ސްރީލަންކާގެ ބޮޑުވަޒީރުގެ މަގާމުން އިސްތިއުފާދެއްވުމަށް ރަނިލް ވިކްރަމްސިންހަ ނިންމަވައިފިއެވެ.
ރަނިލްއަކީ ޔުނައިޓެޑް ނޭޝަނަލް ޕާޓީ (ޔޫއެންޕީ) ލީޑަރެވެ. ބޮޑުވަޒީރުގެ މަގާމަށް ރަނިލް ގެނައުމުގެ ބޭނުމުގައި ޔޫއެންޕީން ވަނީ ސްރީލަންކާ ޕޮޑުޖާނާ ޕެރަމުނާ (އެސްއެލްޕީޕީ) ޕާޓީއާއެކު ކޯލިޝަން ހަދައިފައެވެ. ރަނިލްއަށް ބޮޑުވަޒީރުގެ މަގާމު ހުށަހެޅީ ވެސް އެސްއެލްޕީޕީގެ ފަރާތުންނެވެ. ނަމަވެސް މިއަދު ޔޫއެންޕީގެ އިސް ބޭފުޅުން ވަނީ ރަނިލް އިސްތިއުފާދެއްވުމަށް ލަފާ އަރުވައިފައެވެ.
ރަނިލް ވަނީ ޕާޓީގެ އިސްބޭފުޅުންގެ އެ ލަފާ ގަބޫލުފުޅު ކުރައްވައިފައެވެ.
"ހުރިހާ ރައްޔިތުންގެ ރައްކާތެރިކަން ހިމެނޭގޮތަށް ސަރުކާރު ދެމިއޮތުން ކަށަވަރުކުރުމަށްޓަކައި އަޅުގަނޑު މިއަދު ޕާޓީގެ ލީޑަރުންގެ އެންމެ ރަނގަޅު ލަފާ ބަލައިގަންނަން،" ރަނިލް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވިއެވެ.
ރަނިލް ވިދާޅުވީ އޭނާ އިސްތިއުފާދެއްވަން ނިންމީ، ހުރިހާ ސިޔާސީ ޕާޓީތަކުގެ ބައިވެރިވުން އޮންނަ ވެރިކަމަކަށް މަގަފަހިކޮށްދިނުމަށްޓަކައި ކަމަށެވެ. އަދި ވިދާޅުވީ، އިދިކޮޅު ސިޔާސީ ޕާޓީތަކުން ހުށަހަޅުއްވާ ކަންކަމާ އެއްގޮތަށް ވެސް ކަންކަންކުރައްވަން ތައްޔާރަށް ހުންނެވި ކަމަށެވެ.
ލަންކާގެ ބޮޑުވަޒީރު އޮފީހުން ބުނީ، ރަނިލް އިސްތިއުފާދެއްވާނީ ހުރިހާ ޕާޓީތަކެއް ހިމަނައިގެން ސަރުކާރެއް އެކުލަވާލައި މަޖިލީހުގެ މެޖޯރިޓީ ޔޫއެންޕީއަށް ލިބުމުން ކަމަށެވެ.
ރަނިލް އިސްތިއުފާދެއްވަން ނިންމަވާފައި މިވަނީ ލަންކާގައި މިއަދު ބޮޑު މުޒާހަރާއެއް ކުރިއަށްދަނިކޮށެވެ. ލަންކާގެ ސަރުކާރާ ދެކޮޅަށް މިއަދު ކުރަމުންދާ ބޮޑު މުޒާހަރާގެ ބައިވެރިން ވަނީ، ބޮޑުވަޒީރުގެ އޮފީހަށާއި، ރަނިލް ދިރިއުޅުއްވާ ގެކޮޅަށާއި ރައީސް ގޮޓަބަޔަ ރާޖަޕަކްސަގެ ގެކޮޅަށް ވަދެގެންފައެވެ.
