އާމްދަނީ އިތުރުކުރަން ޖީއެސްޓީން ދެ ޕަސެންޓް އަދި ޓީޖީއެސްޓީން ހަތަރު ޕަސެންޓް ބޮޑުކުރަން ނިންމާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަމީރު ވިދާޅުވީ ދުނިޔޭގެ އިގްތިސާދަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ކުރާނެ އަސަރު ކުޑަ ކުރުމަށްޓަކައި ރާއްޖޭގެ ދަރަނި މެނޭޖުކުރުމަށް އާ ސްޓްރެޓެޖީއެއް އެކުލަވާލަމުން އަންނަ ކަމަށެވެ.
އަދި ރަޝިޔާ ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ދިމާވާ ގޮންޖެހުންތަކުން އަރައިގަނެ ދައުލަތުގެ ހަރަދުތައް ދެކޮޅު ޖެއްސުމުށް ސަރުކާރުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށާއި ކުރިއަށް އޮތް ތަނުގައި އެކަމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް ގަބޫލުކުރާ ކަމަށް ވިދާޅުވިއެވެ.
އަމީރު ވިދާޅުވީ އެ ފިޔަވަޅުތަކުގެ ތެރޭގައި ދައުލަތުގެ ހަރަދު ކުޑަކުރުމާ އެއްވަރަށް އާމްދަނީ އިތުރުވާނެ ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށެވެ. އެގޮތުން މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް (ޖީއެސްޓީ) އަށް ޕަސެންޓަށް ބޮޑުކޮށް، ފަތުރުވެރިކަމުން ނަގާ ޖީއެސްޓީ 16 ޕަސެންޓަށް ބޮޑުކުރަން ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ.
"ކުރީއްސުރެވެސް އައިއެމްއެފް، ވޯލްޑް ބޭންކުން ތަންތަނުގެ ރިޕޯޓުތަކުންވެސް ފާހަގަވާނެ، ރާއްޖޭގެ ޖީއެސްޓީވެސް ޓީޖީއެސްޓީގެ ރޭޓުތައްވެސް ދުނިޔޭގެ އެހެން ގައުމަތަކަށް ބަލައި އިރު، ސްމޯލް އައިލެންޑް ޑިވޮލޮޕިން ސްޓޭޓްތަކާ އަޅާ ބަލައިއިރުވެސް، ޓޫރިޒަމްގެ ގައުމުތަކަށް ބަލައިއިރުވެސް ރާއްޖޭގެ ރޭޓުތައް މިހިރީ ދަށްކޮށް. އަދިވެސް އޭގެ ޖާގަތައް އެބައޮތް. އެހެންވީމަ އެކަންތައްތަކާ އެއްކޮށް އަޅުގަނޑުމެން ޒިންމާދާރު ސަރުކާރެއްގެ ގޮތުގައި އެނިންމުންތައް އަޅުގަނޑުމެން ނިންމަމުން ގެންދާނަން" އަމީރު ވިދާޅުވިއެވެ.
ރާއްޖޭގައި އާއްމު ޖީއެސްޓީން މިހާރު ނަގަނީ ހަ ޕަސެންޓެވެ. އަދި ޓޫރިޒަމް ޖީއެސްޓީން ނަގަނީ 12 ޕަސެންޓެވެ.
ޖީއެސްޓީ އިތުރުކުރަން ހަމަޖެހިފައި ވަނީ ސީދާ ކޮން އިރަކު ކަމެއް މިނިސްޓަރު ވިދާޅެއް ނުވެއެވެ. ނަމަވެސް އެކަމަށް ތައްޔާރުވާން ހަ މަހުގެ މުއްދަތެއް ދޭނެ ކަމަށް ވިދާޅުވިއެވެ.
"މިހާރު އަޅުގަނޑުމެން މަޝްވަރާ ކުރުމުން މިދަނީ ހަ މަސް ދޭން. ގިނަ ވަގުތު ލިބިގެންދިޔަ ވަރަކަށް ފަތުރުވެރިކަމުގެ ސިނާއަތުގެ ބޭފުޅުންނަށްވެސް ފަސޭހަ ވެގެންދާނެ. އެކަމަކު އަޅުގަނޑުމެން ކަރެކްޓިވް މެޝާސްތައް ނެގުން ލަސްކޮށްފި ނަމަ ދެން އަންނަ އިގުތިސާދީ ކްރައިސިސްތަކަކީ މެނޭޖު ނުކުރެވޭނެ ހާލަތަކަށް ދިއުމަކީ އަދި މާ ގޯސްވެދާނެ ކަމެއް" އަމީރު ވިދާޅުވިއެވެ.
ދައުލަތުގެ ޚަރަދުތައް ދެކޮޅު ޖެއްސުމުގެ ފިޔަވަޅެއްގެ ގޮތުން ރާއްޖޭގެ ފިސްކަލް ސްޓްރެޓެޖީއަށް ބަދަލުތަކެއް ގެނައުމަށް ކަމާބެހޭ ފަރާތްތަކާއެކު ސަރުކާރުން ވަނީ މަޝްވަރާތައް ފަށާފައެވެ. އަދި އާ ފިސްކަލް ސްޓްރެޓެޖީ މި މަސްތެރޭގައި ރައްޔިތުންގެ މަޖިލީހަށް ފޮނުވާނެ ކަމަށާއި އަންނަ އޮގަސްޓު މަހު އާ ސްޓްރެޓެޖީ އާއްމުކުރާނެ ކަމަށް މިނިސްޓްރީން މިއަދު ބުނި އިރު އަންނަ އަހަރުން ފެށިގެން ދައުލަތަށް ލިބޭ އާމްދަނީ އިން ރިކަރަންޓު ހަރަދު ފުއްދަންޖެހޭ ކަމަށް ރައީސް ސޯލިހުވެސް ވަނީ ވިދާޅުވެފައެވެ.
އެހެންކަމުން ބެލެވޭ ގޮތުގައި ސަރުކާރުން ޖީއެސްޓީން ނަގާ މިންވަރު އިތުރުކުރާނީ އަންނަ އަހަރުން ފެށިގެންނެެވެ.