ނ. ހެނބަދޫން ގެއްލިގެން ހޯދަމުން އަންނަ އެރަށު ކުންނާރުގޭ އިބްރާހިމް ރާމިޒް (28އ) ދަތުރުކުރި ކަމަށް ބެލެވޭ ކެނޯ ފެނިއްޖެއެވެ.

އެމްއެމްޑީއެފުން ބުނީ، ރާމިޒް ދަތުރުކުރި ކަމަށް ބެލެވޭ ކެނޯ، ނ. ކެނދިކުޅުދޫގެ ހުޅަނގުއުތުރު ފަރާތު އަތިރިމައްޗަށް ލައްގާފައި އޮއްވައި އާންމު މީހަކަށް ފެނިގެން އެރަށުގެ ކައުންސިލަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އަދި އެ މައުލޫމާތު ކޯސްޓްގާޑަށް ލިބިފައިވަނީ މިއަދު ހެނދުނު 10:15 ގައި ކަމަށެވެ.

"އޭނާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންއިން ދަނީ ކުރަމުން،" އެމްއެންޑީއެފުން ބުންޏެވެ.

ރާމިޒް ހޯދުމަށް ހެނބަދޫ އާއި ކެނދިކުޅުދޫ އަދި ކައިރީގައިވާ ރަށްތަކުގެ ގޮނޑުދޮށްތަކާއި ކަނޑުގެ ސަރަހައްދު ކޯސްޓްގާޑުގެ ސިފައިން ބަލާފައިވާ އިރު، އެމްއެންޑީއެފް ޑޯނިއާ މަތިންދާބޯޓުގައި ވައިގެމަގުން އެ ހިސާބުގެ ކަނޑުގެ ސަރަހައްދު ވަނީ ބަލައިފައެވެ.

ފުލުހުން ބުނިގޮތުގައި ރާމިޒު އެންމެ ފަހުން ފެނިފައިވަނީި މިދިޔަ ބުރާސްފަތި ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ކަމަށާއި އޭރު އޭނާ ލައިގެން ހުރީ އަޅިކުލައިގެ ޓީޝާޓަކާއި ނޫކުލައިގެ ސޯޓެއް ކަމަށެވެ. ރާމިޒް ކެނޯއެއްގައި އެކަނި ކަނޑުމައްޗަށް ނުކުތް ކަމަށް ބެލެވޭ ކަމަށް އާއިލާއިން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ރާމިޒް ފެނިފައިވާނަމަ ނުވަތަ އޭނާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ކެނދިކުޅުދޫ ޕޮލިސް ސްޓޭޝަންގެ 9311499 އަށް ގުޅައި މައުލޫމާތު ހިއްސާކޮށްދިނުމަށް ފުލުހުން ވަނީ އެދިފައެވެ.