ދުނިޔެ

ރަނިލްގެ ގެކޮޅުގައި ރޯކޮށްލައިފި

މުހައްމަދު އިޝާން

ސްރީ ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމްސިންހަގެ ގެކޮޅުގައި ރޯކޮށްލައިފިއެވެ.

ސްރީ ލަންކާގައި މިއަދު ހެނދުނުން ފަށައިގެން ގިނަބަޔަކު ދަނީ މުޒާހަރާކޮށް ސަރުކާރުގެ އޮފީސްތަކަށާއި މިނިސްޓަރުންގެ ގެތަކައް ގެއްލުންދެމުންނެވެ. އެ ހަމަނުޖެހުމުގެ ތެރެއިން މިއަދު ހަވިރު ބައެއް މީހުން ވަނީ ރަނިލްގެ ގެކޮޅަށް ވަދެގެނެ ގެއްލުންތަކެއްދީފައެވެ.

ރަނިލްގެ ގެކޮޅުގައި ރޯކޮށްލާފައިވަނީ މިރޭގެ ވަގުތެއްގައެވެ. ލަންކާގެ މީޑިއާތަކުން ބުނީ، ރަނިލްގެ ގެކޮޅުގައި ރޯކޮށްލާފައިވަނީ މިރޭ އެގެއަށް ވަން މީހުން ކަމަށެވެ. އަދި އެ މީހުން އެގެއަށް ވަނީ ސަލާމަތީ ބާރުތަކާ ކުރިމަތިލުންތަކެއް ހިންގުމަށްފަހު ކަމަށެވެ. ރަނިލްގެ ގެކޮޅު ކައިރިއަށް އެއްވި މީހުން ފަހަތަށް ޖެއްސުމަށް ސަލާމަތީ ބާރުތަކުން ކަރުނަ ގޭސް ވެސް ބޭނުން ކުރިއެވެ.

މުޒާހަރާކުރަމުންދާ މީހުން ދަނީ ރަނިލްގެ އިސްތިއުފާއަށް ގޮވާލަމުންނެވެ. މިއަދު ރަނިލް ވަނީ ބޮޑުވަޒީރުގެ މަގާމުން އިސްތިއުފާދެއްވުމަށް ނިންމެވިކަން އިއުލާންކުރައްވައިފައެވެ.

ރަނިލްއަކީ ޔުނައިޓެޑް ނޭޝަނަލް ޕާޓީ (ޔޫއެންޕީ) ލީޑަރެވެ. ބޮޑުވަޒީރުގެ މަގާމަށް ރަނިލް ގެނައުމުގެ ބޭނުމުގައި ޔޫއެންޕީން ވަނީ ސްރީލަންކާ ޕޮޑުޖާނާ ޕެރަމުނާ (އެސްއެލްޕީޕީ) ޕާޓީއާއެކު ކޯލިޝަން ހަދައިފައެވެ. ރަނިލްއަށް ބޮޑުވަޒީރުގެ މަގާމު ހުށަހެޅީ ވެސް އެސްއެލްޕީޕީގެ ފަރާތުންނެވެ. ނަމަވެސް މިއަދު ޔޫއެންޕީގެ އިސް ބޭފުޅުން ވަނީ ރަނިލް އިސްތިއުފާދެއްވުމަށް ލަފާ އަރުވައިފައެވެ.

ރަނިލް ވަނީ ޕާޓީގެ އިސްބޭފުޅުންގެ އެ ލަފާ ގަބޫލުފުޅު ކުރައްވައިފައެވެ.

"ހުރިހާ ރައްޔިތުންގެ ރައްކާތެރިކަން ހިމެނޭގޮތަށް ސަރުކާރު ދެމިއޮތުން ކަށަވަރުކުރުމަށްޓަކައި އަޅުގަނޑު މިއަދު ޕާޓީގެ ލީޑަރުންގެ އެންމެ ރަނގަޅު ލަފާ ބަލައިގަންނަން،" ރަނިލް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވިއެވެ.

ރަނިލް ވިދާޅުވީ އޭނާ އިސްތިއުފާދެއްވަން ނިންމެވީ ހުރިހާ ސިޔާސީ ޕާޓީތަކުގެ ބައިވެރިވުން އޮންނަ ވެރިކަމަކަށް މަގަފަހިކޮށްދިނުމަށްޓަކައި ކަމަށެވެ. އަދި ވިދާޅުވީ، އިދިކޮޅު ސިޔާސީ ޕާޓީތަކުން ހުށަހަޅުއްވާ ކަންކަމާ އެއްގޮތަށް ވެސް ކަންކަންކުރައްވަން ތައްޔާރަށް ހުންނެވި ކަމަށެވެ.

ސްރީ ލަންކާގެ ބޮޑުވަޒީރުގެ އޮފީހުން ބުނީ، ރަނިލް އިސްތިއުފާދެއްވާނީ ހުރިހާ ޕާޓީތަކެއް ހިމަނައިގެން ސަރުކާރެއް އެކުލަވާލައި މަޖިލީހުގެ މެޖޯރިޓީ ޔޫއެންޕީއަށް ލިބުމުން ކަމަށެވެ.

ސްރީ ލަންކާގެ ބޮޑުވަޒީރުގެ މަގާމާ ރަނިލް ހަވާލުވަޑައިގަތީ މިދިޔަ މެއި މަހުގެ 12 ވަނަ ދުވަހުއެވެ. ރަނިލް ވަނީ މީގެ ކުރިން ސްރީ ލަންކާގެ ބޮޑު ވަޒީރުކަން ފަސް ފަހަރު ކުރައްވައިފައެވެ. އެއީ 1993 އިން 1994 އަށް، 2001 އިން 2004 އަށް، 2015 އިން 2015 އަށް (100 ދުވަސް)، 2015 އިން 2018 އަށް އަދި 2018 އިން 2019 އަށެވެ.