މާލޭ ސިޓީގައި ބަހަކާއި ކާރެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

ފުލުހުން މިއަދު ބުނީ، މިއަދު 18:09 އެހާކަންހާއިރު އެކުވެނި ޓްރެކް ކައިރީ ބޭރު މަގުގައި ކާރަކާއި ބަހެއް ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށެވެ.

އެ އެކްސިޑެންޓުގައި ހަތަރު މީހަކަށް އަނިޔާވެފައިވާކަމަށް ފުލުހުން ބުންޏެވެ. އަދި އެ މީހުންނަށް އައިޖީއެމްއެޗް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށްވެސް ބުންޏެވެ. ނަމަވެސް އެމީހުންނަށް ލިބުނު އަނިޔާތަކުގެ ތަފްސީލެއް ހާމައެއް ނުކުރެއެވެ.

އެމީހުންނަށް ލިބުނު އަނިޔާތަކުގެ ތަފްސީލެއް ހޯދުމަށް އައިޖީއެމްއެޗަށް ގުޅުމުން ފޯނަށް ޖަވާބުދީފައެއް ނުވެއެވެ.

އެމްއެންޑީއެފުން ދެންމެ ބުނީ މާލޭ ކުޅިވަރު އެކުވެނި ކައިރިން ބަހަކާއި ކާރެއް ޖެހި ހިނގި އެކްސިޑެންޓްގައި ކާރުގައި ތާށިވި މީހުން ފަޔާ އެންޑް ރެސްކިޔު ސާވިސްގެ ސިފައިންގެ އެހީތެރިކަމާއެކު ސަލާމަތްކޮށްފައިވާ ކަމަށެވެ.

މަންޒަރުދުށް މީހަކު "ވަން" އަށް ބުނީ، އެކްސިޑެންޓް ހިނގާފައިވަނީ ރަތް ކުލައިގެ ކާރު އޯވާޓެކް ކުރަން އުޅުމުގެ ތެރޭގައި އިތުރު ކާރެއްގައި ޖެހި، ކޮންޓްރޯލްނުވެ ގޮސް، ބަހުގައި ޖެހިގެންނެވެ. އެކްސިޑެންޓްގައި ކާރުގައި ތިބި ދެ މީހަކަށް ވަރަށް ބޮޑަށް އަނިޔާވެފައިވާ ކަމަށްވެސް އޭނާ ބުންޏެވެ.

އެކްސިޑެންޓްގައި ކާރުގެ ފަހަތަށް ވަރަށް ބޮޑަށް ގެއްލުންވެ، ކާރު ވަނީ ފުނޑުފުނޑުވެފައެވެ. އަދި ބަހަށްވެސް ގެއްލުންވެފައިވާއިރު، ބަހުގެ ކުރީކޮޅު އޮތީ ބަނޑިވެފައެވެ. އަދި އަނެއް ކާރަށްވެސް ވަނީ ގެއްލުންތަކެއް ލިބިފައެވެ.