ދުނިޔެ

އަދުގެ ދުނިޔެ: އިންޑިޔާގެ ރައީސްކަމަށް ޑަރައުޕަޑީ މުރްމޫ އިންތިޚާބުވުމަކީ އައުބާބެއްގެ ފެށުމެކެވެ.

އިމާދު ލަތީފު

އިންޑިޔާގެ ރައީސަކީ ރަމްޒީ ބޭފުޅެކެވެ. ވެރިކަން ހިންގުމުގެ އެންމެހައި ބާރުތަކުގެ ވެރިޔަކީ ބޮޑުވަޒީރެވެ. ރައީސަކީ ރަމްޒީ ބޭފުޅަކަށްވިޔަސް ދައުލަތުގެ އެންމެ އިސްވެރިޔާގެ ގޮތުގައި އެމަގާމުގައި ހުންނަވާ ބޭފުޅެއްގެ ހައިބަތާއި ދަރަޖަޔާއި ހައިސިއްޔަތު ނުހަނު ބޮޑެވެ. ރައީސްގެ މަގާމަށް ބޭފުޅަކު ހޮވަނީ އިންޑިޔާގެ ފެޑެރަލް ޕާލަމެންޓާއި އެކި ސްޓޭޓްތަކުގެ ސްޓޭޓް އެސެމްބްލީއަށް ނިސްބަތްވާ މެންބަރުންގެ ވޯޓަކުންނެވެ. ހުސްވި ހަފުތާގެ ބުރާސްފަތި ދުވަހު އެމަގާމަށް އަންހެން ބޭފުޅެއް ކަމުގައިވާ ޑްރައުޕަޑީ މުރްމޫ ވަނީ އިންތިޚާބުކޮށްފައެވެ. މުރްމޫއަކީ އިންޑިޔާގެ ތާރީޚުގައި އެގައުމުގެ ރައީސްކަމަށް އިންތިޚާބު ކުރެވުނު ދެވަނަ އަންހެނާއެވެ. މިއީ ގަބީލާއަކަށް ނިސްބަތްވާ ބޭފުޅަކު އިންޑިޔާގެ ރައީސްކަމަށް އިންތިޚާބު ކުރެވުނު ފުރަތަމަ ފަހަރެވެ.

އުމުރުފުޅުން 64 އަހަރުވީ މުރްމޫއަކީ ވެރިކަން ހިންގުމުގައި މާކަގިނަ ބާރުތަކެއް ނެތަސް ގާނޫނީގޮތުން އިންޑިޔާގެ ލަޝްކަރުތަކުގެ ސްޕްރީމް ކޮމާންޑަރެވެ. އިންޑިޔާގެ ލަޝްކަރަކީ ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު ލަޝްކަރެވެ. އެހެންވީމާ އައު ރައީސާ މުރްމޫއަކީ ކާކުތޯއާއި މިކަމަކީ ކިހައިވަރެއްގެ ކަމެއްތޯ ބަލައިލުން މުހިއްމެވެ. އިންޑިޔާގެ މިނިވަންކަމަށް 75 އަހަރު ފުރޭ އަހަރު ވެރިރަށް ނިއުދިއްލީގައި ހުންނަ ރިޔާސީ ކިއްލާ، ރާޝްތުރަޕަތީ ބަވަންއަށް ވަދެވަޑައިގެންނެވި މުރްމޫގެ ހަޔާތުގެ މައްޗަށް ބަލައިލުމަކީ މުހިއްމު ކަމެކެވެ. މުރްމޫ ނިސްބަތްވަނީ އިންޑިޔާގެ ސަންތަލް އާއިލާއަކަށެވެ. ސަންތަލުންނަކީ އިންޑިޔާގެ އިރުމަތީބިތުގައި ދިރިއުޅޭ ގަބީލާތަކުގެ ތެރެއިން ގަބީލާއެކެވެ. މުރްމޫއާއި އެކަމަނާގެ އާއިލާ ނިސްބަތްވަނީ އިރުމަތީގެ އޮޑީޝާ ސްޓޭޓަށެވެ.

