Close
ދުނިޔެ

އަދުގެ ދުނިޔެ: ސްރީލަންކާގެ މަސްރަހު، ރަނިލްއަކީ ހައްލެއް ނޫނެވެ.

ސްރީލަންކާގެ ގާނޫނު ހަދާ މަޖިލީހުން އެގައުމުގެ ރައީސަކަށް ރަނިލް ވިކްރަމަސިންހާ މިއަދު ވަނީ އިންތިޚާބުކޮށްފައެވެ. ސްރީލަންކާގެ ބޮޑުވަޒީރުކަން މިހާތަނަށް ހަފަހަރެއްގެ މަތިން ކުރައްވާފައިވާ ރަނިލް ވިކްރަމަސިންހާ މިދަނޑިވަޅުގައި ރައީސްކަމަށް އިންތިޚާބު ކުރުމަކީ ހައްލެއް ބާވައެވެ. ނޫނެކެވެ. ވިކްރަމަސިންހާއަކީ ހައްލެއް ނޫނެވެ. އެއީ މައްސަލަތައް އިތުރަށް ގިނަވެ މަސްރަހު ހޫނުވެގެން ހިނގައިދާނޭ ކަމެކެވެ. މުޒާހަރާ ކުރަމުންދާ ރައްޔިތުން އޭނާއާ ނުރުހެއެވެ. އެކަން ވަރަށް ސާފެވެ. އަދި ކުރީއްސުރެ ވެރިކަމުގެ އާރާއިބާރު ތަޖުރިބާކޮށް މިހިސާބަށް ގައުމު ވައްޓައިލި ސިޔާސީ އެއްވެސް ލީޑަރަކަށް ރައްޔިތުން އިތުބާރެއް ނުކުރެއެވެ. ރައްޔިތުން އިތުބާރި ނުކުރާ ވެރިއެެއްގެ ފަހަތުގައި ރައްޔިތުން ސަފު ހަދާކަށް ނުތިބޭނެއެވެ.

ގާނޫނު ހަދާ މަޖިލީހުގައި މިއަދު ނެގުނު ވޯޓުގައި ރަނިލްއަށް 134 ވޯޓު ލިބިވަޑައިގެންނެވިއިރު އިދިކޮޅު ޕާޓީތަކުން ތާއީދުކުރި ޑުއްލާސް އަލަހައްޕެރުމާއަށް ހޯއްދެވުނީ 82 ވޯޓެވެ. ތިންވަނަ ކެންޑިޑޭޓް އަނޫރާ ކުމާރަ ޑިސަނާޔަކައަށް ލިބިވަޑައިގަތީ އޭނާގެ އަމިއްލަފުޅު ޕާޓީގެ ތެރެއިން އެންމެ ތިން ވޯޓެވެ. ގާނޫނު ހަދާ މަޖިލީހުގައި ނެގުނު ވޯޓުގެ ނަތީޖާ ހާމަވުމާއެކު ގިނަބައެއްގެ މޫނުމަތިން ފެނުނީ ހިތްހަމަނުޖެހުމުގެ އުދާސްތަކެވެ. ރައްޔިތުން އެދެމުންދާ ކަންކަމަށް ސިޔާސީ ފަރާތްތަކުން ރިއާޔަތް ނުކުރިކަމުގެ ހިތްހަމަނުޖެހުންތަކެވެ. އެހެންވީމާ ދެން ކުރިއަށް އޮތްކަމަށް ފެންނަނީ ބަނަ ދުވަސްތަކެކެވެ. ރައްޔިތުން މައިތިރިވެގެން ގެއަށް ވަންނާނޭކަމަށް ނުފެނެއެވެ. ނުވިސްނެއެވެ. ރަނިލް ވިކްރަމަސިންހާގެ ބަދަލުގައި ޑުއްލާސް އަލަހައްޕެރުމާއަށް ކުރި ހޯއްދެވުނުނަމަ ފަހަރުގައި ކަންކަން ތަފާތުވެދާނެއެވެ.

ސްރީލަންކާގެ ގާނޫނު ހަދާ މަޖިލީހުގައި ތިއްބަވަނީ 225 މެންބަރުންނެވެ. އޭގެތެރެއިން އެންމެ ބޮޑު އިދިކޮޅު ލީޑަރު ސަޖިތު ޕްރެމަދާސަގެ ޕާޓީއާއި ކުރީގެ ރައީސް މައިތިރިޕާލާ ސިރިސޭނާގެ ފްރީޑަމް ޕާޓީން ތާއީދުކުރީ ޑުއްލާސްއަށެވެ. ރަނިލް ވިކްރަމަސިންހާޔަށް ތާއީދުކުރީ މައިގަޑުގޮތެއްގައި ރާޖަޕަކްސާއިންގެ ޕާޓީންނެވެ. ގާނޫނު ހަދާ މަޖިލީހުގައި ބައިގިނައީ އެޕާޓީގެއެވެ. އެމީހުންގެ މައިގަނޑު ވިސްނުމަކީ އަދި ފިކުރަކީ ރާޖަޕަކްސާއިން ހަވަރަށް ނުދީ ފަރުޖެއްސޭނެ ކޮންމެވެސް ގޮތެކެވެ. އެގޮތަކީ ރަނިލް ވިކްރަމަސިންހާގެ ސަރުކާރެއް އޮތުމެވެ. މިނިންމުން ބަލައިގަންނަން ރައްޔިތުން ދެކޮޅު ހަދަނީ އެހެންވެގެންނެވެ. ރައްޔިތުންގެ ތެރެއިން ގިނަބަޔަކު ގަބޫލުކުރާ ގޮތުގައި ވިކްރަމަސިންހާޔަކީވެސް ފަސްބައި ކިލަނބުވެފައިވާ ބޭފުޅެކެވެ. މަގާމަށް ކުފޫ ހަމަނުވާ ބޭފުޅެކެވެ.

