ނ. ހެނބަދޫން ގެއްލުނު މީހާ ހޯދުމުގެ މަސައްކަތަށް ސިފައިން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފިއެވެ.

އެމްއެންޑީއެފުން މިއަދު ބުނީ، ހެނބަދޫން ރޭ މީހަކު ގެއްލިގެން އުޅޭކަމުގެ މައުލޫމާތު ލިބިގެން އެ މީހާ ހޯދުމުގައި އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންއިން ފުލުހުންނާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ގެއްލުނު މީހާ ހޯދުމަށް ހެނބަދޫ އާއި ނ. ކެނދިކުޅުދޫ އަދި ކައިރީގައިވާ ރަށްތަކުގެ ގޮނޑުދޮށްތަކާއި ކަނޑުގެ ސަރަހައްދު މިއަދު ހެނދުނު ކޯސްޓްގާޑުގެ ސިފައިން ބަލާފައިވާ އިރު، އެމްއެންޑީއެފް ޑޯނިއާ މަތިންދާބޯޓުގައި ވައިގެމަގުން އެ ހިސާބުގެ ކަނޑުގެ ސަރަހައްދު ބަލައިފައިވާނެ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ފުލުހުން އިއްޔެ ބުނީ، ގެއްލިގެން ހޯދަމުންދަނީ ހެނބަދޫ ކުންނާރުގެ، އިބްރާހީމް ރާމިޒް (28އ) ކަމަށެވެ. އޭނާ އެންމެ ފަހުން ފެނިފައިވަނީި އިއްޔެ ހެނދުނުގެ ވަގުތެއްގައި ކަމަށާއި އޭރު އޭނާ ލައިގެން ހުރީ އަޅިކުލައިގެ ޓީޝާޓަކާއި ނޫކުލައިގެ ސޯޓެއް ކަމަށް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ބުނެފައިވަނީ، އިއްޔެގެ ވަގުތެއްގައި އިބްރާހީމް ރާމިޒް ކެނޯއެއްގައި އެކަނި ކަނޑުމައްޗަށް ނުކުތް ކަމަށް ބެލެވޭކަމަށް އާއިލާއިން މައުލޫމާތު ދީފައިވާ ކަމަށެވެ.

ރާމިޒް ފެނިފައިވާނަމަ ނުވަތަ އޭނާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ކެނދިކުޅުދޫ ޕޮލިސް ސްޓޭޝަންގެ 9311499 އަށް ގުޅައި މައުލޫމާތު ހިއްސާކޮށްދިނުމަށް ފުލުހުން ވަނީ އެދިފައެވެ.