ބޮޑު އީދަކީ ރާއްޖޭގެ ގިނަ ރަށްރަށުގައި ވަރަށް ކުލަގަދަކޮށް ފާހަގަކުރާ އީދެކެވެ. އާއްމު ގޮތެއްގައި ގިނަ ރަށްރަށުގައި ބޮޑު އީދުގައި ފާހަގަ ކުރުމަށް ކޮށްއުޅެނީ ދާދި އެއްކަހަލަ ކަންކަމެވެ. އެއް ޒާތެއްގެ ކުޅިވަރުތަކެކެވެ. ނަމަވެސް ބައެއް ރަށްރަށުގައި އީދު ފާހަގަކުރާ ގޮތާއި ކުޅިވަރުތައްވެސް ތަފާތެވެ. އެގޮތުން، ރާއްޖޭގައި އެންމެ ތަފާތު ގޮތެއްގައި އީދު ފާހަގަކުރާ އެއް ރަށަކީ ރ. މީދުއެވެ. އެ ރަށަށް އީދުގެ ފޯރި ގެންނަނީ އީދު ހަދިޔާ ހިފައިގެން ބޭރުކަރައިން އަންނަ ބޮޑު ނަވަކުންނެވެ. ރަށުގެ ރައްޔިތުންގެ ކިޔާގޮތުން "ނަވު ކެނޑުމުގެ" ކުޅިވަރުންނެވެ.

ނަވު ކެނޑުމުގެ ކުޅިވަރަކީ މީދޫގައި ޒަމާނުއްސުރެ ކުޅެމުން އަންނަ ކުޅިވަރެކެވެ. އެ ކުޅިވަރަށް އެރަށުގެ ރައްޔިތުން ވަރަށް ބޮޑަށް ތައްޔާރުވެއެވެ. މީދޫގައި އީދު ފާހަގަކުރަނީ އެރަށުގެ ދެ އަވަށް ކަމަށްވާ އިރުމަތީ އަވަށާއި ހުޅަނގު އަވަށުގެ ރައްޔިތުން ވަކީންނެވެ. ނަވުގެ ކުޅިވަރުވެސް ކުޅެނީ ވަކީންނެވެ. އެހެންވެ، ކޮންމެ އަވަށަކުންވެސް އެ އަވަށުގެ ނަވު، ތައްޔާރުކުރުމުގެ މަސައްކަތް ދުރާލައި ފަށައެވެ. ކުރީ ޒަމާނުގެ ހަނގުރާމަމަތީ ނައުތަކުގެ ނަމޫނާއަށް ބޮޑު ދެ ދޯނި ތައްޔާރު ކުރަނީ، މާވަޑިންނާއި ޒުވާނުންނާއި ހަރުމީހުންގެ މަސައްކަތުންނެވެ.

"މި ނަވު މި ތައްޔާރުކުރަނީ ކުރީ ޒަމާނުގެ ނަވެއްގެ ބައްޓަމަށް. ހަމަ އެ ފަރުމާއަށް. ތޮށަލިން ވިޔެގެން ނަވެއްގެ ސިފަ މި ގެންނަނީ. މިކަމުގައި ރަށުގެ މާވަޑިންނާއި ޒުވާނުން ހަރަކާތްތެރިވާނެ. ގާތްގަނޑަކަށް ދެ ހަފުތާއެއްހާ ދުވަސް ކުރިން ތައްޔާރީތައް ފަށާނެ. އެއީ، ވަރަށް ބައިވަރު ތޮށަލި ވިޔަން ޖެހޭ ކަމަކަށްވާތީ" ނަވު ތައްޔާރުކުރާ ގޮތާ ބެހޭ ގޮތުން، މީދޫ ކައުންސިލްގެ ރައީސް ހަސަން ޝަރީފް ވިދާޅުވިއެވެ.

