ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިން އެމްޑީޕީއަށް ސޮއިކުރައްވައިފިއެވެ.
ޑީއާރުޕީން ސިޔާސީ ހަޔާތް ފެއްޓެވި ސައުދު އެންމެ ފުރަތަމަ މަޖިލީހަށް ހޮވިވަޑައިގެންނެވީ 2014 ވަނަ އަހަރު، ޕީޕީއެމްގެ ޓިކެޓުގައެވެ. ނަމަވެސް އެ ޕާޓީއާއެކު އުފެދުނު ހިޔާލު ތަފާތުންތަކެއްގެ ތެރެއިން ސައުދު އެ ޕާޓީން ވަކިކުރިއެވެ. އެހެންވެ އޭނާ ދެން މަސައްކަތް ކުރެއްވީ އޭރު އިދިކޮޅު ފަރާތްތަކާއެކުއެވެ.
ނަމަވެސް އިދިކޮޅު ފަރާތްތަކާ އެކު މަސައްކަތް ކުރައްވަން ފެއްޓެވުމާ އެކު މަޖިލީހުން ވަކިކުރި 12 މެންބަރުންގެ ތެރޭގައި އޭނާ ހިމެނިވަޑައިގަންނަވައެވެ. އަދި ވަކިކުރި މެންބަރުންގެ ތެރެއިން ދެ ވަނަ ދައުރަކަށް މަޖިލީހަށް އިންތިހާބުވެވަޑައިގެންނެވީ ސައުދު އެކަންޏެވެ.
އެމްޑީޕީއަށް ސޮއިކުރުމާ ގުޅޭ ގޮތުން ސައުދުގެ ރަސްމީ ބަހެއް އަދި ނުލިބެއެވެ.
"ވަން" އެނގިފައިވާ ގޮތުގައި ސައުދުގެ ފޯމު އެމްޑީޕީއަށް ފޮނުވާފައި ވަނީ، އެ ދާއިރާއިން ސޮއިކުރި މެމްބަރުންތަކެއްގެ ފޯމާއެކުގައެވެ. ސައުދު އެމްޑީޕީއާ ގުޅިވަޑައިގަތްކަން ރަސްމީކޮށް ހާމަކުރައްވާނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ހައްޖުގެ އަޅުކަމަށްފަހު ރާއްޖެ ވަޑައިގަތުމުން ކަމަށްވެސް އެނގިފައިވެއެވެ.
ސައުދު އެމްޑީޕީއާ ގުޅިވަޑައިގަތުމާއެކު ރައްޔިތުންގެ މަޖިލީހުގައި އެ ޕާޓީ ތަމްސީލުކުރާ މެންބަރުންގެ އަދަދު 66 އަށް އަރާނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު