މާލޭގެ މަގުތައް ހެދުމުގެ ޕްރޮޖެކްޓުގެ ދަށުން އަމީނީ މަގުގައި ތާރުއެޅުން ޕްލޭނިން މިނިސްޓްރީގެ ދަށަށް ނަގާފައި ވަނީ ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފަށް ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.
މާލެ ސިޓީ ކައުންސިލުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އަމީނީ މަގު ހެދުމުގެ މަޝްރޫއު ޕްލޭނިން މިނިސްޓްރީގެ ދަށުން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އާ ހަވާލުކޮށްފައި ވަނީ ގާނޫނުގެ ހުރިހާ ހަމައެއް މުގުރާލައިގެން ކަމަށެވެ.
އަދި މީގެ ކުރިން ސިޓީ ކައުންސިލާއި އާރްޑީސީއާ ދެމެދު ހަދާފައިވާ އެއްބަސްވުމުގެ އަގު ދެގުނައަށްވުރެ ބޮޑުކޮށް އެ މަޝްރޫއުގެ މަސައްކަތް އަލުން ހަމަ އެ ކުންފުންޏަށް ދީފައި ވަނީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަމަށްވެސް ވިދާޅުވިއެވެ.
އަމީނީ މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތް ޕްލޭނިން މިނިސްޓްރީން އާރްޑީސީއާ ހަވާލުކުރީ 84 މިލިއަން ރުފިޔާއަށް 210 ދުވަހުގެ ތެރޭގައި އެ މަސައްކަތް ނިންމުމަށެވެ. ނަމަވެސް ސިޓީ ކައުންސިލާއި އާރްޑީސީއާ ދެމެދު އަމީނީ މަގު ހެދުމަށް އެއްބަސްވީ 39 މިލިއަން ރުފިޔާއަށެވެ.
"އަޅުގަނޑުމެންނެއް ނޫން އަގު ހުށަހެޅީ، އާރްޑީސީން އަޅުގަނޑުމެންނަށް ފޮނުވި ބީއޯކިއު އެއީ. އަދި އެ ބޭފުޅުންގެ ޕްރޮފިޓް އެއަށް ލާފައި، ލޭބާ ކޯސްޓް، މެޓީރިއަލް ކޯސްޓުގެ އިތުރުން ޕްރޮފިޓް އެއަށް ލާފައި 39 މިލިއަން ރުފިޔާއަށް އަމީނީ މަގު ނިންމަން. އެކަމަކު އެ މަސައްކަތް އަޅުގަނޑުމެންނަށް ނުވިއޭ ބުނެ ޕްލޭނިން މިނިސްޓްރީން އެ މަސައްކަތް ނަގައި އަލުން އާރްޑީސީއާ ހަވާލު މިކުރީ 45 މިލިއަން ރުފިޔާ އިތުރުކޮށް. މިއީ ކޮރަޕްޝަނެއް ނޫންތޯ؟ މިއީ ކަނޑައެޅިގެން ކޮރަޕްޝަންގެ އަމަލަކަށް ނުވާނެ އެއްގޮތެއްވެސް ނޯންނާނެ،" މުއިއްޒު ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ އަމީނީ މަގު ހެދުމުގެ މަސައްކަތް ބޮޑު އަގުގައި އާރްޑީސީއަށް ދިނީ ހަރަދު ކުޑަކުރަން ފިނޭންސް މިނިސްޓްރީން އިދާރާތަކަށް އަންގާފައިވަނިކޮށް ރައްޔިތުންގެ ފައިސާ އިސްރާފުކުރަން ކަމަށެވެ. އަދި އަންނަ ބުދަ ދުވަހު ބާއްވާ މާލެ ސިޓީ ކައުންސިލުގެ ބައްދަލުވުމުގައި އެ މައްސަލައާމެދު ވާހަކަދައްކައި އެޅެން އޮތް ފިޔަވަޅެއް އަޅާނެ ކަމަށް ވިދާޅުވިއެވެ.
ސިޓީ ކައުންސިލަށް ނުވި ކަމަށް ބުނެ މާލޭ މަގު ހެދުމުގެ މަސައްކަތް މިހާރު ސިޓީ ކައުންސިލުގެ އަތުން ނަގާފައިވާކަން ފާހަގަކުރައްވައި މުއިއްޒު ވިދާޅުވީ، އެއީ ލާމަރުކަޒީ ގާނޫނާއި މާލިއްޔަތު ގާނޫނާ ހިލާފަށް ނިންމި ނިންމުމެއް ކަމަށެވެ.