ހަސަން ޝަރީފް ވިދާޅުވި ގޮތުގައި، މީގެ ކުރިން ދެ އަވަށުންވެސް ނަވު ތައްޔާރުކުރަމުން އައީ ތޮށަލިން ވިޔެގެނެވެ. ނަމަވެސް މިފަހަރުގެ އީދުގައި އިތުރުމަތީ އަވަށު މީހުން ނަވު ތައްޔާރުކުރީ ފްރޭމެއްގައި ކެންވަސް ހަރުކޮށްގެނެވެ. ކެންވާސް ބޭނުންކޮށްގެން މަސް ދޯންޏަަކަށް، ހަނގުރާމަމަތީ ނަވެއްގެ ބައްޓަން ގެންނަން ހަފުތާއެއްހާ ދުވަސް ނަގާއިރު، ނަވުގެ ހަރަކާތަށް ބޭނުންވާ އެހެނިހެން ކަންކަމަށްވެސް ދުވަސްކޮޅެއް ނަގައެވެ. އެގޮތުން ނަވުގެ ފަޅުވެރިންނާއި ކެޕްޓަނުގެ ކޮސްޓިއުމާއި ރަށުގައި ތިބޭ ސިފައިންގެ މީހުންގެ ކޮސްޓިއުމް ތައްޔާރުކުރާއިރު، އެހުރިހާ ކޮސްޓިއުމެއްވެސް ތައްޔާރުކުރަނީ ކުރީ ޒަމާނުގެ ގޮތްގޮތަށެވެ. ނަވުގެ ފަޅުވެރިންނާއި ކެޕްޓަން ހުދުކުލައިގެ ކޮސްޓިއުމެއްލާއިރު، ކެޕްޓަނުގެ ބޮލުގައި ތޮތްޕަކާއި ގަމީހުގެ ޖީބާ ދިމާލަށް އެކި ކުލަކުލައިގެ ފަށްބަރިއެއް ހުރެއެވެ. އެއީ އޭނާއަކީ ކެޕްޓަންކަން ރަމްޒުކޮށްދިނުމަށެވެ.

ބޮޑެތި ދުންހޮޅިތަކުން ކަޅު ދުން ބުރުވަމުންް ބޮޑުބެރުގެ ހަރަކާތްތަކާއެކު ނަވު އައިސް ބަނދަރު ކުރަނީ، އެކަމަށް ހާއްސަކޮށް ކޮންމެ އަވަށެއްގައި އަޅާފައިވާ ފާލަމަށެވެ. ފާލަމަށް ނަވު ގާތްކޮށްލައި މަސަލަސްކުރުމަށްފަހު، ނަވުގެ ފަޅުވެރިންނާއި ކެޕްޓަނަށް ރަށަށް ފޭބޭނީ، ސަލާމަތީ ކަންކަން ބަލަން ތިބޭ ސިފައިން ބަލައި ފާސްކުރުމަށް ފަހުއެވެ. އެއީ ބޭރުކަރައިގެ ބަޔަކު އައުމުން މީގެ ކުރިންވެސް އަމަލުކުރާ ގޮތުގެ ރަމްޒެކެވެ. މީދޫގައި ތިބޭ ސިފައިން ފަޅުވެރިންނާއި ކެޕްޓަން ބަލައިފާސްކުރުމަށްފަހު ރަށަށް ފޭބުމުގެ ހުއްދަ އެމީހުންނަށް ދެއެވެ. ނަވުގެ ކެޕްޓަން ރަށަށް ފައިބާނީ ރަށުގެ ރައްޔިތުންނާއި ކުޑަކުދިންނަށް އީދު ހަދިޔާ ހިފައިގެންނެވެ.

"ނަވުގެ ކެޕްޓަން މެޓަޔައާއި ޗޮކްލެޓު ކަހަލަ އެއްޗެހި ގެންނާނެ. އެ އެއްޗެހި އައިސް ކުޑަކުދިންނަށާއި ގޭގެއަށް ހިނގައި ރައްޔިތުންނަށް ބަހާނެ. ދެން ގޭގެއިންވެސް ކެޕްޓަނަށް ހަދިޔާ ދޭނެ، ފޮނި އެއްޗެއްސާއި ބޮނޑިއާއި ކާޖާ އެއްޗެހި ދޭނެ" ޝަރީފް ވިދާޅުވިއެވެ.