ސްރީލަންކާގެ ރައީސަކީ އާއްމު އުސޫލުގެ ތެރެއިން ރައްޔިތުންގެ ވޯޓަކުން އިންތިޚާބު ކުރެވޭ ބޭފުޅެކެވެ. އެހެންނަމަވެސް ރައީސް މަގާމުން އިސްތިއުފާ ދެއްވުން ނުވަތަ އަވަހާރަވުންފަދަ ކަމެއް ހިނގައިފިނަމަ ދައުރުގެ ބާކީބައި ފުރިހަމަކުރުމަށްޓަކައި ވަގުތީ ރައީސަކު އިންތިޚާބު ކުރަނީ ގާނޫނު ހަދާ މަޖިލީހުންނެވެ. މެންބަރުންގެ ވޯޓަކުންނެވެ. މިއަދު އެނެގި ވޯޓަކީ ރައީސްކަމުން ގޮޓާބަޔާ ރާޖަޕަކްސާ އިސްތިއުފާ ދެއްވުމާ ގުޅިގެން ނެގި ވޯޓެކެވެ. މިއީ ސްރީލަންކާގެ ތާރީޚުގައި މިގޮތަށް ގާނޫނު ހަދާ މަޖިލީހުން ރައީސަކު އިންތިޚާބުކުރި ދެވަނަ ފަހަރެވެ. މީގެ ކުރިން މަޖިލީހުން ރައީސަކު އިންތިޚާބުކުރީ 1993 ވަނަ އަހަރު ބޮމުގެ ހަމަލާއެއްގައި ރައީސް ރާނަސިންހަ ޕްރެމަދާސަ އަވަހާރަވުމުންނެވެ. އެފަހަރު ރައީސްކަމަށް ހޮވީ ޑީބީ ވިޖޭތުންގާއެވެ.

ޕްރެމަދާސާއަކީ މިހާރުގެ އިދިކޮޅު ލީޑަރު ސަޖިތު ޕްރެމަދާސާގެ ބައްޕާފުޅެވެ. އެފަހަރު ޕްރެމަދާސާގެ ބަދަލުގައި ޑީބީ ވިޖޭތުންގާ ރައީސަކަށް ހޮވުމަށް ގާނޫނު ހަދާ މަޖިލީހުގައި ނެގުނު ވޯޓުގައި ބައިބައިވުމެއް ނެތެވެ. ވިޖޭތުންގާ އިންތިޚާބުވީ އެންމެންގެ އިއްތިފާގުންނެވެ. އެހާތަނަށް ވިޖޭތުންގާއަކީ ބޮޑުވަޒީރެވެ. ވިޖޭތުންގާވެސް ޕްރެމަދާސާގެ ދައުރު ފުރިހަމަކުރެއްވުމަށްފަހު އައު ދައުރެއް ހޯއްދަވާކަށް ނޫޅުއްވައެވެ. އެހެންފަހަރަކު ވާދައެއްވެސް ނުކުރައްވައެވެ. ރައްޔިތުންވެސް ވިޖޭތުންގާޔާ ދެކޮޅެއް ނޫނެވެ. އޭރު ސްރީލަންކާގައި އޮތީ ހިތާމައިގެ މާހައުލެކެވެ. މިހާރު ކަންއޮތްގޮތާއި އޭރުގެ މާހައުލު ތަފާތެވެ. މިހާރު އެއޮތީ ރުޅިވެރިކަމާއި ނަފްރަތުގެ އޮއިވަރެކެވެ. މިހާރުގެ އޮއިވަރު އެއޮތީ ވަރަށް ސާފުކޮށް ރަނިލް ވިކްރަމަސިންހާޔާ ދެކޮޅަށެވެ.

ރައްޔިތުން ތިބިގޮތް ރަނިލް ވިކްރަމަސިންހާއަށް އެނގިވަޑައިގަންނަވައެވެ. ފެނިވަޑައިގަންނަވައެވެ. އޭނާގެ އަމިއްލަފުޅު ގެ އަންދާލިގޮތް ހަނދުމަފުޅު އެބަހުއްޓެވެ. އެހެންވީމާ ކުރިއަށް އޮތް ދުވަސްތަކުގެ ނުރައްކާތެރިކަން އެނގިވަޑައިގަންނަވާނެއެވެ. މިއަދު ރައީސްކަމަށް އިންތިޚާބުވެ ވަޑައިގަތުމާއެކު އޭނާ ވިދާޅުވިއެވެ. އަޅުގަނޑަކީ ރާޖަޕަކްސާއިންގެ ޚާދިމެއް ނޫނެވެ. ރައްޔިތުންގެ ޚާދިމަކީމެވެ. މިދަނޑިވަޅުގައި ބޭނުންވަނީ އެންމެން އެކަތިގަނޑަކަށްވެގެން ގައުމީ ރޫހުގައި މަސައްކަތް ކުރުމެވެ. ސަލާމަތުގެ އައްސޭރިއެއް ފެންނާނީ އޭރުންނެވެ. ބައިބައިވެގެން، ފިތުނަވެރިވެގެން ތިބުމަކުން ގައުމަށް ލިބޭނެ ހެވެއް މަންފާއެއް ނޯންނާނެއެވެ. ވިކްރަމަސިންހާގެ މިބަސްފުޅު ރައްޔިތުން އަހާނެކަން ނުވަތަ ނޫންކަން ދެން ލަސްތަކެއް ނުވެ އެނގިދާނެއެވެ.