އިސްލާމީ ތާރީޚު

މިޒަމާނުގެ ޖުމްހޫރިއްޔަތުގެ އަސާސަކީ އިސްލާމްދީނުގެ ޝޫރާއީ ނިޒާމެވެ. - 23

އަބްދުﷲ ފާރޫގް ހަސަން

(4 ޖުލައިގެ އަދަދާ ގުޅޭ)

އަމިއްލަފުޅު ހަށިކޮޅާއިގެން ޢަމަލީގޮތުން ބައިވެރިވެވަޑައިނުގެންނެވުނީތީ ހިތާމަފުޅު ކުރެއްވިއެވެ. މައުލާނާ ގީލާނީ ލިޔުއްވާގޮތުގައި ހެޔޮކަންތައްތަކަށް އަމުރުކުރުމާއި މުންކަރާތް ނަހީކުރެއްވުމުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިނުގެންނެވުނީތީ އެކަމާ ހިތާމަކުރައްވައި އިސްތިޣުފާރު ކުރައްވާކަމުގައި ވިދާޅުވިއެވެ. އެދުވަސްވަރު ބަނޫއުމައްޔަތުގެ ސަރުކާރު ވެއްޓިފައިވާ ޙާލަތަށް ބަލާއިރު އެސަރުކާރު ބަދަލުކުރާން މަސައްކަތްކުރުމަކީ އީމާންކަން ލާޒިމުކުރާ ކަމެއްކަމުގައި إمــام أبـــوحــنيــفـــة ވިދާޅުވެފައިވެއެވެ.

إمــام حسـن بـــن عـلــى رضـى اللّــه عــنـــه ގެ ކާފަދަރިކަލުން إبـــــراهــيــــــم بـــن عـبـد اللّــه ޢައްބާސީންނާ ދެކޮޅަށް ނުކުމެވަޑައިގެންނެވީ خـلـيفـــة مـنــصــــور ގެ ދުވަސްވަރުއެވެ. إمــام أبـــوحــنيــفـــة އެކަލޭގެފާނަށް ތާއީދުކުރެއްވިއެވެ. އެކަލޭގެފާނާ ބައިވެރިވުމަކީ ފަންސާސް ސުންނަތް ޙައްޖަށްވުރެ ބޮޑު ސަވާބުހުރި ކަމެއްކަމުގައި ވިދާޅުވިއެވެ. خـلـيفـــة مـنــصــــور، إمــام أبـــوحــنيــفـــة އަށް قـاضــى ކަމުގެ މަގާމު ހުށަހެޅުއްވިއެވެ. إمــام އެކަމަށް އިންކާރު ކުރެއްވުމުން مـنــصــــور، أبـــوحــنيــفـــة ގެ ގައިކޮޅުގައި ހަންމުށީން ތެޅުއްވިއެވެ. إمــام أبـــوحــنيــفـــة ގެ ޞަރީޙު ބަސްފުޅަކީ އަނިޔާވެރި ސަރުކާރުތަކަކީ ބާޠިލު ސަރުކާރުތަކެއް ކަމުގައެވެ. ޞާލިޙު އިންޤިލާބެއް ގެނެވުމުގެ އެކަށޭނަކަން އޮތްކަމުގައިވާނަމަ އެފަދަ ސަރުކާރުތަކާ ދެކޮޅަށް ނުކުތުމަކީ ލާޒިމު ކަމެއްކަމުގައެވެ. ޝަރުޠަކީ މީހުން ތިބުމާއި ހަތިޔާރު ހުރުމާއި ލީޑަރަކު މަތިވެފައިވުމެވެ. އެދުވަސްވަރު مـنــصــــور ގެ އަނިޔާވެރިކަން އިންތިހާޔަށް ބޮޑެވެ. އަހްލުބައިތުންކުރެ ބޭކަލެއްކަމުގައިވާ محــمّد بـــن إبـــــراهــيــــــم ދިރިހުންނަވަނިކޮށް ފާރަށް މޮހޮރު ޖެއްސެވިއެވެ. أبـــوحــنيــفـــة އެއްދުވަހަކު مـنــصــــور އާ ދިމާޔަށް ވިދާޅުވިއެވެ.