މުރްމޫ ހިމެނިވަޑައިގެންނެވީ އޮޑީޝާ ސްޓޭޓްގެ އުޕަރްބީޑާ ޑިސްޓްރިކްޓްގެ އަވަށަކަށް ނިސްބަތްވާ ސަންތަލުންގެ ތެރެއިން ކޮލެޖެއްގައި ކިޔަވައިވިދާޅުވި ފުރަތަމަ އަންހެންކުއްޖާ ކަމުގައެވެ. އެދުވަސްވަރު އެއީ ރާމްދޭވީ އަންހެނުންގެ ކޮލެޖެވެ. މިހާރު ރާމްދޭވީ އަންހެނުންގެ ޔުނިވަރސިޓީއެވެ. ސިޔާސީ ދާއިރާ އިޚުތިޔާރު ކުރެއްވުމުގެ ކުރިން މުރްމޫއަކީ ރަށްފުށުގެ ހިސާބެއްގެ ސްކޫލް ޓީޗަރެކެވެ. އޭގެފަހުން އޮޑީޝާގެ ސަރަހައްދީ ސަރުކާރުގައި ދަނޑުވެރިކަމާއިބެހޭ ޑިޕާޓްމަންޓުގައި އަހަރުތަކެއް ވަންދެން މަސައްކަތް ކުރެއްވިއެވެ. އެއަށްފަހު ޑިސްޓްރިކްޓް ކައުންސިލަރަކަށް އުޅުއްވައިފައި އޮޑީޝާ ސްޓޭޓްގެ އެސެމްބްލީގެ ގޮނޑިއެއް ދެދައުރެއްގައި ކާމިޔާބު ކުރެެއްވިއެވެ. އަދި 2000 ވަނަ އަހަރުން ފެށިގެން 2004 ވަނަ އަހަރާ ހަމަޔަށް އޮޑީޝާ ސްޓޭޓްގެ ސަރަހައްދީ ސަރުކާރުގެ ވަޒީރުކަންވެސް ކުރެއްވިއެވެ.

އޮޑީޝާގެ ސަރަހައްދީ ަަސަރުކާރުގައި ދެތިން މިނިސްޓްރީއެއް މުރްމޫ ހިންގެވިއެވެ. ފިޝަރީޒް މިނިސްޓަރުކަމާއި ޓްރާންސްޕޯޓް މިނިސްޓަރުކަމެވެ. މިތަނުން އެކަމަނާ އެންމެ ކާމިޔާބުކަމާއެކު ހިންގެވީ ޓްރާންސްޕޯޓް މިނިސްޓަރުކަމެވެ. މިކަންކަމުގެ އިތުރަށް ބީޖޭޕީގެ ގަބީލާތަކާ ބެހޭ ގޮފީގެ ރައީސްކަންވެސް ވަނީ ކުރައްވައިފައެވެ. އެކަމަނާގެ ހަޔާތުގައި 2009 ވަނަ އަހަރާއި 2014 ވަނަ އަހަރާ ދެމެދަކީ ވަރަށްވެސް ބަދުނަސީބު ހިތާމަވެރި ހާދިސާތަކުން ފުރިގެންވީ އަހަރުތަކެކެވެ. އިންޑިޔާގެ މަރުކަޒީ ޕާލަމެންޓުގެ ގޮނޑިޔަކަށް ކުރިމަތިލައްވައިގެން ނާކާމިޔާބުވުމުގެ އިތުރަށް ދޮށީދަރިކަލުންނާއި ހަގުދަރިކަލުންނާއި ފިރިކަލުން އަވަހާރަވީވެސް އެ މުއްދަތުގެ ތެރޭގައެވެ. އެތިން ބޭފުޅުންވެސް އަވަހާރަވީ ތަފާތު އެކި ހާދިސާތަކުގައެވެ.