އަދި ކައުންސިލުުން ޕީއަސްޕީ މަޝްރޫއެއްގެ ގޮތުގައި އެ މަޝްރޫއު ކުރިއަށް ގެންދަނިކޮށް، މަސައްކަތް ހުއްޓުނީ ފައިސާގެ މައްސަލަ ދިމާވުމުން ކަމަށާއި ލާމަރުކަޒީ ގާނޫނު އޮންނަ ގޮތުން 15 މިލިއަން ރުފިޔާއަށްވުރެ ބޮޑު މަޝްރޫއެއް ނަމަ ފައިސާ ދޫކުރަނީ ޕްލޭނިން މިނިސްޓްރީން ކަމަށްވެސް ވިދާޅުވިއެވެ.
"ފައިސާ ނުލިބުނު، އާރްޑީސީއަށްވެސް ބޮޑު ގެއްލުމެއް ލިބުނީ، ކުންފުންޏެއްގެ ހައިސިއްތުން އެ ބޭފުޅުންވެސް މަސައްކަތް ކުރިއަކަށް ނުގެންދާނެ، މަސައްކަތް ހުއްޓުނީ އެ ހިސާބުން، މަގު ހެދުމުގެ މަސައްކަތަށް ބުރޫ އެރުމުން، އެކަމަށް ހައްލެއް ހޯދަން ކަމާގުޅޭ ފަރާތްތަކާ އެކު ގިނަ ބައްދަލުވުންތަކެއް ބޭއްވިން. މި ބައްދަލުވުންތަކަށްވެސް އެދެވޭ ޖަވާބެއް ނުދިނީ ޕްލޭނިން މިނިސްޓްރީން. އެ އިދާރާއިން މި ފޮނުވަނީ އިދާރީ މުވައްޒަފުން، ޕޮލިސީ ލެވެލްގެ ބޭފުޅަކާ ބައްދަލުވާ ގޮތެއް ނުވި. އެހެންވީމަ އެ މަޝްރޫއު ސިޓީ ކައުންސިލުން އަތުލުމާ ހަމައަށް ހައްލެއް ހޯދައިދީފައެއް ނުވޭ." އޭނާ ވިދާޅުވިއެވެ
މުއިއްޒު ވިދާޅުވިީ ޕީއެސްއައިޕީ ޕްރޮޖެކްޓުތަކަކީ ވަކި އުސޫލެއްގެ ދަށުން އެއް އިދާރާއަކުން އަނެއް އިދާރާއަކަށް ބަދަލުކުރެވޭ މަޝްރޫއުތަކަކަށްވާ އިރު، އެ ބަދަލުވެސް ގެނެސްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށެވެ. އަދި ރައީސް އޮފީހުން މިއަދާ ހަމައަށްވެސް މި މަޝްރޫއު ސިޓީ ކައުންސިލުން ވަކިކުރި ކަމަކަށް އަންގާފައިނުވާ ކަމަށާއި އާރްޑީސީއާއެކު އެ ކައުންސިލުން ހެދި އެއްބަސްވުމަށް ވާނެ ގޮތްވެސް ނޭނގޭ ކަމަށް ވިދާޅުވިއެވެ.
މުއިއްޒު އިތުރަށް ވިދާޅުވީ ސަރުކާރުން މިގޮތަށް އަމަލު ކުރަނީ ސިޓީ ކައުންސިލްގެ އަގުލަބިއްޔަތު ޕީޕީއެމަށް އޮތުމުން ކަމަށެވެ.
މާލޭގެ މަގުތައް ޒަމާނީ ފެންވަރަކަށް ތަރައްގީކުރުމަށް މާލެ ސްޓްރީޓްސްކޭޕިން ޕްރޮޖެކްޓުގެ ނަމުގައި ހާއްސަ މަޝްރޫއުއެއް ފެށީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގައެވެ. އެ ޕްރޮޖެކްޓުގެ ދަށުން މާލޭގެ އިތުރު މަގުތަކެއް ތަރައްގީކުރުމަށް މަޝްރޫއުގެ ދެވަނަ ފިޔަވަހި އާރުޑީސީއާއެކު ސޮއިކޮށްފައި ވަނީ ކުރީގެ މޭޔަރު ޝިފާ މުހައްމަދުގެ ދައުރުގައެވެ.
މަގުތައް ޒަމާނީ ފެންވަރަކަށް ބަދަލުކުރުމަށް 462 މިލިއަން ރުފިޔާ ހަރަދުކުރުމަށް ހަމަޖެހިފައިވެއެވެ. އެ އެއްބަސްވުމުގެ ދަށުން ގިނަ މަގުތަކެއްގައި އަލުން ގާ އަތުރައި ބައެއް މަގުތަކުގައި ތާރު އަޅަން އޮތީ ނިންމައިފައެވެ. ތާރު އަޅަން ނިންމި މަގުތަކުގެ ތެރޭގައި އަމީނީ މަގުގެ އިތުރުން ބޮޑުތަކުރުފާނު މަގާއި ފަރީދީ މަގާއި ބުރުޒު މަގު ހިމެނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު