އަދާލަތު ޕާޓީގެ އިލްމުވެރިންނާއި ސަލަފު ޖަމިއްޔާގެ އިލްމުވެރިންގެ މެދުގައި އަރައިރުން އުފައްދަން އިލްމުވެރިންނަށް ނަފުރަތު ކުރާ ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށް އަދާލަތު ޕާޓީގެ ލީޑަރު އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
އިމްރާން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިލްމުވެރިންގެ މެދުގައި ނަފުރަތު އުފައްދަން ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށާއި އެ މަސައްކަތް ނާކާމިޔާބު ކުރުމަށް އިލްމުވެރިން މަސައްކަތްކުރަން ޖެހޭ ކަމަށެވެ.
"މި ހުތޫއަތްތެރި ދަނޑިވަޅުގައި އަދާލަތު ޕާޓީގެ އިލްމުވެރިންނާ ސަލަމް އިލްމުވެރިންގެ މެދުގައި އަރައިރުން އުފެއްދުމަށް އިލްމުވެރިންނަށް ނަފުރަތު ކުރާ ބަޔަކު ވަރަށް މަސައްކަތް ކުރޭ. އިލްމުވެރިން އެ ފުރުސަތު ނުދެއްވުމަށް އިލްތިމާސްކުރަން،" އިމްރާން ވިދާޅުވިއެވެ.
ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް މިދިޔަ ޖޫން މަހުގެ 21 ވަނަ ދުވަހު ގަލޮޅު ދަނޑުގައި ބޭއްވި ޔޯގާ ހަރަކާތަށް ހުރަސްއަޅައި ހަމަނުޖެހުން ހިންގި މައްސަލައިގައި ޝެއިހް އާދަމް ނިޝާނާއި ޝެއިހު ފަޒްލޫން މުހައްމަދު ހައްޔަރުކުރުމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އިމްރާނަށް އަމާޒުވެފައެވެ. އެގޮތުން އަދާލާތު ޕާޓީގެ ލީޑަރަކަށް ހުންނަވައިގެން ދީނީ އިލްމުވެރިން ހައްޔަރުކޮށް، ދީނީ އިލްމުވެރިންނަށް އަނިޔާދެމުންދާ ކަމަށް ދަނީ ތުހުމަތު ކުރަމުންނެވެ. އަދި ދީނަށް ފުރައްސާރަކުރާ މީހުންނާއި އެއްޖިންސުން ގުޅުން ހިންގާ މީހުންނާމެދު ފިޔަވަޅު ނާޅާ ކަމަށްބުނެ ވެސް އިމްރާނަށް ވަނީ ފާޑު ކިޔުން އަމާޒުވެފައެވެ.
އެކަމާ ގުޅިގެން އިމްރާން ވަނީ މީގެ ކުރިންވެސް ޓްވީޓްތައް ކުރައްވައި އަދާލަތު ޕާޓީގެ ދިފާއުގައި ވާހަކަދައްކަވައިފައެވެ. އަދި އިލްމުވެރިންނަށް އަނިޔާކުރަމުންދާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައްކަމުންދާ ވާހަކަތަކަށް ވެސް ރައްދު ދެއްވައިފައެވެ.
އެގޮތުން އިމްރާން އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، އޭނާ އެއްވެސް މީހަކަށް އަނިޔާ ނުކުރައްވާނެ ކަމަށެވެ. އަދި ވަކިން ހާއްސަކޮށް ދީނީ އިލްމުވެރިއަކަށް އަނިޔާ ނުކުރައްވާނެ ކަމަށެވެ.
މިދިޔަ ހުކުރު ދުވަހުވެސް އިމްރާން ވަނީ ޓްވީޓެއް ކުރައްވައިފައެވެ. އެ ޓްވީޓްގައި އިމްރާން ވިދާޅުވެފައިވަނީ، ބަޔަކު ނުރުހުނަސް އަދާލަތު ޕާޓީ އޮތީ ފަހަތަށް ޖެހޭ ގޮތަކަށް ނޫން ކަމަށާއި އިސްލާމްދީނުގެ ފުރިހަމަ މަފްހޫމްގައި ސިޔާސީ މަސައްކަތް އަދާލަތު ޕާޓީން ކުރައްވާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު