދާލަތު ޕާޓީން ވަނީ ބުނެފައެވެ.

އެ ފަތުވާއާ ގުޅިގެން މިއަދު ނަޝީދު ވިދާޅުވީ ޔޯގާއަކީ ޝިރުކެއްކަން ދަންނަބޭކަލުންގެ އިޖުމާއެއް ނެތް ކަމަށެވެ. އަދި ވަކި ބައެއްގެ ފަލްސަފާއަކީ އިސްލާމްދީނުގެ ހުކުމެއްކަމަށް ބަލައިގަންނަން ދަތި ކަމަށެވެ.

ނަޝީދުގެ އެ ވާހަކަތަކަށް ރައްދު ދެއްވައި ޑރ. އިޔާޒު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ނަޝީދަކީ ދީނީ ކަންކަމުގައި ބަސް ބުނުމުގެ ހުއްދަ ލިބިފައިވާ ފަރާތެއް ނޫން ކަމަށާއި އިސްލާމިކް މިނިސްޓްރީން ނަޝީދަށް ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ،

"ދީނީ ކަންކަމުގައި ބަސްބުނުމުގެ ލައިސަންސްނެތި، މީސްތަކުންނަށް ހައްގާއި ބާތިލް އޮޅޭފަދަ ގޮތަކަށް މުހައްމަދު ނަޝީދު އަމަލުކުރައްވާފައިވާތީ އެކަމުގެ މައްޗަށް ފިޔަވަޅު އަޅަން ޖެހޭ" ދރ. އިޔާޒު ވިދާޅުވިއެވެ.

ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް މިދިޔަ މަހުގެ 21 ވަނަ ދުވަހު ގަލޮޅު ދަނޑުގައި ހަރަކާތެއް ބާއްވަން ޔޫތް މިނިސްޓްރީން ނިންމުމުން އެކަމާ ވަރަށް ގިނަ އިލްމުވެރިން ވަނީ ދެކޮޅު ހަދައިފައެވެ. ނަމަވެސް އެ ހަރަކާތް ކުރިއަށް ގެންދަން ޔޫތް މިނިސްޓްރީން ނިންމިއެވެ.

އެހެންވެ ބަޔަކު ވަނީ ޔޯގާ ހަރަކާތް ބޭއްވި ގަލޮޅު ދަނޑަށްވަދެ ހަމަނުޖެހުން ހިންގައިފައެވެ. އެ ހަމަނުޖެހުމާއެކު ބައެއް ޔޯގާއާ މެދު އިސްލާމީ ޝަރީއާގައި ބަޔާންކުރައްވާފައިވާ ގޮތް އޮޅުންފިލުވަން ވަރަށް ގިނަ ބަޔަކު ވަނީ އެދިފައެވެ. އަދާލަތު ޕާޓީގެ ގިނަ އިލްމުވެރިންނާއި ސަލަފު ޖަމިއްޔާގެ އިލްމުވެރިން ބުނެފައިވަނީ ޔޯގާއަކީ ހަރާމް ކަމެއް ކަމަށެވެ.

ޔޯގާ ހަމަނުޖެހުމާ ގުޅިގެން 21 މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. އޭގެ ތެރެއިން ބައެއް މީހުން މިހާރު ވަނީ ދޫކޮށްލައިފައެވެ.