"މަނިކުފާނުގެ ޚަލީފާކަމަށް ތަޤްވާވެރީންކުރެ ދެމީހަކުވެސް އިއްތިފާޤެއް ނުވެއެވެ. ޚިލާފަތެއް ޢަޤްދުވުމަށްޓަކައި އީމާންކަމުގެ އަހްލުވެރީންގެ އިޖްތިމާޢީ މަޝްވަރާއަކީ ލާޒިމު ކަމެކެވެ."

ކައުސާހިބާ صـلّــى اللّــه عـلـيــه وسـلّـــم ގެ އަހްލުބައިތުންކުރެ محــمّد نــفــــس ذكــيـّـة މަދީނާގެ މަދުޢަދަދެއްގެ މީސްކޮޅެއް ގޮވައިގެން ޢައްބާސީ ދައުލަތާ ދެކޮޅަށް ނުކުމެވަޑައިގެންނެވިއެވެ. އެއީ ހިޖްރައިން 145 ވަނަ އަހަރުއެވެ. މަދީނާގެ ޢިލްމުވެރީންނާއި، ދީނުގެ އިމާމުންނާއި ދީންވެރީން محــمّد نــفــــس ذكــيـّـة އާ ބައިވެރިވެވަޑައިގެންނެވިއެވެ. މުސްލިމުންގެ ދާރުލްހިޖްރައިގެ އިމާމު، إمــام مــالـك رحـمـه اللّــه ފަތުވާދެއްވިއެވެ.

"مـنــصــــور މީސްތަކުންގެ ބައިޢަތު އަތުލެއްވީ ގަދަކަމުންނެވެ. އެއީ ފަރުވާލެއްހުރި ބައިޢަތެއް ނޫނެވެ. ޚިލާފަތަކީ نــفــــس ذكــيـّـة ގެ ޙައްޤެކެވެ." ހިޖްރައިން 145 ވަނަ އަހަރުގެ ރަމަޟާންމަހު نــفــــس ذكــيـّـة ޝަހީދުކުރެވުމުން އެކަލޭގެފާނަށްފަހު ބަޣާވަތުގެ ދިދަ އުފުއްލަވައިލެއްވީ އެކަލޭގެފާނުގެ އަޚް إبـــــراهــيــــــم އެވެ. އެފަހަރު އެކަލޭގެފާނާ ވަރަށްގިނަބަޔަކު ބައިވެރިވިއެވެ. ހަތިޔާރާއި ސާމާނުވެސް ހުއްޓެވެ. ކޫފާއިން އެކަނިވެސް އެކަލޭގެފާނުގެ އަރިހުގައި ފުރާނަދޭން އެއްލައްކަ މީހުން ބައިޢަތު ހިފިއެވެ. عــلاّمــــة شِبــلـــى نـعـمــانــى ވިދާޅުވާގޮތުގައި އެފަހަރު مـنــصــــور ވެސް ވަރަށްބޮޑަށް މޭފުޅުކަރާގޮތްވިއެވެ. إمــام أبـــوحــنيــفـــة ގެ އަރިހުގައި ވަރަށްގިނަ ޢިލްމުވެރީންވެސް އެކަލޭގެފާނަށް ތާއީދުކުރެއްވިއެވެ. إمــام أبـــوحــنيــفـــة ހަތަރުހާސް ދިރުހަމުގެ ފައިސާގެ އެހީފުޅެއްވެސް ދެއްވިއެވެ.

