ސިންގަޕޯ އެއާލައިންސްއާ ގުޅިގެން މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރުސީ)އިން އެމެރިކާގެ ފަތުރުވެރިންގެ މެދުގައި ރާއްޖޭގެ މަގުބޫލުކަން އިތުރުކުރަން ހާއްސަ ކެމްޕެއިނެއް ފަށައިފިއެވެ.
މިމަހުގެ ފަސް ވަނަ ދުވަހު ފެށި މި ކެމްޕެއިން އަންނަ މަހާ ހަމައަށް ކުރިއަށްގެންދާނެއެވެ.
މި ކެމްޕެއިން އަމާޒުކޮށްފައި ވަނީ އެމެރިކާގެ ފަތުރުވެރިން ދަތުރުކުރާނެ މަންޒިލެއް ކަނޑައެޅުމަށް ދިރާސާކުރާ މަރުހަލާ އާއި ބުކިން ހައްދާ މަރުހަލާގައި ރާއްޖެ އިޝްތިހާރު ކުރުމަށެވެ. އަދި ސިންގަޕޯ އެއާލައިނުން ރާއްޖެއަށް ދަތުރުކުރުމަށް މި ކެމްޕޭނުގައި ހިތްވަރުދޭނެއެވެ.
ސިންގަޕޯ އެއާލައިނަކީ ދުނިޔޭގެ އެންމެ ބޮޑު އެއް އެއާލައިނެވެ. މި އެއާލައިނުން ދުނިޔޭގެ 32 ގައުމެއްގެ 62 އެއާޕޯޓަކަށް އޮޕަރޭޓުކުރެއެވެ.
މި ކެމްޕެއިންގެ ދަށުން އޮންލައިން އެކި ޕްލެޓްފޯމްތައް މެދުވެރިކޮށް ރާއްޖެއަށް އެމެރިކާއިން އަންނަ ފަތުރުވެރިން އިތުރުކުރުމަށް މަސައްކަތް ކުރާނެއެވެ. އަދި އޮންލައިންކޮށް ޓިކެޓް، އެކޮމޮޑޭޝަން އަދި ފަތުރުވެރިކަމުގެ އެކި ޕެކޭޖުތައް އިޝްތިހާރުކޮށް ވިއްކުމުގައި އެހީތެރިވާ އެކްސްޕީޑިއާ، ސްކައިސްކޭނާ އަދި ޕިންޓްރެސްޓް ބޭނުންކުރާނެއެވެ.
އެމެރިކާ ފަތުރުވެރިންނަށް އަމާޒުކޮށް ހާއްސަ ކެމްޕެއިނެއް ފަށައިފައިވާއިރު، އެގައުމަކީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ހަވަނަ މާކެޓެކެވެ. އެގޮތުން މިމަހުގެ 12 ވަނަ ދުވަހާ ހަމައަށް އެ ގައުމުން 41،943 އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ.
ވިޔަފާރި
ވިޔަފާރި
ވިޔަފާރި
ވިޔަފާރި