ކޮންމެ ގައުމަކަށްވެސް އަމާންކަމުގެ އައްސޭރިއަށް ދެވޭނީ ސަރުކާރާއި ރައްޔިތުން ގުޅިގެން ކުރާ މަސައްކަތުން ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު އެގޮތަށް ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް 50 އަހަރުފުރުން ފާހަގަކުރުމުގެ ގޮތުން މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އިން އިންތިޒާމްކޮށްގެން މިއަދު ކުރުނބާ މޯލްޑިވްސް ރިސޯޓުގައި ބޭއްވި ފަތުރުވެރިކަމުގެ ރަންޔޫބީލް އެވޯޑު ހަފުލާ ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ދުނިޔޭގެ ފަތުރުވެރިކަމުގެ ބާޒާރުގައި ރާއްޖެ މިއަދު ދަމަހައްޓަމުން އަންނަ މަގާމުގައި މިއޮތީ ރާއްޖެއަށް ފަތުރުވެރިކަން ތައާރަފްކުރެއްވި ބޭފުޅުންގެ ވަރުގަދަ އަޒުމާއި ކުރެއްވި ބުރަ މަސައްކަތުން ކަމަށެވެ. އަދި އަމާޒެއް އޮވެ، ހުރަސްތައް ގިރާކުރައްވަމުން، އެބޭފުޅުން ވެވަޑައިގެންނެވި މަތިވެރި ގުރުބާނީ އާއި މިއަދު އެ އިންޑަސްޓްރީގައި ތިއްބެވި ބޭފުޅުން ކުރައްވަމުން ގެންދަވާ މިންނެތް މަސައްކަތުގެ ސަބަބުން ކަމަށެވެ.
ރައީސް ވިދާޅުވީ ފަތުރުވެރިކަމުގެ ސިނާއަތުގެ ކުރިއެރުމަށް ކުރާ މަސައްކަތުގައި ބައިވެރިވެ ސަރުކާރުން ކުރިއަށް ދާނީ އެ ސިނާއަތުގައި މަސައްކަތް ކުރާ ފަރާތްތަކުގެ އަޑު އަހައިގެން ކަމަށެވެ.
ކޮވިޑްގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ކުރިމަތިވި ގޮންޖެހުންތަކާ އެކު ސަރުކާރުން އެޅި ފިޔަވަޅުތަކުގެ މައްޗަށް އަލި އަޅުއްވާލައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ކޮވިޑްގެ ހަބަރު ލިބުމާ އެކު އެންމެ ފުރަތަމަ އެމަނިކުފާނު ބައްދަލުކުރެއްވި ބޭފުޅުންގެ ތެރޭގައި މަޓީގެ ބޭފުޅުން ހިމެނިވަޑައިގަންނަވާނެ ކަމަށެވެ.
ރައީސް ވިދާޅުވީ ކޮވިޑާ ގުޅިގެން ރާއްޖޭގެ ބޯޑަރުތައް ބަންދުކުރުމަށް ނިންމި ނިންމުމަކީ ވަރަށް ދަތި އުނދަގޫ ނިންމުމެއް ކަމަށެވެ. އަދި އޭގެ ފަހުން ޖުލައި މަހު ރާއްޖޭގެ ބޯޑަރުތައް އަލުން ހުޅުވާލި އިރު އެކަމާ ވެސް ދެކޮޅު ވިސްނުމުގެ ބައެއް ބޭފުޅުން ތިއްބެވި ކަމަށާއި އެހެންނަމަވެސް އެދަނޑިވަޅުގައި ރާއްޖޭގެ ބޯޑަރުތައް އަލުން ހުޅުވާލުމަށް ނިންމި ނިންމުމަކީ ވަރަށް ރަނގަޅު ނިންމުމެއް ކަމަށް ރައީސް ވިދާޅުވިއެވެ
ރާއްޖޭގެ އިގުތިސޯދު އިއާދަވެ މިހާރު މިތިބި ހިސާބަށް އާދެވިފައި ވަބީ އެނިންމުމުގެ ސަބަބުން ކަމަށް ރައީސް ވިދާޅުވިއެވެ.
ފަތުރުވެރިކަން ޑައިވާސިފައިކޮށް ކުރިއެރުވުމަށްޓަކައި ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަމުންދާކަން ފާހަގަކުރައްވައި އެކަމަށްޓަކައި ގާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައްވެސް ގެނެވެމުންދާކަމަށް ރައީސް ވިދާޅުވިއެވެ. އަދި ޓޫރިޒަމް އިންޑަސްޓްރީގެ ކަންކަން ފަސޭހަކޮށްދިނުމަށްޓަކައި ސަރުކާރުގެ ފަރާތުން ކޮށްދެވެން ހުރި ހުރިހާ ކަމެއް ކޮށްދެއްވަމުން ގެންދަވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ފަތުރުވެރިކަމުގެ ސިނާއަތް ތަރައްގީކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި ރައީސް ވިދާޅުވީ ފަތުރުވެރިކަމުގެ ސިނާއަތް ތަރައްގީވަމުންދާ ހަލުވި ދުވެއްޔާ އަޅައި ބަލާއިރު، މިހާރު އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް (ވީއައިއޭ)ގެ ކެޕޭސިޓީ އިތުރު ކުރުންކަމަށް ވާތީ އެކަމަށް ސަރުކާރުން މަސައްކަތް ކުރަމުން ދާކަމަށެވެ.
އެގޮތުން މިހާރު ހަދަމުންދާ ޓާމިނަލުގެ ހިދުމަތް ދޭން ފެށުމުން އަހަރަކު 7.2 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވި، އަދި އަތޮޅުތަކުގައި ތަރައްގީކުރާ އިތުރު އެއާޕޯޓްތަކުގެ ސަބަބުންވެސް ފަތުރުވެރިކަން އިތުރަށް ފުޅާވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު