މިއަހަރުގެ މިހާތަނަށް ކްލެމެންސީ ބޯޑުން 161 މައްސަލައެއް ނިންމައިފައިވާ ކަމަށް އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން ބުނެފިއެވެ.
އޭޖީ އޮފީހުން މިއަދު ބުނީ، އެއީ މިއަހަރު ހުށަހެޅުނު މައްސަލަތަކުގެ 62 ޕަސަންޓު ކަމަށެވެ. މިއަހަރު ކްލެމެންސީ ބޯޑަށް 257 މައްސަލައެއް ވަނީ ހުށަހަޅައިފައެވެ.
އޭޖީގެ ބެލުމުގެ ދަށުން ހިންގާ ކްލެމެންސީ ބޯޑަކީ މައާފްދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ބޯޑެކެވެ.
ކްލެމެންސީ ބޯޑުގައި 11 މެންބަރުން ތިއްބަވާއިރު ބޯޑުގެ ރިޔާސަތު ބަލަހައްޓަވަނީ އެޓާނީ ޖެނަރަލް އިބްރާހީމް ރިފްއަތުއެވެ.
އޭޖީ އޮފީހުން ބުނީ، ކްލެމެންސީ ބޯޑަށް އެކި މައްސަލަތަކުގައި ހުށަހެޅި 23 ފޯމެއް އެކި ސަބަބުތަކާ ގުޅިގެން ކެންސަލްކޮށްފައިވާ ކަމަށެވެ. ހުށަހެޅި މައްސަލަތަކުގެ ތެރެއިން ނުނިމިހުރީ 73 މައްސަލަ ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.
ކްލެމެންސީ ބޯޑުން 2021 ވަނަ އަހަރު ވަނީ 609 މައްސަލައެއް ބަލައި ނިންމައިފައެވެ. އެ އަހަރު ހުށަހެޅި މައްސަލަތަކުގެ އަދަދަކީ 948 އެވެ.
ޚަބަރު
ޚަބަރު
ޚަބަރު