ألإمــام أبـــوحــنيــفـــة رحـمـه اللّــه އަށް އަޅުގަނޑުމެންގެ މިޒަމާން ފެނިވަޑައިގަންނަވާނެ ނަމައެވެ. މިހާރަކު މުސްލިމުންގެ ޚަލީފާއެއް ނެތެވެ. ޚިލާފަތެއް ނެތެވެ. އުންމަތް ބެހިފައިވަނީ ކުދިކުދި ދައުލަތްތަކަކަށެވެ. ޤައުމުތަކުގެ ޙާކިމުން އިމާމުންކަމުގައި ބައްލަވަނީ ނަޞާރާ ދައުލަތްތަކެވެ. ނުވަތަ މުޝްރިކު ހިންދީން އެޅިހައިބަތަކަށް ރިހަ އަޅުއްވަނީއެވެ. އަމީރުން ފިކުރާވެވަޑައިގަންނަވަނީ ހުޅަނގުގެ ތަހްޒީބު ދެކެއެވެ. އިސްލާމްދީނާއި ދީނުގެ އަހްލުވެރީންނާމެދު ވިދާޅުވަނީ ހައްދުފަހަނަޅައިފައިވާ ބަޔަކު ކަމުގައެވެ. ދީންވެރީންނާއި ދީނީ ޖަމާޢަތްތަކާމެދު އިސްކުރައްވަނީ އަނިޔާވެރިކަމެވެ. ދައްކަވަނީ ގޮށްމުށު ބާރެވެ. އިސްލާމީ ބައެއް ޤައުމުތަކުގައި ފާޅުގައި ހިނގަމުންދަނީ ވިރާސީ ނިޒާމެވެ. ޚިޔާލުފާޅުކުރުމުގެ މިނިވަންކަމެއް ނެތެވެ. ވަށައިގެން ފެންނަނީ ވިރާސަތުގެ ނިޒާމެވެ. ނުވަތަ ޑިކްޓޭޓަރޝިޕެވެ. އެއްވެސް ސިފައެއްގައި ޚިލާފަތެއް ނެތެވެ. މުސްލިމުން އަޑުއަހައި ކިޔަމަންވާން އިރްޝާދު އައިސްފައިވާފަދަ ވެރިކަމުގެ ނިޒާމެއް ނެތެވެ. ޝައްކެއްނެތެވެ. إمــام އަށް މި މަންޒަރު ފެނިވަޑައިގެންފިކަމުގައިވާނަމަ ޢަރަބި ބަހާރަށް ސާބަސްދެއްވީސްކަން ކަށަވަރެވެ. ސަރުކާރުތަކާ ދެކޮޅަށް ހިންގޭ ޢާންމުންގެ އިންޤިލާބުތަކުގައި ބައިވެރިވެވަޑައިގެންނެވީސްކަން ޔަޤީނެވެ.

إمــام أبـــوحــنيــفـــة ގެ ޙަޔާތްޕުޅުގައިވެސް މުސްލިމުން އަހައި ކިޔަމަންވާންޖެހޭ ޚިލާފަތެއް ނެތެވެ. އެހެންކަމުން އެކަލޭގެފާނަށް ހުށަހެޅުނު ޤާޟިލްޤުޟާތުގެ މަގާމުގައި ކޮޅުފައިން ޖެއްސެވީއެވެ. ޤަބޫލުފުޅެއް ނުކުރެއްވިއެވެ. إمــام أبـــوحــنيــفـــة އަށް ހުށަހެޅުނީ ހަމައެކަނި އުއްތަމަފަނޑިޔާރުކަމުގެ މަޤާމެއް ނޫނެވެ. ނުފޫޒުހުރި އެތައް މަޤާމުތަކެކެވެ. ބަނޫއުމައްޔަތުންވެސް ބަނޫޢައްބާސުންވެސް إمــام أبـــوحــنيــفـــة ސަރުކާރާ ކައިރިކުރެވޭތޯ ވަރަށްބޮޑަށް މިންނަތްކުރިއެވެ. އިމާމު އެމަޤާމުތައް ޤަބޫލު ނުކުރެއްވީ ސަރުކާރުގެ ރޭލު އޭގެ ރަނގަޅު ދަގަނޑުން ނައްޓައިލައިފައިވާތީއެވެ. އިންތިޚާބެއް ނެތުމުންނެވެ. ޝޫރާއެއް ނެތީތީއެވެ. ސަރުކާރުގައި ޢަދުލުވެރިކަމެއް ނެތުމުންނެވެ. ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމެއް ނެތެވެ.

