ޚަބަރު

ރަނިލް، ލަންކާގެ އާ ރައީސްކަމުގެ ހުވާ ކުރައްވައިފި

މުހައްމަދު ޖަމްޝަތް ވަހީދު

ލަންކާގެ ރައީސްގެ މަގާމަށް އިންތިހާބުވެވަޑައިގަތް ރަނިލް ވިކްރަމަސިންހަ ރައީސްކަމުގެ ހުވާ މިއަދު ކުރައްވައިފިއެވެ.

ރަނިލް ރައީސްކަމުގެ ހުވާ ކުރެއްވީ ލަންކާގެ ޗީފް ޖަސްޓިސް ޖަޔަނަތާ ޖަޔަސޫރިއާގެ ކުރިފުޅުމަތީގައެވެ. ލަންކާގެ އަށްވަނަ ރައީސްގެ މަގާމަށް އިންތިހާބު ކުރެވުނު ރަނިލް ކުރިއަށް އޮތް ދުވަސްތަކުގައި 20-25 ކެބިނެޓް މެމްބަަރުން އައްޔަންކުރައްވާނެއެވެ.

ރަނިލް ރައީސްކަމުގެ ހުވާ ކުރެއްވީ ލަންކާގެ ރައްޔިތުން ސަރުކާރާ ދެކޮޅަށް އެއްވުންތައް ކުރިއަށް ގެންދަނިކޮށެވެ. އެގޮތުން މުޒާހަރާގެ ބައިވެރިން ރިޔާސީ ގެކޮޅުގެ ބޭރަށް އެއްވެ، ރަނިލް އިސްތިއުފާ ދެއްވުމަށް ދިޔައީ ގޮވަމުންނެވެ. ނަމަވެސް ރަނިލް ވިދާޅުވީ އެ މަނިކުފާނަކީ ރާޖަޕަކްސަގެ ރައްޓިއްސެއް ނޫން ކަމަށާއި އެއީ ރައްޔިތުންގެ ރަހުމަތްތެރިއެއް ކަމަށް ވިދާޅުވެފައެވެ.

ލަންކާގެ ގާނޫނު ހަދާ މަޖިލީހުގައި އިއްޔެ ނެގި ވޯޓުގައި ރަނިލް ރައީސް ކަމަށް އިންތިހާބު ކޮށްފައި ވަނީ، ކުރީގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ ފިއްލަވައިގެން ރާއްޖެއަށް އަދި އޭގެ ފަހުން ސިންގަޕޫރަށް ވަޑައިގެން، އިސްތިއުފާ ދެއްވުމުންނެވެ. އިސްތިއުފާ ދެއްވުމުގެ ކުރިން ގޮތަބަޔާ ވަނީ ރަނިލް ވަގުތީ ރައީސް ކަމަށް ހަމަޖައްސަވައިފައެވެ.

ލަންކާގެ ރައީސް ކަމަށް ބޭފުޅަކު އިންތިހާބު ކުރުމަށް މަޖިލީހުގައި އިއްޔެ ނެގި ވޯޓުގައި ރަނިލްއާއެކު ދެ ބޭފުޅަކު ކުރިމަތިލެއްވި އެވެ. އެއީ ލަންކާގައި ސަރުކާރު ހިންގާ ޕާޓީ، ސްރީ ލަންކާ ޕޮޑުޕެރަމުނާ ޕާޓީ (އެސްއެލްޕީޕީ)ގެ މަޖިލީހުގެ މެންބަރު އަދި ކުރީގެ މިނިސްޓަރު ދުއްލާސް އަލަހަށްޕެރުމާ އާއި ނޭޝަނަލް ޕީޕަލްސް ޕަވާ (އެންޕީޕީ)ގެ ލީޑަރު އަނޫރާ ކުމާރަ ޑިސެނަޔަކައެވެ.

ލަންކާގެ ގާނޫނު ހަދާ މަޖިލީހުގައި 225 މެންބަރުން ތިއްބަވާ އިރު، ބުދަ ދުވަހު ނެގި ވޯޓު، ރަނިލް ކާމިޔާބުކުރެއްވީ ބޮޑުތަފާތަކުންނެވެ. އެގޮތުން ރަނިލްއަށް 134 ވޯޓު ލިބިވަޑައިގެންނެވިއެވެ. އިދިކޮޅު ލީޑަރު ސަޖިތު ޕްރެމަދާސާ ރޭހުން ނުކުންނަވައި ތާއީދުކުރެއްވި ދުއްލާސްއަށް ލިބިވަޑައިގެންނެވީ 82 ވޯޓެވެ. އަދި އަނޫރާއަށް ލިބިވަޑައިގަތީ އެންމެ ތިން ވޯޓެވެ.

ލަންކާގެ ރައީސް ކަމުގައި ރަނިލް 2024ގެ ފަހުކޮޅާ ޖެހެންދެކަށް ހުންނަވާނެއެވެ. އެއީ ކުރީގެ ރައީސް ގޯތާބާޔަ ރާޖަޕަކްސާގެ އިންތިހާބީ ދައުރު ނިމޭ ހިސާބެވެ.