އިންޑިޔާގެ ސްޓޭޓްތަކުގެ ތެރެއިން އިރުމަތީގެ ސްޓޭޓެއް ކަމަށްވާ ޖާރުޚަންދުގެ ގަވަރުނަރުކަމަށް މަރުކަޒީ ސަރުކާރުން އެކަމަނާ އައްޔަންކުރީ 2015 ވަނަ އަހަރުއެވެ. މުރްމޫއަކީ ޖާރުޚަންދު ސްޓޭޓްގެ ފުރަތަމަ އަންހެން ގަވަރުނަރެވެ. އޭރު އެ ސްޓޭޓްގެ ސަރަހައްދީ ސަރުކާރަކީވެސް ބީޖޭޕީގެ ސަރުކާރެކެވެ. އެސަރުކާރުން 2016 ވަނަ އަހަރު ފާސްކުރި ދެ ގާނޫނެއް ތަސްދީގު ނުކުރައްވައި މުރްމޫ އަލުން ފޮނުވައިލެއްވިއެވެ. އެއީ ގަބީލާތަކަށް ނިސްބަތްވާ ބިންތައް ސިނާއީ ކަންކަމަށް ބޭނުންކުރުން ހުއްދަކުރުމުގެ ބިލްތަކެކެވެ. މުރްމޫ ނިސްބަތްވާ ޕާޓީގެ ފަރާތުން ފާސްކުރި ބިލްތަކެއް ތަސްދީގު ނުކުރައްވައި އަލުން ފޮނުވައިލެއްވުމަކީ މުރްމޫގެ ހިތްވަރާއި ކެރުމާއި ގަބީލާތަކަށް އެކަމަނާގެ ވަފާތެރިކަން އޮތްމިންވަރު ވަރަށް ބޮޑަށް ހާމަވެ އެކަމަނާގެ މަގްބޫލުކަން އުފުލިގެންދިޔަ ކަމެކެވެ.

މުރްމޫ ނިސްބަތްވާ ޕާޓީއަކީ ބީޖޭޕީ ކަމަށްވިޔަސް އެކަމަނާ ބޮޑަށް ފާހަގަކުރެވެނީ ބީޖޭޕީގެ ކަންކަމަށްވުރެ ގަބީލާތަކުގެ ކުރިއެރުމާއި ލާބަޔަށް މަސައްކަތް ކުރައްވާ ބޭފުޅެއްގެ ގޮތުގައެވެ. ބައިނަލްއަގުވާމީ އެކި ކޮންފަރެންސްތަކުގައި ބައިވެރިވެވަޑައިގެން ގަބީލާތަކުގެ ހައްގުގައި ވަކާލާތުކުރެއްވުން ވަރަށްވެސް ގިނައެވެ. އެކިއެކި ސަރުކާރުތަކުން ގަބީލާތަކުގެ ދުޅަހެޔޮކަން އިތުރުކުރުމަށް އެކަށީގެންވާ މިންވަރަށް މަސައްކަތް ނުކުރާކަމުގެ ޝަކުވާ ކުރެއްވުން ނުހަނު ގިނައެވެ. އެހެންވީމާ އިންޑިޔާގެ ގަބީލާތަކުގެ މީހުން ގަބޫލުކުރާގޮތުގައި މުރްމޫއަކީ އެމީހުންގެ ހައްގުތަކާއި ގުޅިފައިވާ ޗެމްޕިއަނެކެވެ. އިންޑިޔާގެ ރައީސްކަމަށް މުރްމޫ އިންތިޚާބުވެވަޑައިގަތުމަކީ ގަބީލާތަކަށް ލިބުނު ފަޚުރެކެވެ. އުފަލެކެވެ. އަދި ކުރިމަގަށް ކޮށައިލެވުނު މަގެކެވެ.