އާދެ، މިއީ އިސްލާމީ އުންމަތް މިއަދުވެސް އެބޭކަލުންނަށް ތަބާވާ އިމާމުވެރި ބޭކަލުންގެ ޢަމަލުފުޅުތައް ހުރިގޮތެވެ. ކަންމިހެން ހުރުމާއެކު ސުވާލަކީ މިއަދުގެ މުސްލިމުންގެވެސް ޢަމަލުތައް ހުންނަނީ މިގޮތަށް ބާވައެވެ. ސަރުކާރުގެ ނުރަނގަޅު ސިޔާސަތާމެދު ހައްޕު ކިޔުމުގެ އަގު ހިފައިއުޅޭ ބާވައެވެ. މަޤާމާއި ފައިސާގެ ރިޝްވަތު ޤަބޫލުކުރޭ ބާވައެވެ. ކޮންމެއަކަސް މައުލާނާ ގީލާނީ ވިދާޅުވާގޮތުގައި، إمــام أبـــوحــنيــفـــة رحـمـه اللّــه ގެ މިހުރިހައި މަސައްކަތްޕުޅެއްގެ މަޤްޞަދަކީ ކައުސާހިބާ صـلّــى اللّــه عـلـيــه وسـلّـــم ޤާއިމުކުރައްވައިފައިވާ ސިޔާސީ ނިޒާމު އަލުން ޤާއިމުކުރެއްވުމުގެ މަސައްކަތްޕުޅެވެ. (إمــام أبـــوحــنيــفـــة ސިޔާސީ ދިރިއުޅުއްވުން، މައުލާނާ މަނާޒިރު އަޙްސަންގީލާނީ)

މިޒަމާނުގައި ޚިލާފަތުގެ ނިޒާމުގެ މުހިންމުކަން

އިސްލާމްދީނުގެ ރީތި ބުރުސޫރަ ދުނިޔެއަށް ފެންނާނީ އެދީނުގެ އަހްލުވެރީންގެ އަތުގައި ދުނިޔޭގެ ސިޔާސަތާއި އިޤްތިޞާދީ ކަންކަމުގެ މުގޫވެސް އޮވެގެންނެވެ. ޤައުމުތައް ބައިބަޔަށް އިސްލާމްވަމުންދާނީ އޭރުންނެވެ. އެހެންކަމުން އިސްލާމްދީނުގެ ސިޔާސީ ނިޒާމަށް ޢަމަލުކުރެވޭތޯ މަސައްކަތްކުރުމަކީ މުސްލިމުންގެ މައްޗަށް ވާޖިބެކެވެ. ނަމަވެސް، "މި ރުކުގައި ކަދުރު ނާޅާތާ" މިހާރު ޤަރްނުތަކެއް ވެއްޖެއެވެ. އިސްލާމްކަމަކީ ހުސްއެކަނި މިސްކިތުގައި އަޅުކަން ކޮށްލުމެއް ނޫނެވެ. އިސްލާމްދީނަކީ ހުސްއެކަނި ހުޖްރާތަކާއި ޚާނުގާހުތަކުގައިތިބެ ތަސްބީޙަ ކިޔުމާއި ޒިކުރު ކުރުމުގެ ދީނެއް ނޫނެވެ. ހުސްއެކަނި ވެރިކަން ހޯދުން އަމާޒަކަށް ހަދައިގެން އުޅުމަކީ ރަނގަޅުކަމެއް ކަމުގައި ނުވާފަދައިން ސަރުކާރާ މުޅީން އެކަހެރިވެގަތުމާއި ޞާލިޙު ވެރިކަމެއް ޤާއިމުކުރެވޭތޯ މަސައްކަތް ނުކޮށްތިބުމަކީވެސް ރަނގަޅުކަމެއް ނޫނެވެ. ކައުސާހިބާ صـلّــى اللّــه عـلـيــه وسـلّـــم ގެ ސީރަތުންނާއި الخــلفــاء الــرّاشــدون ގެ ޙަޔާތްޕުޅުން ފެންނަނީ މި ދެބައިގެ ތިލަފަތް ހަމަކުރައްވައިފައިވާތީއެވެ.

މިޒަމާނުގެ އަރައިހުންނެވި އިސްލާމީ މުފައްކިރު مـــولانـــاسيّــدأبـــوالحســن عـلــى نـــدوى ގެ "ތާރީޚެ ދަޢުވަތު ވަ ޢަޒީމަތު" ގެ ދެވަނަބައިގައި ލިޔުއްވައިފައިވެއެވެ.

