އަދާލަތު ޕާޓީއަކީ ދެތީން މީހެއްގެ ސިޔާސީ މަންފާއަށް ގެންގުޅޭ ނަމެއް ކަމަށާއި އެކަން ނުދަންނަ ރައްޔިތަކު ނެތް ކަަމަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ނާއިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ޝިޔާމު މިހެން ވިދާޅުވެފައިވަނީ، އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އިއްޔެ ކުރެއްވި ޓުވީޓަކަށް ރައްދުދެއްވަމުންނެވެ.
އިމްރާން އިއްޔެ ކުރެއްވި ޓުވީޓުގައި ވިދާޅުވީ ބަޔަކު މީހުން ކިތަންމެ ނުރުހުނަސް އަދާލަތު ޕާޓީ އޮތީ ފަހަތަށް ޖެހޭ ގޮތަކަށް ނޫން ކަމަށެވެ. އަދި އިސްލާމްދީނުގެ ފުރިހަމަ މަފްހޫމުގައި ސިޔާސީ މަސައްކަތްތަކުގައި އަދާލަތު ޕާޓީ ދާނީ ބާރަށް ކުރިއަށް ކަމަށް ވިދާޅުވިއެވެ.
އެ ޓުވީޓަށް ރައްދު ދެއްވަމުން ޝިޔާމު ވިދާޅުވީ އިސްލާމްދީނަށާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ހަޖޫ ޖެހިއިރު އަދާލަތު ޕާޓީ އޮތީ ހިމޭނުން ކަމަށެވެ.
"ސަރުކާރެއްގައި އެލިގަނެގެން އޮންނަތާ ހަތަރު އަހަރު. އިސްލާމް ދީނަށް ފުރައްސާރަކޮށް ކީރިތި ރަސޫލާ އަށް ހަޖޫޖެހިއިރު އަދާލަތު ހިމޭނުން. ތިއީ ދެތިން މީހެއްގެ މަންފާ އަށް ގެންގުޅޭ ނަމެއްކަން އެންމެން ދަނޭ." އޭނާ ވިދާޅުވިއެވެ.
ޝިޔާމު އިތުރަށް ވިދާޅުވީ 2023 ކައިރިވާތީ އަދާލަތު ޕާޓީއަށް ވަގަށް މެމްބަރުން ހަމަކޮށް، އިމްރާން ހުރިކަން އަންގާލަން "ކަރުކެހެނީ" ކަމަށެވެ.
ޝިޔާމުގެ އިތުރުން އެހެން ބައެއްވެސް އަދާލަތު ޕާޓީއަށް ދަނީ ފާޑު ކިޔަމުންނެވެ. އެގޮތުން ބޮޑީބިލްޑިން މުބާރާތާއި ޔޯގާ ހަރަކާތާ ގުޅިގެން ހައްޔަރުކުރި ޝެއިހުން ބަންދުގައި ބޭތިއްބުމާ ދެކޮޅަށާއި އެއްޖިންސުން ގުޅުން ހިންގި ކަމަށް ތުހުމަތުވާ ފަރާތްތަކުގެ ވީޑިއޯތަކާ ގުޅިގެން ސަރުކާރު ކޯލިޝަނުގައި އޮވެ އަދާލަތު ޕާޓީން ބަސްނުބުނާތީ ގިނަ ބަޔަކު ވަނީ ފާޑު ކިޔައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު