ސްރީ ލަންކާގެ ވަގުތީ ރައީސްގެ މަގާމުގައި މިވަގުތު ހުންނެވި އެ ގައުމުގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ، އެގައުމުގެ ރައީސްކަމުގެ މަގާމަށް ގެނައުމަށް ލަންކާގައި ވެރިކަން ކުރާ ޕާޓީ، ދަ ސްރީލަންކާ ޕޮޑުޖަނާ ޕެރަމައުނާ (އެސްއެލްޕީޕީ) އިން ނިންމައިފިއެވެ. ހަމަޖައްސަވައިފިއެވެ.
ލަންކާގެ ވަގުތީ ރައީސްކަމުގެ ހުވާ ރަނިލް ވިކްރަމަސިންހަ މިއަދު ވަނީ ކުރައްވައިފައެވެ. ރަނިލް ރައީސް ކަމުގެ ހުވާ ކުރެއްވީ ޗީފް ޖަސްޓިސް ޖަޔަނަތާ ޖަޔަސޫރިއާގެ ކުރިފުޅުމަތީގައެވެ.
ގޮތަބަޔާ ގައުމުން ބޭރުގައި ހުންނަވައި ވަގުތީގޮތުން ރައީސްގެ މަގާމު ރަނިލްއަށް ދެއްވީ މިދިޔަ ބުދަ ދުވަހުއެވެ. ނަމަވެސް އިއްޔެގެ ވަގުތެއްގައި ގޮތަބަޔާ އިސްތިއުފާ ދެއްވައި އެ އިސްތިއުފާ އެގައުމުގެ ގާނޫނު ހަދާ މަޖިލީހުން މިއަދު ވަނީ ބަލައިގަނެފައެވެ.
އެސްއެލްޕީޕީ ޖެނެރަލް ސެކްރެޓަރީ ސަގަރަ ކަރިޔަވާސަމް ވަނީ ރަނިލް، އެގައުމުގެ ރައީސްކަމަށް ގެނައުމަށް އެޕާޓީން ނިންމާފައިވާކަން މިއަދު އިއުލާންކުރައްވައިފައެވެ.
ރަނިލްއަށް އެސްއެލްޕީޕީއިން ތާއީދުކުރަން ނިންމާފައިވާއިރު، އެޕާޓީގެ ދުއްލާސް އަލަހަށްޕެރުމާ ވެސް ރައީސް ކަމަށް ކުރިމަތި ލައްވާނެ ކަމަށް ވަނީ އިއުލާނު ކުރައްވައިފައެވެ. އަދި އޭނާއަށް ތާއީދުކުރުމަށް އެ ޕާޓީގެ ޗެއާމަން ޕްރެފެސަރު ޖީއެލް ޕީރީސް ވަނީ ގޮވާލައްވައިފައެވެ.
އެސްއެލްޕީޕީ އަކީ ކުރީގެ ރައީސް ގޯތާބަޔާ ރާޖަޕަކްސާ އާއި ކުރީގެ ބޮޑު ވަޒީރު މަހިންދާ ރާޖަޕަކްސާ ވެސް ނިސްބަތްވެވަޑައިގަންނަވާ ޕާޓީއެވެ. އަދި އެޕާޓީއަކީ މަޖިލީހުގެ މެޖޯރިޓީ އޮތް ޕާޓީއެވެ.
ލަންކާގެ ގާނޫނު ހަދާ މަޖިލީހުގައި 225 މެމްބަރުން ހިމެނޭއިރު، އެސްއެލްޕީޕީގެ 114 މެމްބަރުން ތިއްބަވައެވެ. މަޖިލީހުގެ އަޣުލަބިއްޔަތަކީ 113 މެމްބަރުންނެވެ.
ލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް މަހިންދަ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ މާދަމާ މަޖިލީހުގެ ޖަލްސާއެއް ބާއްވައި، އާ ރައީސަކު ހޮވުމުގެ ކަންކަން ފެށުމުގެ މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި ހަތް ދުވަހުގެ ތެރޭގައި އާ ރައީސަކު ހޮވުމަށް މަޖިލީހުން މަސައްކަތް ކުރާނެ ކަމަށާއި އެކަމަށް ހުރިހާ ޕާޓީތަކުގެ ތާއީދަށް އޭނާ ވަނީ އެދިވަޑައިގަންނަވައިފައެވެ.
ގޮތަބަޔާ އާއި އަނބިކަނބަލުން އަދި ދެ ބޮޑީގާޑުން ލަންކާގެ އެއާފޯސް މަތިންދާބޯޓެއްގައި ރާއްޖެ ވަޑައިގަންނެވީ އަންގާރަ ދުވަހުގެރޭ ދަންވަރުގެ ވަގުތެއްގައެވެ.
ގޮތަބަޔާ ރާއްޖެއިން ފުރާވަޑައިގެންފައިވަނީ އިއްޔެ މެންދުރުގެ ވަގުތެއްގައެވެ. އެމަނިކުފާނު ސިންގަޕޫރަށް ވަޑައިގެންފައިވަނީ ސައުދީ ބޯޓެއްގައެވެ. އަދި ސިންގަޕޫރަށް ވަޑައިގެންނެވުމާއެކު އެމަނިކުފާނު ވަނީ އިސްތިއުފާގެ ސިޓީ ހުށަހަޅުއްވައިފައެވެ.