މިއަދު މެންދުރުފަހުން ފެށިގެން މާލެއަށް ބޯކޮށް ވާރޭވެހި، މަގުތަކުގައި ފެން ބޮޑުވެފައިވާތީ، މަގުތަކުން ފެން ހިއްކުމުގެ މަސައްކަތް އެމްއެންޑީއެފުން ފަށައިފިއެވެ.
މިއަދު މެންދުރުފަހުން ފެށިގެން ހުއްޓާ ނުލައި މާލެއަށް ވާރޭ ވެހުމުން ވަނީ މާލޭގެ ގިނަ މަގުތަކެއްގައި ފެންބޮޑުވެފައެވެ. އެހެންވެ ސިފައިން ވަނީ މިއަދު ހަވީރު ފެން ހިއްކުމުގެ މަސައްކަތް ފަށައިފައެވެ.
އެމްއެންޑީއެފްއިން މިއަދު ބުނީ މާލެ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މާލޭގެ ބައެއް ސަރަޙައްދުތަކުގައި ފެންބޮޑުވުމާ ގުޅިގެން ފެން ހިއްކުމުގެ މަސައްކަތް ފަޔާ އެންޑް ރެސްކިޔު ސާވިސް (އެފްއާރުއެސް) އިން ފަށައިގެން ކުރަމުން ގެންދާ ކަމަށެވެ.
އެގޮތުން މިއަދު ހަވީރު 5:30 އިން ފެށިގެން ބޮޑުތަކުރުފާނު މަގު، ދުވާ ޓްރެޖް ސަރަހައްދުގައި ބޮޑުވެފައިވާ ފެންގަނޑު ހިންދުމަށް ޕަންޕު ބަހައްޓައިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އައިޖީއެމްއެޗް ސަރަހައްދުގައި ވެސް ޕަންޕު ބަހައްޓައިގެން ފެން ހިއްކުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ބުންޏެވެ.
މެޓް އޮފީހުން މިއަދު ބުނީ، ކުރިއަށް އޮތް ފަސް ދުވަހު މޫސުން ގޯސްވާނެ ކަމަށާއި އަންނަ އަންގާރަ ދުވަހު މޫސުން ރަނގަޅުވިޔަސް އެ ދުވަހު ވެސް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި އަންނަ ހުކުރު ނުވަތަ ހޮނިހިރު ދުވަހު މޫސުން ރަނގަޅުވާން ފަށާނެ ކަމަށްވެސް ބުންޏެވެ.
މެޓް އޮފީހުން ބުނީ، މިހާރު ކުރަމުންދާ ވިއްސާރައަކީ އީކުއޭޓާގެ ހުޅަނގު ދެކުނުގައި ސާކިއުލޭޝަނެއް އުފެދި ހުޅަނގާއި ހުޅަނގު ދެކުނު އަތޮޅުތަކާ ދިމާލަށް ވިލާތައް ކައިރިވަމުންދާތީ ކުރާ ވިއްސާރައެއް ކަމަށެވެ.
"މި ވިއްސާރައިގައި އެންމެ ގިނައިން ވާރޭ ވެހޭނީ ދެކުނާއި މެދު ރާއްޖޭގެ އަތޮޅުތަކަށް. އެހެން ހިސާބުތަކަށް ވެސް އާދައިގެ މިނަށްވުރެ ކަނޑުގަދަވެ ވައިގަދާވާނެ. ވާރޭ ވެސް ވެހޭނެ ކަމަށް ލަފާކުރަނީ،" މެޓް އޮފީހުން ބުންޏެވެ.
މެޓް އޮފީހުން މިރޭ ވަނީ މުޅި ރާއްޖެއަށް ވައިޓް އެލާޓް ނެރެފައެވެ. އެގޮތުން މިރޭ 8:45 އިން ދަންވަރު 2:45 އަށް ބޯކޮށް ވާރޭވެހި، 45 މޭލަށް ވައިގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އަދި ބާރަށް ގުގުރާނެ ކަމަށްވެސް ވަނީ ލަފާކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު