ޚަބަރު

އައިއެމްއެފުން ލަފާދެނީ ދެ އަހަރު ފަހުން ޖީއެސްޓީ ބޮޑުކުރުން

މުހައްމަދު ޖަމްޝަތް ވަހީދު

ރާއްޖެއިން ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރަން މިއީ ރަނގަޅު ދަނޑިވަޅު ނޫން ކަމަށާއި އެކަންކުރަން އެންމެ ރަނގަޅީ 2024 ވަނަ އަހަރު ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އިން ބުނެފިއެވެ.

ޖީއެސްޓީ މުރާޖައާ ކުރުމާ ގުޅޭ ގޮތުން އައިއެމްއެފުން ހެދި ދިރާސާއަކަށް ފަހު މިދިޔަ މަހު ނެރުނު ރިޕޯޓުގައި ބުނެފައިވަނީ ކޮވިޑުގެ ބަލިމަޑިކަމުން އިގުތިސާދަށް ކުރިމަތިވި ހީނަރުކަމުން އެއްކޮށް އަރައިނުގަނެވިގެން އުޅޭއިރު، ރަޝިޔާ ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ އިގުތިސާދަށް މިހާރު ކުރިމަތިވެފައިވާ އިންފްލޭޝަންގެ މައްސަލަތަކާ ހުރެ މިއީ ރާއްޖޭގައި ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރުން ރަނގަޅު ވަގުތެއް ނޫން ކަމަށެވެ.

އަދި ޖީއެސްޓީ ބޮޑުކުރަން އެންމެ އަވަހަށްވެސް ރާއްޖެއިން މަސައްކަތް ފަށަން ވާނީ 2024 ވަނަ އަހަރު ކަމަށާއި ޖީއެސްޓީ ބޮޑުކުރަން ވާނީ އެކި މަރުހަލާތަކަށް ބަހާލައިގެން ކަމަށް އައިއެމްއެފުން ބުނެފައިވެއެވެ. މީގެ އިތުރުންވެސް ޖީއެސްޓީއަށް ބަދަލުތައް ގެންނައިރު ކޮވިޑްގެ ކުރީގެ ހާލަތަށް އިގްތިސާދު ރުޖޫއަވެ، ތަކެތީގެ އަގުތައް އެއްވަރެއްގައި ކޮންޓްރޯލް ވެފައިވޭތޯ ބަލަން ޖެހޭނެ ކަމަށްވެސް ބުނެފައިވެއެވެ.

އައިއެމްއެފްގެ ރިޕޯޓްގައި ފާހަގަކުރި ގޮތުގައި މިވަގުތު ރާއްޖޭގައި ނަގާ ޓީޖީއެސްޓީ އާއި ޖީއެސްޓީ ރޭޓަކީ ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކާ އަޅާބަލައި އިރު، ކުޑަ އަދަދެކެވެ.

އެހެންކަމުން މެދު ރާސްތާއެއްގައި ޖީއެސްޓީ އަށް ޕަސެންޓާއި 10 ޕަސެންޓަށް އަދި ޓީޖީއެސްޓީ 14 ޕަސެންޓާއި 15 ޕަސެންޓަށް ބޮޑު ކުރަން އައިއެމްއެފުން ލަފާދީފައެވެ. އަދި ޑިޖިޓަލް ހިދުމަތްތައް ފުޅާވަމުން އަންނަ މިންވަރަކުން އެ ދާއިރާއިން އިތުރަށް ޖީއެސްޓީ ނެގުމާއި މިހާރު ޖީއެސްޓީ ނުނަގާ ބާވަތްތައް މުރާޖައާކުރުމާއި ޖީއެސްޓީ ބޮޑުކުރުމުގެ ފަހު މަރުހަލާގައި ޓީޖީއެސްޓީ އާއި ޖީއެސްޓީ، އެއް ހަމައަކަށް ގެނައުން ފަދަ ލަފާތައް އައިއެމްއެފުން ދީފައިވެއެވެ.

އައިއެމްއެފުން މިގޮތަށް ލަފާދީފައި ވަނިކޮށް މިމަހުގެ ފަސް ވަނަ ދުވަހު ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ އާއްމު ޖީއެސްޓީ އަށް ޕަސެންޓަށް އަދި ޓީޖީއެސްޓީ 16 ޕަސެންޓަށް އިތުރުކުރަން ސަރުކާރުން ނިންމާފައިވާކަން އިއުލާނުކުރައްވައިފައެވެ. ރާއްޖޭގައި އާއްމު ޖީއެސްޓީން މިހާރު ނަގަނީ ހަ ޕަސެންޓެވެ. އަދި ޓޫރިޒަމް ޖީއެސްޓީން ނަގަނީ 12 ޕަސެންޓެވެ.

ޖީއެސްޓީ ބޮޑުކުރުމާ ގުޅޭ ގޮތުން އަމީރު ވިދާޅުވީ ދުނިޔޭގެ އިގުތިސާދަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ އިގުތިސާދަށް ކުރާނެ އަސަރު ކުޑަކުރުމަށްޓަކައި ރާއްޖޭގެ ދަރަނި މެނޭޖުކުރުމަށް އާ ސްޓްރެޓެޖީއެއް އެކުލަވާލަމުން އަންނަ ކަމަށެވެ. އަދި ދައުލަތުގެ ހަރަދުތައް ދެކޮޅު ޖެއްސުމުށް ސަރުކާރުން އަޅަންޖެހޭ ފިޔަވަޅުތަކުގެ ތެރޭގައި މިވަގުތު ޓެކްސް ބޮޑުކުރުމަކީ ކުރަން ޖެހިފައިވާ ކަމެއް ކަމަށާއި އެކަން ލަސްކޮށްފި ނަމަ މިހާރަށްވުރެ ދަތި ހާލަތަކާއި ކުރިމަތިލާން ޖެހިދާނެ ކަމަށް މިނިސްޓަރު ވިިދާޅުވިއެވެ.

ޖީއެސްޓީ އިތުރުކުރަން ހަމަޖެހިފައި ވަނީ ސީދާ ކޮން އިރަކު ކަމެއް މިނިސްޓަރު ވިދާޅެއް ނުވެއެވެ. ނަމަވެސް އެކަމަށް ތައްޔާރުވާން ހަ މަހުގެ މުއްދަތެއް ދޭނެ ކަމަށް ވިދާޅުވިއެވެ.

ދައުލަތުގެ ޚަރަދުތައް ދެކޮޅު ޖެއްސުމުގެ ފިޔަވަޅެއްގެ ގޮތުން ރާއްޖޭގެ ފިސްކަލް ސްޓްރެޓެޖީއަށް ބަދަލުތަކެއް ގެނައުމަށް ކަމާބެހޭ ފަރާތްތަކާއެކު ސަރުކާރުން ވަނީ މަޝްވަރާތައް ފަށައިފައެވެ. އަދި އާ ފިސްކަލް ސްޓްރެޓެޖީ މި މަސްތެރޭގައި ރައްޔިތުންގެ މަޖިލީހަށް ފޮނުވާނެ ކަމަށާއި އަންނަ އޮގަސްޓު މަހު އާ ސްޓްރެޓެޖީ އާއްމުކުރާނެ ކަމަށް މިނިސްޓްރީން ބުނި އިރު އަންނަ އަހަރުން ފެށިގެން ދައުލަތަށް ލިބޭ އާމްދަނީން ރިކަރަންޓު ހަރަދު ފުއްދަންޖެހޭ ކަމަށް ރައީސް ސޯލިހުވެސް ވަނީ ވިދާޅުވެފައެވެ.

އެހެންކަމުން ބެލެވޭ ގޮތުގައި ސަރުކާރުން ޖީއެސްޓީން ނަގާ މިންވަރު އިތުރުކުރާނީ އަންނަ އަހަރުން ފެށިގެންނެެވެ.