މާލޭ ރައްޔިތުންނަށް ހާއްސަކޮށް ހުޅުވާލި 3000 ގޯތި ހިލޭ ދިނުމަކީ ދައުލަތަށް އެންމެ ފައިދާހުރި ގޮތްތޯ ބަލަން ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅައިފިއެވެ.
އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖެވެ.
މިދިޔަ ހަފުތާގައި ސަރުކާރުން ވަނީ ހުޅުމާލެއިން 1000 ގޯއްޗާއި ގުޅިފަޅުން ދޫކުރާ 2000 ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފައެވެ.
އެކަމާ ގުޅިގެން މެމްބަރު ސިރާޖު މަޖިލީހަށް ފޮނުވި ސިޓީއެއްގައި ވިދާޅުވީ، ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަޅާފައިވާ ހިޔާ ޓަވަރުތަކުން 6،720 އާއިލާއަށް ފްލެޓް ދީފައިވާ ކަމަށެވެ. އޭގެ ތެރެއިން މާލޭ ރަށްވެހިންނާއި މާލޭގެ ދަފުތަރުގައި ޖެހިފައިވާ މީހުންނަށް ހާއްްސަކޮށްފައިވާ އެޗް-8 އަދި އެޗް-9 ކެޓަގަރީން ފްލެޓް ދިން، 3،860 އާއިލާއަށްވެސް އެ ފްލެޓުތައް ދީފައި ވަނީ ފައިސާ ދައްކާ ގޮތަށް ކަމަށެވެ.
މި ފަހުން މާލެ މީހުންނަށް ހާއްސަކޮށް ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން 60 ބިމެއް ވިއްކަން ހުޅުވާލިއިރު، އަކަފޫޓެއް 7000 ރުފިޔާއިން މަތީގައި ހުރިއިރުވެސް އެ ގޯތިތަކަށްވެސް މާލެ ރައްޔިތުންގެ ބޮޑު ޑިމާންޑެއް އޮތް ކަމަށް ސިރާޖު ވިދާޅުވިއެވެ.
އެ ސިޓީގައި ވަނީ މާލެ ސަރަހައްދުން ދޫކުރާ ގޯތިތައް 5000 އާއިލާއަށް އިންސާފުވެރިކަމާއެކު ބެހޭނެ ކަމަށް ނުދެކޭތީ އާއި އެ ބިންތައް ބީލަމަށް ލައިގެން ވިއްކައިފިނަމަ، ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބިދާނެ ކަމަށް އަންދާޒާ ކުރެވޭ ފައިސާގެ އަދަދަކީ ކޮބައިތޯ ބަލަން އެދޭ ކަމަށެވެ.
"ދައުލަތުގެ ދަަރަނި 100 ބިލިއަނަށް އަރައި ދަރަނި ނުދެއްކޭނެ ކަމުގެ ބަހުސް އިންތިހާއަށް ބޮޑުވެފައިވާ ހާލަތެއްގައި ހަތަރު ލައްކައެއްހާ މީހުންގެ އާބާދީގެ ތެރެއިން 5000 އާއިލާއަށް 48 ބިލިއަން ރުފިޔާގެ އަގު ހުރި ބިން ހިލޭ ދިނުމަކީ ބޮޑު ބޭއިންސާފެއް ކަމުގައި އަޅުގަނޑު ދެކެން،" ސިރާޖު ވިދާޅުވިއެވެ.
ސަރުކާރުން ގޯތި ދޫކުރަން ނިންމާފައިވާ އެންމެ ކުޑަ ސައިޒަކީ 1،250 އަކަފޫޓެވެ. ނަމަވެސް ޖޮއިންޓް އެޕްލިކޭޝަނެއް ނަމަ، އިތުރުވާ ކޮންމެ މީހަކަށް 400 އަކަފޫޓު އިތުރުވާނެއެވެ. އެގޮތުން އެންމެ ގިނަވެގެން ކުރިމަތިލެވޭނީ ހަތް މީހުންނަށެވެ. އެއަށްވުރެ ގިނަ މީހުން ކުރިމަތިލިޔަސް ލިބޭނީ 4،000 އަކަފޫޓުގެ ގޯއްޗެކެވެ.
- މާލޭގެ ރައްޔިތެއްކަމުގައިވުން
- 18 އަހަރު ފުރިފައިވާ މީހެއްކަމުގައިވުން
- މާލޭ ސަރަޙައްދުގައި އަމިއްލަ ނަމުގައި 600 އަކަފޫޓަށްވުރެ ބޮޑު ތަނެއް ނެތުން
- 600 އަކަފޫޓަށްވުރެ ބޮޑުތަނެއް ރަޖިސްޓްރީވެފައިވާނަމަ، އެތަނެއް ދޫކޮށްލަން އެއްބަސްވުން
- އަސާސީ ބޯހިޔާވަހިކަމުގެ ސްކީމަކުން އެއްވެސް ބޯހިޔާވަހިކަމެއް ލިބިފައިވާ މީހެއްކަމުގައި ނުވުން
- ބަންޑާރަ ގޯއްޗަކުން ބަހައިގެން ވާރުތައިން ލިބެންއޮންނަ ތަނެއް ދޫކޮށްލަން އެއްބަސްވުން
- އަމިއްލަ ނަމުގައި އޮތް ބަންޑާރަ ގޯއްޗެއް އެހެން ފަރާތަކަށް ދީފައި ނުވަތަ ވިއްކާލާފައިނުވުން
ޚަބަރު
ޚަބަރު
ޚަބަރު