ޚަބަރު

އައްޑޫ ފްލައިން ސްކޫލުގެ ބައެއް ދަރިވަރުން އީއޭއެސް ބާސެލޯނާއިން ކިޔެވުން ފުރިހަމަކުރަނީ

މުހައްމަދު ޖަމްޝަތް ވަހީދު

އައްޑޫ ފްލައިން ސްކޫލުން ކިޔަވަމުންދިޔަ ބައެއް ދަރިވަރުން ސްޕެއިންގެ ބާސެލޯނާގައި ހުންނަ އޫރަޕިއަން އޭވިއޭޝަން ސްކޫލް އޮފް ބާސެލޯނާ (އީއޭއެސް ބާސެލޯނާ) ގައި ކިޔަވަން ފަށައިފިއެވެ.

އީއޭއެސް ބާސެލޯނާއިން މައުލޫމާތުދޭ ގޮތުގައި ކޯސް ފުރިހަމަކޮށް ކުރިއަށް އޮތް މަސްދުވަސްތެރޭ އެ ދަރިވަރުންނަށް ލައިސަންސް ލިބޭނެއެވެ.

އީއޭއެސް ބާސެލޯނާގެ އޮފިޝަލަކު މިއަދު 'ވަން' އަށް ވިދާޅުވީ އެ ސްކޫލުގެ މަގުސަދަކީ އައްޑޫ ފްލައިން ސްކޫލުން ކިޔަވަމުންދިޔަ ދަރިވަރުންނަށް ފަސޭހަކަމާއެކު ކިޔެވުން ފުރިހަމަކޮށްދިނުން ކަމަށެވެ. އެގޮތުން އައްޑޫ ފްލައިން ސްކޫލުން ކިޔެވި ދިވެހި ދެ ދަރިވަރަކު މިވަގުތު އެ ސްކޫލުގައި ކިޔެވުން ފުރިހަމަކުރަމުން އަންނަ ކަމަށާއި ކުރިއަށް އޮތް މަސްދުވަސްތެރޭ އެ ދެ ދަރިވަރުން ކިޔެވުން ފުރިހަމަކޮށް ރާއްޖެ އަންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"މިހާރުވެސް ބައެއް ދަރިވަރުން ވިސާ ކަންތައް ހަމަޖައްސައިގެން ފުރަން ތައްޔާރުވެގެން ތިބީ. އަދި އިތުރު ދަރިވަރުންތަކެއް ވިސާ ކަންތައް ހަމަޖެއްސުމުގެ މަސައްްކަތް ކުރަމުން އަންނަނީ،" އޮފިޝަލު ވިދާޅުވިއެވެ.

އޮފިޝަލު ވިދާޅުވީ އެ ސްކޫލުން ކިޔެވުން ފުރިހަމަކުރުމަށް އައްޑޫ ފްލައިން ސްކޫލުން ކިޔެވި ދިހަ ވަރަކަށް ދަރިވަރުން މިހާރުވެސް ފުރަން ތައްޔާރުވެފައިވާ ކަމަށެވެ. އަދި އެ ދަރިވަރުން ކިޔަވަންޖެހޭނީ ކުރިން ކިޔެވުން މެދުކެނޑުނު ހިސާބުން ކަމަށްވާތީ ކޯސް ފުރިހަމަކުރުމަށް ހޭދަވާނީ ވަރަށް ކުޑަ މުއްދަތެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ނަމަވެސް ގިނަ ދަރިވަރުންނަށް ބޭރުގެ އިންސިޓިޓިއުޓްތަކުން ޕައިލެޓް ތަމްރީނު ހެދުމަށް މިވަގުތު ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ މަތީ ތައުލީމާއި ތަމްރީނުގެ ލޯނު ފުރުސަތުގެ ދަށުން ޕައިލެޓުކަން ކިޔެވުމަށް ސަރުކާރުން ދޭ އެހީ އައްޑޫ ފްލައިން ސްކޫލަށް އެކަނި ހުޅުވާލާފައި އޮތުން ކަމަށް އީއޭއެސް ބާސެލޯނާގެ އޮފިޝަލް ވިދާޅުވިއެވެ.

އެއީ ކިޔަވަން ފުރިހަމަކުރަން ބޭނުންވެފައި ތިބި ގިނަ އަދަދެއްގެ ދަރިވަރުންނަށް ކުރިމަތިވާނެ ހުރަހަކަށްވާތީ އެކަމަށް ހައްލު ހޯދުމަށް، އީއޭއެސް ބާސެލޯނާ އިން ކިޔަވާ ދަރިވަރުންނަށްވެސް އެ ލޯނު ފުރުސަތު ހަމަޖައްސައިދިނުމަށް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ދަންނަވާފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އުންމީދަކީ ސަރުކާރުން އެކަމަށް އަވަސް އަދި އެދެވޭ ހައްލެއް ހޯދައިދީ، ޕައިލެޓް ތަމްރީނު ފުރިހަމަކުރަން ބޭނުންވެފައި ތިބި ދަރިވަރުންނަށް އެ ފުރުސަތު ވީހާވެސް އަވަހަކަށް ދިނުން ކަމަށް އޮފިޝަލު ވިދާޅުވިއެވެ.