ދުނިޔޭގައި މިހާރު ފެތުރެމުންދާ މަންކީޕޮކްސް އައުޓްބްރޭކް ރާއްޖެއަށްވެސް އައުމުގެ ފުރުސަތު އެބައޮތް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ ކޮވިޑް-19 ފަދަ ބައްޔަކަށް އަޅައި ބަލާއިރު މަންކީޕޮކްސް ފެތުރުމުގެ ފުރުސަތު ބޮޑީ ވަރަށް ގައިގޯޅިކޮށް އެކުގައި އުޅޭ މީހުންގެ މެދުގައި ކަމަށެވެ. އެހެންކަމުން މަންކީޕޮކްސް ފެތުރޭ މިންވަރު މަދުވާނެ ކަމަށެވެ.

"ދުނިޔޭގައި މަންކީޕޮކްސް ބަލި ފެތުރެމުންދާ ހާލަތަށް ބަލާއިރު ރާއްޖެއަށްވެސް މިބަލި އައުމުގެ ފުރުސަތު އެބައޮތެވެ" އެޗްޕީއޭއިން ބުންޏެވެ.

ދުނިޔޭގައި މަންކީޕޮކްސް ފެތުރެން ފެށުމާއެކު އެޗްޕީއޭއިން ދަނީ ދުނިޔޭގައި އެ ބަލި ފެތުރެމުންދާ ގޮތް މޮނިޓާކޮށް އެ ބައްޔާ ގުޅިގެން ރާއްޖެއިން ވާންޖެހޭ ތައްޔާރީތައް ވަމުންނެވެ.

އެގޮތުން އެ ބައްޔަށް ސިއްހީ ހިދުމަތްތެރިން އަހުލުވެރިކުރުވުމާއި ޓެސްޓު ކުރެވޭނެގޮތް ގާއިމްކުރުމުގެ މަސައްކަތާއި ސާވެއިލެންސް ހަރުދަނާ ކުރުމާއި ބަލި ޖެހޭ މީހުންނަށް ފަރުވާ ކުރުމާބެހޭ ގައިޑްލައިން ކަނޑައެޅުމުގެ މަސައްކަތުގެ އިތުރުން އެ ބައްޔަށް ވެކްސިނާއި ބޭސް ލިބޭނެ ގޮތްތައް ބަލަމުންދާ ކަމަށް އެޗްޕީއޭއިން ބުންޏެވެ.

އެޗްޕީއޭއިން ބުނީ މަންކީޕޮކްސް ބަލީގެ އަލާމަތެއް ފެނިއްޖެނަމަ ސިއްހީ ހިދުމަތްތެރިއަކަށް ދައްކައި، ބަލި ކަށަވަރުކުރެވެންދެން ވަގުތުން އެހެންމީހުންނާ ގައިގޯޅިވުމުން ދުރުވެ، އެކެހެރިވުމަކީ މުހިންމު ކަމެއް ކަމަށެވެ.

  • ނޭވާލާ ނިޒާމުގެ ތެރެއިން ގިނަ ވަގުތު ގާތުން ކޮންޓެކްޓްވުމުން
  • ބަލި ޖެހިފައިވާ މީހާގެ ހަމުގައި ހުންނަ ބިހިތަކުގެ ނުވަތަ އެއިން ނުކުންނަ ދިޔައިގައި ޖެހުމުން
  • ބަލި މީހާގެ ހެދުމާއި ތުވާލި އަދި ބެޑްޝީޓް ފަދަ ތަކެތީގައި ޖެހުމުން
  • މާބަނޑު ދުވަސްވަރު ބަލި ޖެހިއްޖެ ނަމަ ބަނޑުގައިވާ ދަރިފުޅަށް ބަލި ޖެހުމުގެ ފުރުސަތު އޮވޭ
  • ހުންއައުން، ގައިގައި ރިއްސުން، ވަރުބަލިވުން، ގޮށްލުން
  • ހަމުގައި ބިހި ނެގުން، މި އައުޓްބްރޭކުގައި ގިނައިން ފެންނަނީ ކުރިމަތިފަރާތާއި ފުރަގަސްފަރާތް
  • އަނގައިގެ ވަށައިގެން ބިހިނެގުން
  • ބިހިތައް ފުރަތަމަ ނަގާއިރު ހުންނާނީ ފަތިކޮށް، އެއަށްފަހު ފެން ފޮޅަށްވެ، ފޮޅު ފަޅައިގެންގޮސް ކުރަލާ

މަންކީ ޕޮކްސް ފެތުރުމުގެ ފުރުސަތު ކުޑަ ނަމަވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން އުޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެގޮތުން އޮތް ދޮވުމާއި މީހުންގެ ތެރޭގައި އުޅޭއިރު ވަކިން ހާއްސަކޮށް ބަންދުތަންތަނުގެ ތެރޭގައި މާސްކު އަޅައިގެން އުޅުމާއި ގިނަ މީހުން އެއްވާ ތަންތަނަށް ނުދިޔުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

މިއަހަރުގެ ފުރަތަމަ ދުވަހުން ފެށިގެން 20 ޖުލައި ވަނަ ދުވަހާ ހަމައަށް 72 ގައުމަކުން 14،000 އަށްވުރެ ގިނަ މަންކީޕޮކްސްގެ ކޭސް ވަނީ ފެނިފައެވެ. އެ ބަލީގައި މިހާތަނަށް މަރުވެފައިވަނީ ފަސް މީހުންނެވެ.

ބަލީގެ ހާލަތު މިވަގުތު އޮތްގޮތަށް ރިއާޔަތްކުރުމަށްފަހު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން ވަނީ މަންކީޕޮކްސް ބަލީގެ ނުރައްކާ އޮތީ މެދުމިނެއްގައި ކަމަށް ކަނޑައަޅައިފައެވެ. އަދި ވަނީ އެއީ ބައިނަލްއަގުވާމީ ފެންވަރުގައި ކަންބޮޑުވާންޖެހޭ މިންވަރަށް ފެތުރެމުންދާ އާންމު ސިއްހަތަށް އޮތް ނުރައްކަލެއް ކަމުގައި ނުވަތަ ޕަބްލިކް ހެލްތު އެމަޖެންސީ އޮފް އިންޓަނޭޝަނަލް ކޮންސާން (ޕީއެޗްއީއައިސީ) އެއްގެ ގޮތުގައި ކަނޑައަޅައިފައެވެ.

މަންކީޕޮކްސްގެ ނުރައްކާ އެންމެ ބޮޑީ ޔޫރަޕުގެ ގައުމުތަކުގައެވެ. އެ ބަލި ފެތުރިފައިވާ ގައުމުތަކުގައި ބަލި ފެންނަގޮތާ ހިލާފަށް، އަލަށް އެބަލި ފެންނަ ގައުމުތަކުގައި ބަލި ފެތުރެމުންދާ ގޮތް ތަފާތު ކަމަށް އެޗްޕީއޭއިން ބުންޏެވެ.

އެޗްޕީއޭއިން ބުނީ މަންކީޕޮކްސް އާންމުގޮތެއްގައި ފެތުރެފައިވަނީ ފިރިހެނުންގެ މެދުގައެވެ. ހާއްސަކޮށް އެއްޖިންސުން ޖިންސީގުޅުން ހިންގާ މީހުންގެ މެދުގައި އެ ބަލި ފެތުރޭ މިންވަރު ގިނައެވެ. އަންހެނުންނާއި ކުޑަކުދިންގެ މެދުގައިވެސް އެބަލި ކޮންމެވެސް ވަރަކަށް ދަނީ ފެތުރެމުންނެވެ.