"ބާވައިލެއްވި ޝަރީޢަތާއި މާތް اللّــه ގެ ޙާކިމިއްޔަތުގެ ޢަޤީދާގެ މައްޗަށް ބިނާވެފައިވާ ވެރިކަމަކާއި ޚިލާފަތެއް ބޭނުންވެއެވެ. މިފަދަ ވެރިކަމުގެ ނިޒާމަކާއި ޚިލާފަތެއް ނެތްކަމުގައިވާނަމަ އިސްލާމްދީނާއި މުސްލިމުންގެ ދިރިދެމިތިބުން ނުރައްކަލަށް ހުށަނޭޅިޔެއް ނުދާނެއެވެ. އިސްލާމްދީނުގެ ޢަދުއްވުންގެ ޙަމަލަތައް މަތަކޮށް ހުއްޓުވުމުގެ ބާރު، ދެޙަރަމްފުޅުގައި ނެތްކަމުގައިވާނަމަ ދެޙަރަމްފުޅުގެ މުޤައްދަސްކަން ޙިމާޔަތްކުރެވޭނީ ކިހިނަކުންތޯއެވެ. ހަމައެފަދައިން ހަތިޔާރު އުފައްދާ ކާރުޚާނާތައް ބިނާކުރުމުގެ ބަދަލުގައި އިސްލާމްދީނުގެ ޢަދުއްވުންގެ ކުރިމައްޗަށް ހަތިޔާރަށްއެދި ސަލާންޖެހުމުގެގޮތުން އަތްދިމާކުރަން ހެޔޮވާނީ ކިހިނަކުންތޯއެވެ. އެކަމަށްޓަކައި މާތް اللّــه ގެ ޢަދުއްވުންނަށް ފަސްހަ ބިލިޔަން ޑޮލަރުގެ ބޮޑެތި ޢަދަދުތައް ދޭންކަމުދާނީ ކިހިނަކުންތޯއެވެ؟ މިފަދަ ސަފީހު ޢަމަލުތަކަށް ފާޑުކިޔައި އެކަން އިޙްތިސާބުކުރާނެ ބަޔަކު ޤައުމުން ބޭރުގައިވެސް ނެތި ހެޔޮވާނެތޯއެވެ؟ ޤައުމުގެ އެތެރޭގައި ތިބިބަޔަކަށް ފާޑުކިޔައި އިޙްތިސާބު ކުރެވޭނީ ކިހިނަކުންތޯއެވެ؟ އެހެނީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ދިން އިސްލާމީ ޚިލާފަތުގެ ނިޒާމާއި إســلامـــــى جـمـهـــوريّــــة ގެ ނިޒާމު މާކުރީންވަނީ މުސްލިމުންނާ ވަކިވެގޮސްފައެވެ. އެހެންކަމުން މިފަދަ ސަރުކާރުތަކަށް އިސްލާމީ ސަރުކާރުތަކެކޭ ކިޔުންވާނީ ވަރަށްބޮޑު ކުށަކަށެވެ.

އިސްލާމްދީނުގެ ސިޔާސީ ނިޒާމަކީ ކޮބައިތޯއެވެ؟ މިހާރުވަނީ މި މައިގަނޑު ނަމުގައި އެކަށީގެންވާ ތަފްސީލާއެކު ބަހުސުކުރެވިފައެވެ. އެނިޒާމު ޤާއިމުކުރުމަކީ ހުސްއެކަނި ސުންނަތްކަމެއް ނޫނެވެ. ހަމައެކަނި މުސްތަޙައްބުކަމެއްވެސް ނޫނެވެ. އަދި ކީއްތޯއެވެ؟ އެއީ ވާޖިބުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އެކަމުގެ މުހިންމުކަން ސާބިތުކޮށްދިނުމަށްޓަކައި އަނެއްކާވެސް މިހުށަހަޅަނީ مـــولانـــا سيّــد أبـــوالحســن عـلــى نـــدوى ގެ އިޤްތިބާސެކެވެ.

(ނުނިމޭ)