މި އަހަރުގެ ދެވަނަ ކުއާޓަރުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ހިންގުމުގެ ފައިދާގެ ގޮތުގައި 592 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިފައިވާ ކަމަށް އެ ބޭންކުން ބުނެފިއެވެ.
ބީއެމްއެލުން މިއަދު އާއްމުކޮށްފައިވާ މި އަހަރުގެ ދެ ވަނަ ކުއާޓަރުގެ މާލީ ހިސާބުތައް ދައްކާ ގޮތުން މިދިޔަ ކުއާޓަރުގައި ބޭންކަށް ލިބުނު އާމްދަނީ އަކީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު ފައިދާއަށްވުރެ 19 ޕަސެންޓް އިތުރު އަދެދެކެވެ.
އަދި މިދިޔަ ކުއާޓަރުގައި ބޭންކުގެ ރައުސުލްމާލާއި ލިކުއިޑިީ ރޭޝިއޯ ގާނޫނު ލާޒިމުކުރާ މިންވަރަށްވުރެ މަތީގައި ހިފެހެއްޓިފައިވާ އިރު، ވިޔަފާރީގެ މައިގަނޑު ހުރިހާ ދާއިރާއަކުންވެސް މިދިޔަ ކުއާޓާގައި ކުރިއެރުން ހޯދާފައިވާ ކަމަށް ބޭންކުން ބުންނެވެ.
މި ނަތީޖާއާ ގުޅޭ ގޮތުން ބޭންކުގެ އިންޗާޖު އަދި އެކްޓިން މެނޭޖިން ޑިރެކްޓަރު، އާއިޝަތު ނޫރައްދީން ވިދާޅުވީ މި ނަތީޖާއާއެކު ބޭންކުގެ ކުރިމަގާމެދު އުންމީދު ބޮޑު ކަމަށާއި ބޭންކު މިއަދު އޮތީ ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލުކުރެވޭނެ ފަދަ ރަނގަޅު ހާލަތެއްގައި ކަމަށެވެ.
"ބޭންކުގެ ސްޓެރެޓެޖީގެ މުހިންމު ދެ ކަމެއް ކަމަށްވާ ކަސްޓަމަރުންނަށް ދޭ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމާއި ޑިޖިޓަލް ބޭންކިންގެ ހިދުމަތްތައް ފުޅާކުރުމާއި ހިންގުން ހަރުދަނާ ކުރުމަށް އަޅުގަނޑުމެން ނުހަނު ބޮޑަށް މަސައްކަތް ކުރަމުންދާނަން" އޭނާ ވިދާޅުވިއެވެ.
ބީއެމްއެލުން ބުނި ގޮތުގައި މިދިޔަ ކުއާޓަރުގެ ބޭންކުން ތައާރަފުކުރި މުހިންމު ހިދުމަތްތަކީ ކުއާޓަރުގެ ކާމިޔާބީއެވެ. އެ ހިދުމަތްތަކުގެ ތެރޭގައި ބޭންކުން އަލަށް ތައާރަފުކުރި ޑިޖިޓަލް ވޮލެޓް، ބީއެމްއެލް ޕޭގެ ހިދުމަތް ހިމެނެއެވެ. އެ ހިދުމަތާއެކު، ކޮންޓެކްޓްލެސް ޕޭމަންޓްގެ ހިދުމަތް އަދި ވޮލެޓް-ޓު-ވޮލެޓް ޓްރާންސްފާގެ ހިދުމަތް މޯބައިލް ބޭންކިން އެޕް މެދުވެރިކޮށް ކަސްޓަމަރުންނަށް ލިބޭނެއެވެ.
އޭގެ އިތުރުން ބޭންކުގެ ޑިޖިޓަލް ސްޓްރެޓެޖީ އިތުރަށް ފުޅާކުރުމުގެ މަސައްކަތުގެ ތެރެއިން، ބޭންކުން މާސްޓަކާޑާއި އެމްޓީސީސީއާ ގުޅިގެން ރާއްޖޭގައި ޕަބްލިކް ޓްރާންސްޕޯޓް ނެޓްވޯކަށް ފުރަތަމަ ފަހަރަށް އޯޕަން ލޫޕް ޓްރާންސިޓް ކާޑުގެ ހިދުމަތް ތައާރަފުކުރަން ވަނީ ނިންމައިފައެވެ
ޚަބަރު
ޚަބަރު
ޚަބަރު