ސިޔާސީ ބައެއް މީހުންނާއި ވިޔަފާރިވެރިން އަދި އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާ އެކު އެއް ޖިންސުން ގުޅުން ހިންގިކަމަށް ތުހުމަތުކުރާ ބަންގްލަދޭޝްގެ އަލަމްގިރި އާއި އޭނާއާއެކު ގުޅުން ހިންގިކަމަށް ތުހުމަތުކުރާ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދުގެ ޕާސްޕޯޓު ހިފަހައްޓައިފިއެވެ.

"ވަން" އެނގިފައިވާ ގޮތުގައި ފުލުހުން ގެންދަނީ ނަޝީދުގެ މައްސަލަ ތަހުގީގު ކުރަމުންނެވެ. އޭނާގެ ޕާސްޕޯޓު ހިފެހެއްޓީ މިއަދުއެވެ.

މިކަމާ ގުޅޭ އިތުރު ތަފްސީލެއް ނުލިބެއެވެ.

އެ މައްސަލައިގެ ތަހުގީގަށް އަލަމްގިރި ވަނީ މީގެ ކުރިން ފުލުހަށް ހާޒިރުކޮށްފައެވެ.

އަލްމްގިރިއާއެކު ރައްޔިތުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު ނާޒިމް ސައްތާރު އެއް ޖިންސުން ޖިންސީ ގުޅުން ހިންގި ކަމަށް ތުހުމަތުކުރާ ވީޑިއޯގައި ފެންނަ ކޮޓަރީގައި ކާނަލް ނަޝީދު ހުންނަ މަންޒަރުގެ ފޮޓޯއެއް މިދިޔަ މަހު ވަނީ އާންމުވެފައެވެ.

އެފަހަރު ކާނަލް ނަޝީދު ވިދާޅުވެފައިވަނީ އެ ކޮޓަރިއަށް އޭނާ ގެންދިޔައީ ވިޔަފާރި ބައްދަލުވުމެއް ކަމަށް ބުނެ ކަމަށެވެ. އެތަނަށް އޭނާ ގެންދިޔަ މީހުންގެ މަގުސަދަކީ އޭނާ ލައްވައި އެއް ޖިންސުން ޖިންސީ ގުޅުން ހިންގުވުން ކަމަށެވެ.

"އަޅުގަނޑު އެކަމުން ބަރީއަތްވިން. އެ މީހުން މި ފޮޓޯ ލީކުކޮށްލާނެކަމުގެ ބިރު ދެއްކި. ދެ ލައްކަ ޑޮލަރު ހޯދަން އެދުނު. އަޅުގަނޑު ބުނިން ލީކުކޮށްލާށޭ. ލާރިއެއް ނުލިބޭނެޔޭ،" ކާނަލް ނަޝީދު ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން ކާނަލް ނާޝިދު ވިދާޅުވީ، އޭނާގެ ބަރަހަނާ ފޮޓޯއެއް ނުހުންނާނެ ކަމަށެވެ. އަދި އޭނާއަކީ އެއްވެސް ސިޔާސީ ޕާޓީއެއްގެ މެމްބަރެއް ނޫން ކަމަށެވެ.

ނަމަވެސް މި ހަފުތާ ތެރޭގައި ނަޝީދުކަމަށް ބެލެވޭ މީހަކު އަލަމްގިރިއާއެކު އެ ރޫމް ތެރެއިން ފެންނަ އިތުރު ވީޑިއޯތަކެއް ވަނީ އާންމުވެފައެވެ.