ޚަބަރު

މޯލްޑިވްސް މެރިން އެކްސްޕޯ އަންނަ މަހު 11ގައި

މުހައްމަދު ޖަމްޝަތް ވަހީދު

މޯލްޑިވްސް މެރިން އެކްސްޕޯ ގެ ހަތްވަނަަ އެޑިޝަން އަންނަ މަހު ބާއްވަން ނިންމައިފިއެވެ.

މިއީ ރާއްޖޭގެ މެރިން ދާއިރާއަށް ހާއްސަކޮށްގެން ކުރިއަށްގެންދާ ހަމައެކަނި އެކްސްޕޯއެވެ. މިއަހަރުގެ މެރިން އެކްސްޕޯ ކުރިއަށްދާނީ އަންނަ މަހުގެ 11 އިން 13 ގެ ނިޔަލަށް ހުޅުމާލެ ސެންޓްރަލް ޕާކްގައެވެ.

ނެޝަނަލް ބޯޓިން އެސޯސިއޭޝަނުން (އެންބީއޭއެމް) ބާއްވާ މި އެކްސްޕޯގައި މި އަހަރުވެސް 50 ފަރާތަކުން ބައިވެރިވާނެއެވެ. އޭގެ ތެރޭގައި ޔޮޓުތަކާއި ސަފާރީތަކާއި މަސްވެރިކަމުގެ ވިޔަފާރިތަކާއި މޫދު ކުޅިވަރުގެ ހަރަކާތްތައް ކުރިއަށްގެންދާ ވިޔަފާރިތަކާއި ލޮޖިސްޓިކްސް ވިޔަފާރިތަކާއި ކަނޑުއުޅަނދުފަހަރަށް ބޭނުންވާ ސާމާނު ވިއްކާ ވިޔަފާރިތަކުގެ އިތުރުން މެރިން ފުޑްސް އުފައްދާ ފަރާތްތަކުން ބައިވެރިވާނެއެވެ.

މިއަހަރުގެ މެރިން އެކްސްޕޯގެ މެއިން ސްޕޮންސަރަކީ އެމްޓީސީސީއެވެ. ކޯ ސްޕޮންސަރުންނަކީ ގަލްފް ކްރާފްޓާއި ޖަލްބޫތުއެވެ.

އާއްމުކޮށް ހުޅުވާއިގެން ބާއްވާ މި އެކްސްޕޯ ކުރިއަށް ދާނީ އޮގަސްޓު 13،12،11 ކޮންމެ ދުވަހެއްގެ ހަވީރު 4:00 އިން ރޭގަނޑު 10:00 އަށެވެ.

މޯލްޑިވްސް މެރިން އެކްސްޕޯއަކީ 2014 ވަނަ އަހަރުން ފެށިގެން އެންބީއޭއެމްއިން މެރިން ދާއިރާގެ ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތަކަށް ހާއްސަކޮށްގެން ބާއްވަމުން ގެންދާ އެކްސްޕޯއެކެވެ.