ނަވު ކެނޑުމުގެ ކުޅިވަރުގެ އެންމެ ފޯރިގަދަ ބަޔަކީ، މީދޫގެ އަންހެނަކު ނަވަށް އަރައި ނަވުގެ ފަތްގަނޑެއް ނައްޓާލާ ހިސާބެވެ. އެ ހިސާބުން އެރަށުގައި ރަސްމީކޮށް ފެންކުޅި ފެށުނީއެވެ. ފުރަތަމަ ދުވަހު އޮންނަނީ އަންހެންވެރިން ގަޔަށް ފިރިހެންވެރިން ފެން ޖެހުމެވެ. އެ ދުވަހު އަންހެންވެރިން ފިރިހެންވެރިންގަޔަށް ފެންޖެހުން މަނާވާނެއެވެ. އަންހެންވެރިންނަށް ފިރިހެންވެރިން ގަޔަށް ފެން ޖަހަން ހުއްދަ ލިބެނީ ދެވަނައަށްވާ ދުވަހު، އަންހެނުންގެ ކޯޑި ކެނޑުމުގެ ހަރަކާތުގައި ކޯޑި ކެނޑުމާ ހަމައިންނެވެ. އެހާ ހިސާބުން ނަވުގެ ކުޅިވަރުގެ ހަރަކާތްތައް ނިމެއެވެ.

"އަންހެނުންގެ ކޯޑީގެ ހަރަކާތް އޮންނާނީ ދެވަނައަށްވާ ދުވަހު. ދެން ފިރިހެނަކު ގޮސް މިޖެހެނީ ކޯޑި ކަނޑަން. އެހާ ހިސާބުން އަންހެންވެރިންނަށް މި ހުއްދަ ލިބެނީ ފިރިހެންވެރިން ގަޔަށް ފެން ޖަހަން." ފެންކުޅީގެ ހަރަކާތްތައް ފެށޭ ގޮތް ކިޔައިދެމުން ޝަރީފް ވިދާޅުވިއެވެ.

މީދޫގައި ކުޅޭ ނަވު ކެނޑުމުގެ ކުޅިވަރު ބަލަން އެތައް ސަތޭކަ ބަޔަކު ކޮންމެ އަހަރަކުވެސް އެރަށަށް ދެއެވެ. އާބާދީގައި 2،200 އެއްހާ މީހުން އުޅޭ މީދުއަށް ބޮޑު އީދާ ދިމާކޮށް 200-400 އާ ދެމެދުގެ އަދަދަކަށް މީހުން ޒިޔާރަތް ކުރި ކަމަށް އެރަށު ކައުންސިލުން ބުނެއެވެ. އޭގެ ތެރޭގައި ކައިރި ރިސޯޓުތަކުގެ ފަތުރުވެރިންވެސް ހިމެނެއެވެ. ނަވުގެ ކުޅިވަރަކީ، މީދޫގެ ދެ އަވަށް ވަކިން ކުޅޭ ކުޅިވަރަކަށް ވުމުން އަވަށްތަކުގެ މެދުގައި އޮންނަ ވާދަވެރިކަންވެސް އިތުރެވެ. ނަވުގެ ކުޅިވަރުގެ އިތުރުން މީދުއަކީ، ބޮޑު އީދުގައި ސަގާފީ އެތައް ކުޅިވަރެއް ކުޅޭ ރަށެކެވެ. އެގޮތުން "ކާފާބެއްޔާ" ކިޔާ މީދުއަށް ހާއްދަ މާއްޔެއް ނެރޭއިރު، ޒަމާނީ މާލިތައްވެސް އެރަށުގައި ބޮޑު އީދުގައި ނެރެއެވެ. އެ ހުރިހާ ކަމަކާއެކު މީދުވެގެން ގޮސްފައިވަނީ ރާއްޖޭގައި އީދުގެ ފޯރި އެންމެ ބޮޑަށް ނަގާ އެއް ރަށަށެވެ.