ލަންކާގެ މީޑިއާ ރިޕޯޓުތައް ބުނާގޮތުން ލަންކާގައި މުޒާހަރާއަކަށް ތައްޔާރުވުމާއެކު، ވެރިރަށް ކޮލަމްބޯ ހިމެނޭ ގޮތަށް ހަތް ސަރަހައްދެއްގައި ވަނީ ކާފިއު އިއުލާނުކޮށްފައެވެ. ނަމަވެސް މިއަދު އެ ކާފިއު އުވާލުމާއެކު މުޒާހަރާގެ ބައިވެރިން ވަނީ ލަންކާގެ ގަވަމެންޓް ޑިސްޓްރިކްޓަށް ނުކުމެ ގޮޓަބަޔަ ރާޖަޕަކްސަގެ ގެކޮޅާއި އޮފީސް ކައިރިއަށް ޖަމާވެ މުޒާހަރާކުރަން ފަށައިފައެވެ.
މި މުޒާހަރާގައި ސަލާމަތީ ބާރުތަކާއި އާންމުންގެ ކުރިމަތިލުންތަކެއް ހިނގި ނަމަވެސް މުޒާހަރާގެ ބައިވެރިން ވަނީ ސަލާމަތީ ބާރުތަކުގެ ސަފުތައް ފޫއަޅުވާލައި ފަސޭހަކަމާއެކު ރައީސްގެ ގެކޮޅަށާއި އޮފީހަށްވެސް ވަދެގެންފައެވެ.
ލަންކާގެ ޑިފެންސް މިނިސްޓްރީގެ އޮފިޝަލުންނާ ހަވާލާދީ ރޮއިޓާސް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި މުޒާހަރާގެ ކުރިން އިއްޔެ ގޮޓަބަޔަ ރާޖަޕަކްސަ ވަނީ ސަލާމަތީ ހިސާބަކަށް ގެންގޮސްފައެވެ.
ދައުރުވަމުންދާ މުޒާހަރާގެ ވީޑިއޯތަކުން ފެންނަ ގޮތުގައި ރައީސްގެ ގެކޮޅަށް ވަންނަމުންދާ މީހުންގެ ތެރޭގައި އެގައުމުގެ ސިފައިން ތިބި ނަމަވެސް މުޒާހަރާގެ ބައިވެރިން ހުއްޓުވުމަށް މަސައްކަތް ކުރާ ތަނެއް ނުފެނެއެވެ.
މުޒާހަރާގެ ބައިވެރިން ރައީސްގެ ގެކޮޅަށް ވަދެ، އެ ގެކޮޅުގެ ތެރޭގައި ހުންނަ ސްވިމިން ޕޫލާއި އެހެން ތަންތަން ވެސް ބޭނުންކޮށްފައެވެ. މިހާރު އެ ފޮޓޯތައް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.
މީޑިއާ ރިޕޯޓުތައް ބުނާގޮތުން މި މުޒާހާރާގައި އާންމު ރައްޔިތުންގެ އިތުރުން ސިޔާސީ ބޭފުޅުންނާއި ހައްގުތަކަށް ވަކާލާތުކުރާ އިސް އެކްޓިވިސްޓުންގެ އިތުރުން ބައެއް ފުލުހުންވެސް ދަނީ ބައިވެރިވަމުންނެވެ. ރައީސްގެ ގެކޮޅާއި އޮފީސް ހިފުމުން މުޒާހަރާއަށް ތާއީދުކުރާ ފަރާތްތަކުން ދަނީ ވެރިރަށް ކޮލަމްބޯގެ މަގުތަކަށް ޖަމާވެ އުފާފާޅުކޮށް އަޑުގަދަކުރަމުންނެވެ.
ލަންކާގައި މިއަދު ކުރަމުންދާ މުޒާހަރާގައި މިހާތަނަށް 21 މީހަކަށް އަނިޔާވެ ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުންނެވެ. އޭގެ ތެރޭގައި ލަންކާގެ ދެ ފުލުހުންވެސް ހިމެނޭ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.